ރާއްޖޭގެ އަންހެނުންގެ ތާރީޚަށް ބަލައިލުމެއް

މާޗް 8، 12:28 0 ޚިޔާލު

މަރްޔަމް ވަޙީދު

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހަކީ ރާއްޖޭގައިވެސް ފާހަގަކުރެވޭ ދުވަހެކެވެ. އަންހެނުންގެ ދުވަހަކީ އެދުވަސް ފެށިގެންއައި އިރު ދުނިޔޭގެ ޤައުމުތަކުގައި ބޮޑަށް ސިޔާސީ ކުލަ ޖެހިގެން އެމީހުންގެ ޙައްޤުތައް ހޯދަން މުޒާހަރާކޮށް ވާހަކަދެއްކެވުނު ދުވަހެކެވެ. ނަމަވެސް މިހާރު މިދުވަސް ބޮޑަށް ގުޅިފައި އޮންނަނީ ދަރިންގެ ހިތްތަކުގަ އާއި އަދި ފިރިންގެ ހިތްތަކުގައިވާ ލޯބި އަނބިންނަށް ނުވަތަ މަންމައިންނަށް ފާޅުކުރުމަށެވެ. އެހެން ނަމަވެސް މިއަދާ ޖެހެންދެންވެސް އަންހެނުންގެ ޙައްޤުތަކާއި ބެހޭގޮތުން ވާހަކަދައްކާ ޤައުމުތައް ވެސް ވަކި މަދެއް ނޫނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެނުންނަށް އެބައިމީހުންގެ ޙައްޤުތައް ދެއްވި ބޭފުޅަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މުޙައްމަދު އަމީން އަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބާނީ އަދި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސްވެސް މެއެވެ. އެމަނިކުފާނުވަނީ ރާއްޖެއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި ރާއްޖޭގެ އަންހެނުންނަށް ފުރިހަމަ ޤަދަރާއި ޝަރަފުވެސް ހޯއްދަވާ ދެއްވާފައެވެ.

28 ނޮވެމްބަރ 1944 ގައި މަދްރަސަތުލް ސަނިއްޔާގެ ނަމުގައި އަންހެނުންނަށްޓަކައި މުޙައްމަދު އަމީން ދީދީ މަދްރަސާއެއް ހުޅުއްވައިދެއްވިއެވެ. މަދަރުސާގެ ހިންގެވުމާ ޙަވާލުވެގެން ހުންނެވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން (ފަހުން ރާއްޖޭގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު ދީދީ) އެވެ. މަދްރަސާގައި ކިޔަވައިދިން މާއްދާތަކުގެ ތެރޭގައި މޯލްޑިވިއަން ހިސްޓްރީ / ޖިއޮގްރަފީ، ސައިންސް، ދިވެހި، އިސްލާމް، ސްޕޯރޓްސް އަދި އަދަބިއްޔާތު ކުރިއެރުވުމުގެ މަސައްކަތް ކުރެއްވެވިއެވެ. އިތުރު ޙަރަކާތްތަކުގެ ތެރޭގައި ކްރިކެޓް، ޓެނިސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ބަށި، ހޮކީ، ތަމްސީލުކުޅުން އަދި އަދަބިއްޔާތު ހިމެނެއެވެ. މަތީ ކްލާސްތަކަށް އިތުރު މާއްދާއެއްގެ ގޮތުގައި އިނގިރޭސި އަދި އުރުދޫ ބަސް ކިޔަވައިދެވުނެވެ. 1946 ވަނަ އަހަރު ވެގެންދިޔައީ ރާއްޖޭގެ އަންހެނުނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ރާއްޖޭގެ ބައެއް އަންހެން ދަރިވަރުންނަށް ސްރީލަންކާއިން މަތީ ތަޢުލީމުގެ ފުރުޞަތު ހުޅުވާލެވުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް ރާއްޖޭގެ އަންހެނުންނަކީ ސަރުކާރު އިސް އަދި ޤަދަރުވެރި މަޤާމުތަކުގައި ވަޒީފާ އަދާކުރަމުންދާ ބޭކަނބަލުންނެވެ.

އެއަށްފަހު މަދްރަސަތުލް ސަނިއްޔާގައި ތިބި އަންހެންކުދިންނާއި ފިރިހެންކުދިން ދެބަޔަކަށް ބަހާލައްވާ ތަފާތު ދެ މަދަރުސާ ބިނާކުރެއްވުނެވެ. އަދި އަމީންދީދީގެ ނަމުން އަންހެންކުދިންގެ މަދްރަސާއަށް އަމިނީއްޔާ ސްކޫލުގެ ނަމުގައި ނަން ދެވުނެވެ. އަމީނިއްޔާ ސްކޫލަކީ މިހާތަނަށް އެންމެ ގިނަ އަންހެން ކުދިންނަށް ޘާނަވީ ތަޢުލީމުގެ ފެންވަރަށް ކިޔަވައިދޭ ހަމައެކަނި މަދަރުސާއެވެ. ހަމައެހެންމެ، މަޖީދިއްޔާ ސްކޫލުގެ ނަމުގައި ފިރިހެންކުދިންނަށް ސްކޫލެއް ހުޅުވާލެވުނެވެ. 1960 ވަނަ އަހަރު މިދެމަދަރުސާ ވެސް އިނގިރޭސި ފެންވަރަށް ކިޔަވައިދޭ މަދަރުސާތަކުގެ ނަމުގައި ހަމަޖެހިގެން ދިޔައެވެ. ކިޔަވައިދިނުމުގެ މުޤައްރަރުގެ ތެރޭގައި އިނގިރޭސި، ސައިންސް، ޖިއޮގްރަފީ، ހިސްޓްރީ، ހިސާބު، އިކޮނޮމިކްސް، އިންގްލިސް ލިޓަރޭޗަރ އަދި އިސްލާމް ދިވެހި ހިމެނުނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެންކުދިބަޔެއް ޖީސީއޯލެވެލް އިމްތިޙާނުގައި ބައިވެރިވީ 1967 ވަނަ އަހަރުގައެވެ. ޖީސީއޯލެވެލް އަދި އޭލެވެލް އިމްތިޙާނުތަކުން ރަގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ފުރުޞަތު ހުޅުވާލެވުނެވެ. މިގޮތުން އެންމެ ގިނައިން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ބޭރަށް ދިޔައީ ފިރިހެން ކުދިންނެވެ. ޢާއްމު ގޮތެއްގައި އަންހެންކުދިން ޅަޢުމުރުގައި މީހުންނާ އިނދެގެން އެމީހުންގެ ޢާއިލާއާއި އެއްކޮށް ދިރިއުޅުން ބިނާކުރެއެވެ. ނަމަވެސް ބައެއް އަންހެން ދަރިވަރުން އެމީހުންގެ ތަޢުލީމީ ދާއިރާއިން ކުރިއަށް ދިޔައެވެ. އެގޮތުން ޢާއްމުގޮތެއްގައި އަންހެންކުދިން މަތީ ތަޢުލީމު ޙާޞިލްކުރީ ތަޢުލީމާއި ސިއްޙީ ދާއިރާއިންނެވެ. އެހެންކަމުން ގިނަ އަދަދެއްގެ އަންހެން ޑޮކްޓަރުން އުފެދުނެވެ. އަދި މަތީ ތަޢުލީމު ޙާޞިލްކުރާ އަންހެނުން ޢާއްމުގޮތެއްގައި ކައިވެނިކުރަނީ އެޢުމުރުގެ އެހެން އަންހެން ކުދިންނަށްވުރެ ލަހުންނެވެ. ބައެއް އަންހެނުން ސަރުކާރުގެ ޒިންމާދާރު މަޤާމުތަކުގައި ވަޒީފާ އަދާކުރިއެވެ.

ތަޢުލީމު ކުރިއަރުވާ މަރުކަޒާއި ނުރަސްމީ ތަޢުލީމުދޭ ޔުނިޓް އަދި އިންސްޓިޓިއުޓް ފޯރ ޓީޗަރ ޓްރޭނިންގ އާއި ގުޅިގެން ތަފާތު އެކިއެކި ތަޢުލީމީ ކޯސްތަކާއި ސެމިނަރތައް ބޭއްވެވުނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަންހެނުންތައް މިކޯސްތަކުގައި ބައިވެރިވެ ސަރުކާރު އެކިއެކި އޮފީސްތަކުގައި ސެކްރެޓަރީ އިންގެ ގޮތުގަ އާއި ކާތިބާއިންގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. ވިމެންސް އެފެއާޒް އިން ތަފާތު ވައްތަރުގެ ކޯސްތައް ރާއްޖެތެރޭގެ އަންހެނުންނަށް އަމާޒުކޮށްގެން ހިންގެވުނެވެ. އެލައިޑް ހެލްތް ސަރވިސް ޓްރޭނިންގ ސެންޓަރ ގެ ފަރާތުން ތަފާތު 7 ކޯސް ހުޅުވާލެވުނެވެ. މިކޯސްތަކުގައިވެސް ގިނަ ޢަދަދަކަށް ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދިޔައީ އަންހެނުންނެވެ. ނޭޝަނަލް ޔޫތް ސެންޓަރ އަދި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީސް ގުޅިގެން އަންހެނުންނަށް ތަފާތު އެކިއެކި ހުނަރު ދަސްކޮށްދިނުމުގެ ކޯސްތައް ހިންގަން ފެށުނެވެ. އޭގެ ތެރޭގައި ފަހަން ދަސްކޮށްދިނުން، މާޖެހުން އަދި ކަސްރަތު ކްލާސްތައް ހިމެނުނެވެ.

1985 ވަނަ އަހަރުގައި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ވަޒީފާ އަދާކުރާމީހުންގެ ނިސްބަތް %21 އަށް މަތިވެގެން ދިޔައެވެ. އަންހެނުންގެ ތަރައްޤީއަށް ޚާއްސަކުރެވުނު އ.ދގެ 10 އަހަރު (1976ން 1985ށް) ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ނޭޝަނަލް ޕްލޭނިންގ އޭޖެންސީ ގެ ދަށުން “އިންޓަނޭޝަނަލް ޑިކޭޑް ފޮރ ވިމެން ޕްރެޕަރޭޓަރީ ކޮމިޓީ” ގެ ނަމުގައި 16 އޭޕްރީލް 1979ގައި ދިވެހި ސަރުކާރުން ކޮމިޓީއެއް އުފެއްދެވިއެވެ. މިކޮމެޓީގެރައިސާއަކަށް ޢައްޔަންކުރެއްވީ ގ.މޫނިމާގެ ފާޠިމަތުޖަމީލެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ދިވެހި އަންހެނުންގެ ތަރައްޤީއަށްޓަކައި އަޅުއްވާދެއްވި ވަރަށް މުހިންމު ފިޔަވަޅެކެވެ. 15 މާޗް 1981ގައި މިކޮމިޓީ ގެނަން ބަދަލުވެގެން ދިޔައީ އަންހެނުންގެ ޤައުމީ ކޮމިޓީއަށެވެ. މިކޮމެޓީގެ މަޤުސަދަކަށްވީ ދިވެހި އަންހެނުންގެ އިޖުތިމާޢީ، އިގްތިޞާދީ އަދި ޘަޤާފީ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރުމަށް މަސައްކަތް ކުރުމެވެ. 2000 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އަންހެނުންގެ ކޮމިޓީތަކުގެ ނަން “އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ” ގެ ނަމަށް ބަދަލުކުރެއްވިއެވެ. 11 ނޮވެމްބަރ 2003ން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ ގެ ނަން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އަށް ބަދަލުވިއެވެ. މިގޮތުން އަންހެނުންނަށް ސަރުކާރުގެ އިސްމަޤާމުތަށް ދެވުނެވެ. އަދި ރަށުގެ ކަތީބުކަމަށާއި އެކިއެކި ބޮޑެތި މަޤާމުތަކުން އަންހެނުންގެ ޙިއްސާ ފެންނަންފެށިއެވެ. އަންހެނުން ޤާޒީންގެ ގޮތުގައި އިސްކުރެވުނެވެ.

މިހާރު ރާއްޖޭގެ އަންހެނުންނަކީ ތަޢުލީމީގޮތުންނާއި އެމީހުންނަށް ލިބިގެންވާ ހައްޤުގެ ގޮތުން ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި އަންހެނުންނަށް ލިބިފައިނުވާވަރުގެ ޤަދަރާއި ހަމަހަމަކަން ލިބިގެންވާ ބައެކެވެ. އަޅުގަނޑުމެން ހީނުކުރާ ވަރަށް ގިނަކަންތަށްތަކެއް ވެނިމިގެން ހިނގައްޖެއެވެ. ކުރިއަށް އޮއް މުސްތަޤުބަލުގައި އަންހެނުން ޤައުމުގެ ރައީސްކަމަށްވެސް ވާދަކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv