
ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަ ކުރުން ހުއްދަތަ؟
آدم نشان المالديفي
އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ، އިސްލާމް ދީން ޙައްޤު ދީނެއް ކަމުގައި ލައްވަވައި އެދީން ފުރިހަމަ ކުރެއްވެވި ގަދަ ކީރިތިވަންތަ الله سبحانه وتعالى އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ޙައްޤުގޮތް ބަޔާން ކޮށްދެވަވައި، ޝިރުކާއި އެންމެހައި މުންކަރާތްތަކާއި ޚުރާފީ ކަންތައްތަކާއި ބިދުޢަތަކުން ދުރުހެލިވުމަށް ގޮވާލެއްވުމަށްޓަކައި، މިއުއްމަތަށް ކައު ކުރެއްވި ކީރިތި ނަބިއްޔާ محمد صلى الله عليه وسلم އަށެވެ. އަދި މިޞަލަވާތާއި ސަލާމްގައި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތަށް ތަބާވެގެންތިބި އެންމެހައި މީސްތަކުން ޝާމިލު ކުރަމެވެ.
الله تعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ. “وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ” (الحشر: 7). މާނައަކީ: “އަދި ރަސޫލު الله صلى الله عليه وسلم އެކަމަކާއިގެން ވަޑައިގެންނެވި ކޮންމެ ކަމެއްގައި ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި ނަހީ ކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވެގަންނާށެވެ. އަދި ތިޔަބައިމީހުން الله އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން اللهއީ ޢުޤޫބާތް (ޢަޛާބު) ދިނުމުގައި ގަދަފަދަވެގެންވާ އިލާހެވެ.”
ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “وإياكم ومحدثات الأمور؛ فإن كل محدثة بدعة وكل بدعة ضلالة” وفي رواية: “وكل ضلالة في النار” (رواه الإمام أحمد والنسائي). މާނައަކީ: “އަދި ދީނުގެ ކަންތައްތަކުގެ ތެރެއިން، އަލަށް ދީނުގެ ތެރެއަށް ވަންނަ ކަންތައްތަކުން ތިޔަބައިމީހުން ދުރުހެލިވެގަންނާށެވެ. ފަހެ ކޮންމެ އައު ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.” އަދި އެހެން ރިވާޔަތެއްގައިވެއެވެ. “އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ.”
ފަހެ ރަސޫލު الله صلى الله عليه وسلم އަވަހާރަވެވަޑައިގެންނެވި ފަހުން ހަތަރު ޤަރުނު (400 އަހަރު) ވަންދެން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރެވިފައެއް ނުވެއެވެ. އެކަލޭގެފާނު ދެކެ ނިހާޔަތަށް ލޯބިފުޅުވާ، އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އެދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނުގެ އެންމެ އަރިސް، އަދި އެކަލޭގެފާނަށްޓަކައި މުޅި ޖާނާއި މާލު ހޭދަކޮށްގެން ތިބި މަތިވެރި ޞަޙާބީ ބޭކަލުން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރައްވާފައެއްް ނުވެއެވެ. އަދި އޭގެފަހުން އައި އެންމެ ހެޔޮ ދެޤަރުނު ކަމުގައިވާ ތާބިޢީންނާއި އަތްބާޢުއް ތާބިޢީންގެ ޒަމާނުގައިވެސް އެކަމެއް ކޮށްފައެއް ނެތެވެ. އުއްމަތުގެ އެންމެ މަޝްހޫރު ހަތަރު އިމާމުން ވެސް (އިމާމް އަބޫ ޙަނީފާ، މާލިކް، ޝާފިޢީ އަދި އަޙުމަދު ބިން ޙަންބަލް، މިބޭކަލުންވެސް) އެދުވަސް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އަދި ސަލަފުންގެ ޢިލްމުވެރިންވެސް މިކަން ކޮށްފައެއް ނެތެވެ.
ދަންނާށެވެ. ރަސޫލު الله صلى الله عليه وسلم އުފަންވެވަޑައިގަތީ ކަނޑައެޅިގެން ކޮން ދުވަހެއްގައިކަމެއް ސާފުކޮށް އެނގޭކަށް ނެތެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވި ދުވަހާއިމެދު ޢިލްމުވެރިންވަނީ ވަރަށް ބޮޑަށް އިޚްތިލާފްވެ ވަޑައިގަންނަވާފައެވެ. މިގޮތުން އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ، ރަބީޢުލް އައްވަލް މަހުގެ ދެވަނަ ދުވަސް ނުވަތަ އަށްވަނަ ދުވަސް ނުވަތަ ނުވަވަނަ ދުވަސް ނުވަތަ ބާރަވަނަ ދުވަސް ނުވަތަ ސަތާރަވަނަ ދުވަސް ނުވަތަ ބާވީސްވަނަ ދުވަސް ކަމާއިމެދުގައި ތާރީޚް ޢިލްމުވެރިންވަނީ ވަރަށް ބޮޑަށް އިޚްތިލާފްވެ ވަޑައިގަންނަވާފައެވެ. މިއިންވެސް ދަލީލުކޮށްދެނީ އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ކުރަން އޮތްކަމެއް ނޫންކަމެވެ. އަދި އަޅުގަނޑުމެންގެ ސިކުނޑިން ވިސްނާލުމުންވެސް އެނގޭކަމަކީ، އެއްވެސް މީހަކު އެމީހެއްގެ ލޯބިވާ މީހަކު މަރުވުމުން، އެމީހެއްގެ އުފަންދުވަސް ފާހަގަކޮށް ހަދާ ނޫޅޭ ކަމެވެ. އެހެން އެކަން ކުރާކަމުގައި ވާނަމަ، ދެން ތިޔަބޭފުޅުން އެފަދަ މީހަކާއިމެދު ވިދާޅުވާނީ ކީކޭތޯއެވެ؟
ކޮންމެއަކަސް މިކަމަކީ މީލާދީން 10 ވަނަ ޤަރުނުގައި (ޙިޖްރީން 4 ވަނަ ޤަރުނުގައި) މިޞްރުގައި އޮތް ޝިޔަޢީ ދައުލަތެއް ކަމުގައިވާ ފާޠިމީން ފަށާފައިވާ ކަމެކެވެ. އެމީހުންނަކީ ޢަބްދުالله ބުން މައެމޫން އަލް-ޤައްދާޙްއެވެ، ކިޔުނު ޔަހޫދީއެއްގެ ދަރިފަސްކޮޅުގެ ބައެކެވެ. އެމީހުން، އެމީހުންނަކީ މަހުދީން ކަމަށް ދަޢުވާކޮށް އަދި މުސްލިމުންނަކީ (ސުންނަތް ޖަމާޢަތުގެ އަހުލުވެރީންނަކީ) މަގުފުރެދިފައި ތިބި ބައެއް ކަމަށް ޙުކުމް ކުރިއެވެ. މިޝިޔަޢީންގެ ނުބައި ނުލަފާކަން ހުރި މިންވަރަކީ، އެމީހުން اللهގެ ނަބިއްޔާގެ ޞަޙާބީބޭކަލުންގެ ތެރެއިން އަބޫ ބަކުރު، ޢުމަރު، ޢާއިޝާ އަދި މިނޫންވެސް ވަރަށް ގިނަ ޞަޙާބީންނަކީ ކާފަރުން ކަމުގައި ހަދައި އެބޭކަލުންނަށް ނިސްބަތްކޮށް ނުބައިނުލަފާ ދޮގު ބުހުތާނުހަދައި، އެއްޗެހި ކިޔައި ހަދާފައިވެއެވެ. އަދި މިޞްރުގެ މީހުން ތަރާވީޙް ނަމާދު ކުރުމުން މަނާ ކުރުވިއެވެ. އަދިވެސް މިބައިމީހުންގެ ނުބައި ނުލަފާކަން ހުރި މިންވަރު ނިމުނީކީއެއް ނޫނެވެ. މިފާޠިމީންގެ ދުވަސްވަރު މިޞްރު މީހުން ބުޅަލާއި، ކުއްތާއާއި މަރުވެފައިވާ (މުޅަ) ޖަނަވާރުގެ މަސް ކައި އުޅުނެވެ. އަދި ނުވިތާކަށް އެމީހުންގެ ޅަދަރީންގެ މަސްވެސް ކައިހެދިކަމުގައި ވިއެވެ. ފަހެ މިބައިމީހުން، މިބައިމީހުންގެ އެދީނަށް މީހުން ވައްދައި އަދި އެމީހުންނަކީ ރަސޫލު الله صلى الله عليه وسلم ދެކެ ލޯބިވާ ބައެއްކަމުގައި ދެއްކުމަށް ރަސޫލު الله صلى الله عليه وسلمގެ ޢީދު މީލާދު ފާހަގަ ކުރަންފެށިއެވެ. އާދެ ނަޞާރާއިންވެސް ޢީސާ عليه السلامގެ ޢީދު މީލާދު ފާހަގަ ކުރާ ފަދައިންނެވެ.
އެހެންކަމުން ދަންނާށެވެ. މިފަދަ ނުބައި ނުލަފާ ބަޔަކު اللهގެ ނަބިއްޔާއާއި ބެހޭގޮތުން ރަނގަޅު ކަމެއް ކުރާނެހެން ހީވޭތޯއެވެ؟ ވީމާ ވަކި އަޅުގަނޑުމެން، މިދުވަސް ފާހަގަ ކުރުން ހުއްދަވާނެތޯއެވެ؟ الله އާއި އެއިލާހުގެ ނަބިއްޔާއަށް ލޯބިކުރާ ކަމުގައިވާނަމަ ޢަމަލު ކުރަންވީގޮތް ޤުރުއާނާއި ކީރިތި ނަބިއްޔާގެ ސުންނަތުގައި އެވަނީ އަންގަވާފައެވެ.
الله تعالى ވަޙީކުރައްވާފައި ވެއެވެ. “ قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ” (آل عمران: 31). މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން اللهދެކެ ލޯބިވާ ކަމުގައިވާނަމަ، ފަހެ ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބާވާށެވެ. އޭރުން الله تعالى ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެއެވެ.”
އިމާމް ޝާފިޢީ رحمه الله، އެކަލޭގެފާނުގެ މަޝްހޫރު ޅެން ބައިތެއްގައި ވިދާޅުވެފައި ވެއެވެ. تعصي الإله وأنت تظهر حبه هذا محال في القياس بديع لو كان حبك صادقا لأطعته إن المحب لمن يحب مطيع މާނައަކީ: “ތިބާ الله އަށް އުރެދޭ ޙާލު އެއިލާހުދެކެ ލޯބިވާކަމަށް ފާޅުކުރެއެވެ. ނުވަތަ ދައްކައެވެ. ތިޔައީ ޤިޔާސީގޮތުން (އަޅައިކިޔުމުގެ ގޮތުން) އެއްގޮތަކަށްވެސް ދިމާނުވާ، މުޅިން މުސްތަޙީލު އަދި އައު ކަމެކެވެ. ތިބާ ތިޔަވާ ލޯތްބަކީ ޙަޤީޤީ ލޯބިކަމުގައި ވާނަމަ، ތިބާ އެއިލާހަށް ކިޔަމަންތެރިވެ ތަބާވީހެވެ. ފަހެ ލޯބިވާ މީހަކުވަނީ އެމީހަކު އެލޯބިވީ މީހަކަށް ކިޔަމަންތެރިވެ ތަބާވާ މީހެއް ކަމުގައެވެ.” މީގެ ޙަޤީޤަތަށް ބަލާލަމާތޯއެވެ.
الله سبحانه وتعالى ފަރުޟު ކުރެއްވި ފަސްނަމާދު އަޅާފައި، މިއުޅެނީ އެއްކަލަ ‘މާލޫދު’ ކެއްކުމުގައެވެ. ދުވަހަކު މިސްކިތައް ނަމާދަށް ނޭރިކަމުގައިވިޔަސް މާލޫދުކާން ހަރުގެއަށް ދެވެއެވެ. ނުވަތަ އެކަމުގެ އުފަލުގައި ބާއްވާ ޖަލްސާތަކަށާއި ޙަފްލާތަކަށް ދެވެއެވެ. ފަހެ ކަންހިނގާ ގޮތަކީ މިއީކަމުގައި ވާއިރު، މިދުވަސް ފާހަގަ ކުރަނީ، الله އާއި އެއިލާހުގެ ނަބިއްޔާ ދެކެ ވާލޯތްބެއްގެ ބޮޑުކަމުން ކަމުގައި ޤަބޫލު ކުރާނީ ކިހިނަކުންތޯއެވެ؟ އެހެންކަމުން ތިބާއަކީ، ޤުރުއާނާއި اللهގެ ނަބިއްޔާގެ ސުންނަތައް ތަބާވާ މުއުމިނެއްތޯ، ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލައްވާށެވެ.
ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلاَّ مَنْ أَبَى قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى” (البخاري،باب الاعتصام بالكتاب والسنة،ح:6737). މާނައަކީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ސުވަރުގެ ވަނުމަށް އިންކާރު ކުރި މީހުން ފިޔަވައި އެހެން ހުރިހާ އެންމެން ސުވަރުގެ ވަންނަހުއްޓެވެ. އެހިނދު ޞަޙާބިއްޔަ ބޭކަލުން ދެންނެވިއެވެ. ‘ސުވަރުގެ ވަނުމަށް އިންކާރު ކުރަނީ ފަހެ ކާކު ހެއްޔެވެ؟’ ދެން ރަސޫލު صلى الله عليه وسلم ވިދާޅުވިއެވެ. ‘ތިމަން ކަލޭގެފާނަށް ކިޔަމަންތެރިވި މީހަކު ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާ ސުވަރުގެ ވަނުމަށް އިންކާރުކޮށްފިއެވެ.’” وصلى الله وسلّم على نبيِّنا محمّد وعلى آله وصحبه وسلّم. والحمد لله رب العالمين.
-
ބުދަ، މާޗް 19 2008، 14:47
tި ތިޔަ ރިޕޯޓް އާއި ބެހޭގޮތުން ދީނީ އިލްމު ވެރިއެއްގެ ހިޔާލެއް ބޭނުން
-
ބުދަ، މާޗް 19 2008، 16:05
ސަލާމް، އަޅުގަނޑުގެޚިޔާލަކީ ބިދުޢަތައް ހަދަންފޯރިހުންނަބަޔަކު އެކަންތައްކުރާނެ އަދިކީއްކުރަން ބޮޑެތި ކުފުރައް އިންކާރު ނުކުރާބަޔަކު ތިކަހަލަކމެއް ނުހުއްޓާނެ،އެހެންނަމްވެސް އިރާދަކުރެއްވިޔާ އަދިހުއްޓޭނެ އެހެނީ ހެވައްއެދޭ ހެޔޮކަންތައްކުރާ އެކަންތަކައްގޮވާލާ ބަޔަކުއެބައުޅެއެވެ."لَيْسَ بِأَمَانِيِّكُمْ وَلا أَمَانِيِّ أَهْلِ الْكِتَابِ مَنْ يَعْمَلْ سُوءاً يُجْزَ بِهِ وَلا يَجِدْ لَهُ مِنْ دُونِ اللَّهِ وَلِيّاً وَلا نَصِيراً "(123).މިއާޔަތުގެމާނަ ބައްލަވާ.(އާސިފު)ނުޖަހާނަންދޯ
-
ބުދަ، މާޗް 19 2008، 18:23
ބިދުޢައަކީ ކޮބައިކަން ލިއުމުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަދި ޙަދީޘަކީ ބިދުޢައިގެ ޑިފިނިޝަނެއްގެ ގޮތުގައި ބަލައިފިނަމަ ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހިވަސައަލަމަ އަވަހާރަވިފަހުން އަލަށް އުފެދޭކޮންމެކަމެއް ހިމެނޭނެއެވެ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ކީރިތި ރަސޫލު ޞައްލަﷲ ޢަލައިވަސައްލަމަ އަވަހާރަވީއްސުރެ މިއަދާހަމައަށް އައުއެތަށް ކަމެއް އުފެދި މުސްލިމު އުއްމަތުގެ އިންކާރު ކުރުމެއްނެތި ހަނގަމުން އައިސްފައިވެއެވެ. އެގޮތުން ޢުޘްމާނުގެފާނު ހުކުރު ދުވަހު އިތުރު ބަންގިއެއް އިތުރު ކުރެއްވުން ޢުމަރުގެފާނު ސަހްމުލް މުއައްލަފަތި ޤުލޫބުހުން އުވާލެއްވުމާއި މިނޫންވެސް އެތައްކަމެއް ހިމެނެއެވެ. މިކަންކަމަކީ އަލަށް އުފެދުނު ކަންކަމެވެ. ނަމަވެސް އެއްވެސް ޙާލެއްގައި ބިދުޢައެއްނޫނެވެ. ޙުކުމްތަކަކީ ތަޢްލީލު ކުރެވޭ އެއްޗެއްކަން ދަންނާށެވެ. ބިދުޢައިގެ ތަޢްރީފަކީވެސް ތަފާތު ޢިލްމުވެރިންގެ ކައިރީގައި ތަފާތު އެއްޗެކެވެ. ކީރިތި ރަސޫލާގެ ޢީދު މީލާދުފާހަގަ ކުރުމުގެ ގޮތުން ކުރެވެނީ ކޮންކަމެއްތޯ ބަލާއިރު އޭގައި ޝަރީޢަތާއި ޚިލާފު ކަންކަން ހުރިނަމަ ޝައްކެއްވެސް ނެތްގޮތުގައި އެކަމެއް ކޮށްގެން ނުވާނެއެވެ. ނަމަވެސް ޢީދު މީލާދު ދުވަހު ކުރެވޭކަމަކީ އެކަލޭގެފާނުގެ ޛިކުރާއާކުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި އާއަޒުމަކާއެކު އެކަލޭގެފާނުގެ ސުންނަތުގައި ހިފުމަށް ގޮވާލުންކަމުގައިވާނަމަވެސް އެއީ މުންކަރާތެކޭބުނެ އެކަން މަނާކުރުން އެއީ ﷲ އާއި ކުއްތަންވުމެއްހެޔެވެ؟ އަޅުގަނޑު ދެކޭގޮތުގައި ލިއުންތެރިޔާ ޢީދު މީލާދު ފާހަގަކުރުން އެއީ ނަހީކުރައްވާފައިވާ ކުރަން ހެޔޮނުވާވަރުގެ ކަމެއްކަމުގެ އެންމެ ދަލީލެއްވެސް ގެނެސްފައެއްނެތެވެ. ފާޠިމީން ކުރީތީ ޙަރާންވަނީހެއްޔެވެ؟ ނުވަތަ އާކަމަކަށްވީތީ ޙަރާމްވަނީހެއްޔެވެ؟ ނުވަތަ މުޖްތަމަޢުގައި މަނާކުރުމަށް އެއަށްވުރެ ބޮޑު މުންކަރާތެއް ނެތީހެއްޔެވެ؟
-
ބުދަ، މާޗް 19 2008، 19:39
ކީރިތި ރަސޫލާގެ އީދު މީލާދު ދިވެހިން ފާހަގަ ކުރަނީ އެކަލޭގެ ފާނަށް ޞަލަވާތް ކިޔެވުމާ، ގިނަގިނަ އިން ގުރުއާން ކިޔެވުމާ ސަދަގާތް ކުރުމާ ނަފުސު އިސްލާޙު ކުރުމަށް ބާރު އެޅުމާ މިފަދަ ހެޔޮކަންތައް ތަކުންނެވެ. އެދުވަސް ފާހަގަ ކުރުމަށް ލަވަ ޖަހާ ޑާންސް ކޮށް ކުޅިވަރު ކުޅެނިކޮށް ދުވަހަކުވެސް ނުދެކެން. އެހެންވެ އެދުވަހާ ދިމާކޮށް ދިވެހިން ކުރާ ހެޔޮކަންތައް ތަށް ހުއްޓުވުން އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން.ބިދުއައޭ ކިޔައިގެން ޗަ ކިޔާ އެއްޗަކުން މިހާރު ހަމަ އޮޅިއްޖެ.
-
ބުދަ، މާޗް 19 2008، 20:43
ޢުޘްމާނުގެފާނު ޢުމަރުގެފާނު އަބުބަކުރުގެފާނާއި ޢަލީގެ ފާންނުއަކީ ހުލަފާޢު ރަޝިދޫން ކަން ހިޔާލް ފޮނުވި ފަރާތަށް ހަދާން ކޮއްދެން ރަސޫލު الله صلى الله عليه وسلم ހަދީޘު ކުރައްވާފައިވޭ އެކަލޭގެ ފާންނުގެ ސުނަތުގައި ހިފަހައްޓާށޭ އަދި ހުލަފާޢު ރަޝިދޫން ސުނަތުގައި ހފަހައްޓާށެވެ. ވިމާ އެބޭކަލުންގެ ޢަމަލް ފުޅުތަކާއި ފާތިމީން ކުރަމުން އައި ކަންތައްތަށް އެއްވަރު ވާނެތޯ. އަނެއްކާ އުމަތުގެ އެންމެ ބޮޑެތި ދަންނަބޭކަލުން ރަސޫލު الله صلى الله عليه وسلمގެ ޢިދު މީލާދު ފާގހަގަ ކުރުމކީ ބިދުއައެއް ކަމަށް ވިދާޅުވެ ފަތުވާ ދެއްވާފައިވޭ. ރަސޫލު الله صلى الله عليه وسلم އަވަހާރަވެވަޑައިގެންނެވި ފަހުން ހަތަރު ޤަރުނު (400 އަހަރު) ވަންދެން އެކަލޭގެފާނުގެ ޢީދު މީލާދު ފާހަގަ ކުރެވިފައެއް ނުވެއެވެ. މިއީ ސަލަފު ސާލިހުން ކަންތަށް ކުރެއްވި ގޮތަކީ.
-
ބުދަ، މާޗް 19 2008، 23:21
ހެޔޮކަމެއްކަމަށް ނޫހު އަލައިހިއްސަލާމްގެ ގައުމުގެ މީހުން އެމީހުންގެ ތެރޭގައި ތިބި ސާލިޙް މީހުންނަށް ވަނީ އިލާހުންގެ ދަރަޖަ ދީފައެވެ.އެންމެފުރަތަމަ ޝައިތާނާ ވިސްނާދިނީ އެމީހުންގެ ސޫރަތައް ހެދުމަށެވެ،އެއްވެސް ހާލެއްގައި އަޅުކަން ކުރުމަކަށް ނޫނެވެ އެކަމަކު އެމީހުންގެ މަތިން ހަދުމަކޮށް ހެޔޮކޮށް ހިތުމަށްޓަކައެވެ. ނަމަވެސް އޭގެ ޒަމާންތަކެއް ފަހުން އޭތި އަސްލު ހަދާފައިވާ މަގްސަދު މީހުނަށް ނޭގި، އޭގެ ފަހުގެ ޖީލުތަކަށް ޝައިތާނު ވިސްނައިދިނީ ﷲ ފިޔަވައި އެބުދުތަކަކީ އެމީހުންގެ ކަލާގެ ކަމަށެވެ އަދި އެމީހުންގެ ކާބަފައިންވެސް އަޅުކަންކުރީ އެއަށް ކަމަށެވެ..މިހެން މިކަން އޮތްއިރު އަޅުގަނޑުމެން އާކަންތައް ދީނުގެ ތެރެއަށް ވައްދަން ހެޔޮވާނެތޯ؟؟؟
-
ބުރާސްފަތި، މާޗް 20 2008، 11:19
ކުރަންވި ކޮންކަމެއް ނުކުރަންވި ކޮންކަމެއް މިހަރަކު ނެންގެއެވެ. ދަންނަބެކަލުން މަ ގިނަވިއެވެ
-
ބުރާސްފަތި، މާޗް 20 2008، 11:49
ބުދަ، މާޗް 19 2008، 19:39 އަށް ދަންނަވަން، ތިޔަ ވިދާޅުވަނީ ދިވެހިން އެދުވަސް ފާހަގަ ކުރަނީ ނަބިއްޔާ އަށް ސަލަވާތް ކިޔެވުމަށާ ހެޔޮކަންތަކަށް ބާރު އެޅުމުގެ ގޮތުންނޭ!!! އެހެން ކަމަށްވާނަމަ މިސާލަކަށް ހެޔޮނިޔަތުގަ ސަވާބު އިތުރުވުމަށް އެދި މެންދުރު ނަމާދުގެ އެއް ރަކުޢަތް އިތުރުކޮށްފިއްޔާ އެނަމާދު ޤަބޫލު ކުރައްވާނެތޯ؟؟ އޭރުން އެނަމާދު ވާނީ ބާތިލު ނަމާދަކަށް. ވީމާ ކޮންމެހެން ބިދުޢައެއް ނުކުރިޔަސް ދިވެހިންނަށް ހެޔޮ ކަންތައް ކުރެވިދާނެ.
-
ބުރާސްފަތި، މާޗް 20 2008، 16:03
އެއޯ ޚުލަފާއުއްރާޝިދޫންގެ ސުންނަތުގެ މާނައެއްނޫން އެއީ އެބޭކަލުން ތަޝްރީޢުކުރައްވާ ވާހަކައެއް. އަދި މެންދުރުނަމާދުގެ ރަކްޢަތެއް އިތުރުކުރުމާއި މިއީ ވަރަށް ތަފާތުދެކަމެއް. كل بدعة ضلالة ގެ މާނައަކީ ކޮންމެ އައުކަމެއް މަގުފުރެދުމަކަށްވާވާހަކައެއްނޫން. ކޮއިފުޅާ ޢަރަބިބަހުގެ ހަމައިން ބަލާއިރު މިތަނުގައި މާނަ ސީދާވަނީ كل بدعة سيئة މިހެން އިނުމުން. އެއީ إنما الأعمال بالنيات ގައި إنما تصح الأعمال بالنيات މިފަދައިން މާނަކުރުމަށް މަޖުބޫރުވާގޮތަށް. މެންދުރުނަމާދުގެ ރަކުޢަތެއް އިތުރުކުރާވާހަކަ ދައްކާއިރު އެމީހަކަށް އެނގޭބާ أربع ركعات (ހަތަރުރަކްޢަތް) މިތަނުގައިވާ (أربع) ހަތަރެއް އެއީ ދަލާލަތުގެ ގޮތުން އެހެން އެއްވެސް މާނައެއް ނުހިމެނޭ (قطعي الدلالة) ލަފްޒެއްކަމެއް. ޝާފިޢީމަޛުހަބުގެ ޢިލްމުވެރިއެއްކަމަށްވާ އަލްއިމާމުއްނަވަވީ ބިދުޢަ ތަޢުރީފުކޮށްފައިވާގޮތް ބަލާ. ނަވަވީ ވިދާޅުވަނީ ބިދުޢަބެހެނީ ދެބަޔަކަށެވެ. އެއީ ރަގަޅުބިދުޢަޔާ ނުބައި ބިދުޢައެވެ. ޢުމަރުގެފާނު ތަރާވީޙުނަމާދު ޖަމާޢަތަށް އެއްކުރައްވާ ވިދާޅުވީ نعمت البدعة هذه، އިބުނު ޙަޖަރު ވިދާޅުވަނީ مولد النبوي އަކީ އޭގައި ހިމެނޭ ރަގަނޅު ކަންކަމަށްޓަކައި ރަގަޅު ބިދުޢައެކޭ.
-
ބުރާސްފަތި، މާޗް 20 2008، 23:08
ކީރިތި ރަސޫލާއާ އެކަލޭގެފާނުގެ އަސްޙާބުން އަދި އެކަލޭގެފާނުންގެ އަނބި އަނބި ކަނބަލުންނާއި ދަރިކަނބަލުން އަދި ޙަލީފާއިންނާއި ޢިމާމުން ނުކުރައްވާކަމެއް އެއީ އިސްލާމްދީނުގެ ކަމެކޭކިޔައިގެން ފާހަގަކުރުމަށްވުރެ އެބޭކަލުން ކުރެއްވިކަންތަށް ހޯދައިގެން އެކަންތަށްތަށް ކުރުން މާ މުހިންމުކަމަށް ފެނޭ !!!!!!!!!!!!!!!
-
އަންގާރަ، ޖޫން 24 2008، 23:22
b86jucp59bb86jucp59b ew1m88iu9y 1214360174