އަންހެނުންގެ ހައްގު ހޯދުމުގެ ނަމުގައި ކުރި ސަތޭކަ އަހަރުވީ ދަތުރު

އައިމިނަތު މިނީޝާ މާޗް 8، 12:34 1 ޚިޔާލު

އަންހެނުންގެ ދުވަހެއް ފާހަގަ ކުރާއިރު ވަރަށް ގިނަ މީހުންގެ ހިތަށް އަރާ ސުވާލަކީ، އަންހެނުންގެ ދުވަހެއް ފާހަގަ ކުރަނީ ކީއްކުރަން ބާއެވެ؟ އަންހެނުންގެ ދުވަސް ފާހަގަކުރަނީ މައިގަނޑު 3 ކަމެއް ފާހަގަކޮށް ހިތްވަރު ދިނުމަށެވެ. އެއީ ސަޤާފީ، ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ހައްޤުތައް ހޯދަން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ހިތްވަރު ދިނުން، ސުލްޙައަށްޓަކައި އަންހެނުންކުރާ ބުރަމަސައްކަތް ފާހަގަކޮށް އެކަމަށް ހިތްވަރުދިނުން އަދި ހުރިހާ ދާއިރާތަކެއްގައި އަންހެނުން ހޯދަމުންދާ ކުރިއެރުމާއި ކާމިޔާބީ ފާހަގަކުރުމެވެ. ޖުމްލަކޮށް ދަންނަވާނަމަ މިދުވަހަކީ އަންހެނުންގެ ހައްޤުތައް ހޯދުމަށް މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ހުރިހާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް އެކަމަށް ހިތްވަރުދޭ ދުވަހެވެ. މިދުވަހުގެ ކުލައިގެ ގޮތުގައި ހަމަޖެހިފައި ވަނީ، ދަނބު، ފެހި އަދި ހުދު ކުލައެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ ޙިޔާލު އެންމެފުރަތަމަ ކުރެވުނީ 20 ވަނަ ޤަރުނުގެ ތެރޭގައެވެ. މިގޮތުން އެންމެ ފުރަތަމަ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހެއް ފާހަގަ ކުރެވުނީ 1909 ވަނަ އަހަރު އެމެރިކާގަ އެވެ. މިދުވަސް ފާހަގަކުރުމުގެ އެއް އަހަރުކުރިން 18 މާރްޗް 1908 ގައި އެމެރިކާގެ 15000 (ފަނަރަހާސް) އަންހެނުން ބައިވެރިވި ހިނގާލުމެއް ނިއުޔޯކްގައި ބޭއްވުނެވެ. މިހިނގާލުމުގައި މިމީހުން ގޮވާލާފައިވަނީ، ވަޒީފާގައި މަސައްކަތް ކުރަންޖެހޭ ވަގުތު ކުރު ކުރުމަށާއި މުސާރަ ބޮޑު ކުރުމަށެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން މިފާހަގަކުރަނީ އަންހެނުންގެ ހައްޤުހޯދުމަށް ފުރަތަމަ އަޑުއުފުލުނު ހަރަކާތައް 100 އަހަރު ފުރޭ ދުވަހެވެ.

އެދުވަސްވަރު ބެލެވިފައި ވަނީ ތައުލީމާއި، ސިއްހަތާއި، އިޖްތިމާއީ ދިރިއުޅުމުގައި ވަރަށް ކުޑަ މިންވަރެއްގެ އިހްތިޔާރެއް އަންހެނުންނަށް ލިބިފައިވި ދުވަސްވަރެއް ކަމުގަ އެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލުމުގެ އެއްވެސް އިހްތިޔާރެއް ނެތް ދުވަސްވަރެއްކަމުގަ އެވެ. ނަމަވެސް ގޭގެ އެންމެނަށް ބޭނުންވާ ބޯފެން ކޯރުތަކުން ގެންނަބަޔަކީ އަންހެނުންނެވެ. މުޅި އާއިލާގެ ކެއުން ތައްޔާރުކުރަން ބޭނުންވާ ދަރު ޖަންގަލިން ގެންނަބަޔަކީ އަންހެނުންނެވެ. އަދި ހިތާމައާއެކު ފާހަގަކުރަންޖެހެނީ އަދިވެސް މިދިރިއުޅުން ތަހައްމަލުކުރާ ވަރަށް ގިނަ އަންހެނުން ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަމެވެ. ނަމަވެސް މިމީހުންގެ މަސައްކަތުގެ އަގުވަޒަން ކުރާ ފަރާތްތައް އަދިވެސް ވަރަށް މަދެވެ. ފަގީރުކަމުގެ އިންތިހާގައި ދިރިއުޅެމުންދާ އަންހެނުންގެ އިއްފަތް ފޭރުމަކީ އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުމެ ހިނގާ ކަންތަކެވެ. އާމްދަނީ ހޯދުމަށްޓަކައި ދަތުރުކުރުމުގެ ހުއްދަ ލިބެނީ ހަމަ އެކަނި ފިރިހެނުންނަށެވެ. އަދި މިގޮތަށް ގިނަ ދުވަހު އަވަށުން ބޭރުގައި މަސައްކަތް ކުރުމަށްފަހު އެނބުރި އާއިލާއާއި ގުޅޭ އިރު އަނިބިމީހާ އިންނަނީ އެއިޑްސް ނުވަތަ އެހެންވެސް ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ. މިކަންކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގިނަގުނަ ގެއްލުންތައް އަންހެނުންނަށް ދިޔައީ ލިބެމުންނެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ކަންތައް ހުރީ މިފަދައިން ކަމަށް ވިޔސް މިއަދު އަޅުގަނޑުމެން އުފާކުރަންޖެހޭ ކަންތައް ތަކެއްވެސް ވެއެވެ. އަޅުގަނޑުމެންގެ ގައުމުގައި ޖުމްލަކޮށް ހުރިހާ ދާއިރާއެއްގައި ވެސް އަންހެނުންގެ ހައްގު އޭގެ ފުރިހަމަ ގޮތުގައި ލިބެމުންދެއެވެ. ތައުލީމް ހާސިލް ކުރުމުގައި އަންހެނަކަށް ވީތީ ހުރަހެއް ނެތެވެ. އިގްތިސާދީ މަސައްކަތްތައް އަމިއްލައަށް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ވަސީލަތްތައް އެބަހުއްޓެވެ.

ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ސިއްހީ ހިދުމަތް ލިބުމުގައި ތަފާތުކުރުމެއް ނެތްކަން އަންގައިދޭ އެންމެ އަލިގަދަ ހެއްކަކީ ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންގެ އަދަދު ދަށް ވެފައިވާ ނިސްބަތެވެ. މީގެ އިތުރުން ވަކިވަކި ފަރުދުންގެ ގޮތުގައި އަންހެނުން ހޯދާފައިވާ ކާމިޔާބީތައް އަދަދު ނުކުރެވޭހާ ގިނައެވެ. ދުނިޔެއަށް އަންނަ ކޮންމެ އަންހެނަކީ، ދަރިއެއް، ދައްތައެއް އަންބެއް ނުވަތަ މަންމައަކަށް ވުމުގެ ބަދަލުގައި އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ ހައިސިއްޔަތެއްވެއެވެ.

އަދި ހަމަ އެހެންމެ މިއަދު އަޅުގަނޑުމެން ކޮންމެ އަންހެނަކު ކަނޑައަޅަންވީ ވަރަށް ވަރުގަދަ ޢަޒުމެއް ވެއެވެ. އެއީ އަޅުގަނޑުމެން ކޮންމެ އަންހެނަކީ ވެސް އަޅުގަނޑުމެންގެ މުޖްތަމަޢުއަށް ފައިދާ ހުރި އަދި ބޭނުންތެރި މީހެއްކަން ދައްކައި ދިނުމެވެ. އަދި ކޮންމެ އަންހެނަކީވެސް އެމީހަކާމެދު މުޅި ގައުމު ފަޚުރުވެރިވާ ފަދަ މީހަކަށް ވުމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ހިތާމައާއި އެކީ ދަންނަވާލަން އޮތީ މި މުޖުތަމައުގައި އަދިވެސް އަންހެނުންނަށް އަނިޔާކުރާކަން އަންބިމީހާ ގާއިގަ ތަޅާ ވަޒީފާއަށް ދިއުމަށް ހުރަސްއެޅުމާއި ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ވަޒީފާ މާހައުލުގައި ކުރެވޭ ގޯނާތައް ވަރަށްގިނަ މިކަންކަމަށް އެއްވެސް ވަރަކަށް އަލި އަޅުވާލުމެއް ނެތުމުން މީ އެއްވެސް ބިނާ ކުރުވަނިވި ލިޔުމެއް ނޫން..

    ހޮނިހިރު، މާޗް 8 2008، 22:20
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv