ހަގީގީ ހައްދު ފަހަނަ އަޅާ ދިއުމަކީ ކޮބައި ހެއްޔެވެ.

މާޗް 6، 14:55 3 ޚިޔާލު

އަބޫ ސުމައްޔާ

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސާނީ ދިރިއުޅުމުގެ ހުރިހާކަމެއްގެވެސް ޙައްދުތައް ކަނޑައަޅައި، އެޙައްދުތަކުން ބޭރުވާ މީހަކީ ޙައްދު ފަހަނާޅާފައިވާ މީހެއް ކަމުގައި ލެއްވެވި ގަދަ ފަދަ ކީރިތިވަންތަ މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ އެބޭކަލެއްގެ ސުންނަތައް ތަބާވެއްޖެ ކޮންމެ މީހަކީ ބޮޑުވެގެންވާ ކާމިޔާބު ލިބުމަކުން ކާމިޔާބު ލިބިއްޖެ މީހެއްކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވައި، މިއުންމަތައް ކައު ކުރެއްވެވި މާތް ސާހިބާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށެވެ. މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އެންމެހައި އާލު އަޞްޙާބުންނާއި، ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިގެން ތިބި އެންމެހައި މީސްތަކުން ޝާމިލު ކުރަމެވެ.

ދުނިޔޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް، އަޑުއިވެމުން މިދަނީ ދީނީ ގޮތުން ޙައްދަ ފަހަނާޅައި ދާ ވާހަކައެވެ. ފަހެ ޙައްދު ފަހަނާޅައި ދިޔުމަކީ ކޮބައި ހެއްޔެވެ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތަށް ޢަމަލު ކޮށް އެއިލާހުގެ ފޮތަށް ޙުކުމް ކުރުން ހެއްޔެވެ؟ އެހެންވެއްޖެ ކަމުގައިވާނަމަ އަވަހަށް ޙައްދު ފަހަނާޅާފައިވާ މީހަކަށް ވާށެވެ.

އިސްލާމިސްޓެކޭ ނުވަތަ ފަންޑަމެންޓަލިސްޓެކޭ ނުވަތަ ވައްހާބީ އެކޭ ނުވަތަ ރެޑިކަލް މުސްލިމެކޭ ނުވަތަ ޓެރަރިސްޓެކޭ މީހުން ކިޔަސް އެންމެ ރަނގަޅެވެ. މުއުމިނުންގެ ޞިފަތައް ބަޔާން ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ، މުއުމިނޫން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “قَدْ أَفْلَحَ الْمُؤْمِنُونَ” (المؤمنون:1) “ހަމަ ކަށަވަރުން ކާމިޔާބު ލިބޭހުށީ މުއުމިނުންނަށެވެ.” “الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ” (المؤمنون:2) “އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުތަކުގައި (ﷲ އަށް) ބިރުވެތިވާ މީހުންނެވެ.” “وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ” (المؤمنون:3) “އަދި އެބައިމީހުންނީ ހަޑިމުޑުދާރު ބޭކާރު ވާހަކަތަކަށް ފުރަގަސްދިން ބައެކެވެ.” “وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ” (المؤمنون:4) “އަދި އެބައިމީހުންނީ ޒަކާތް ދީ އުޅުނު ބައެކެވެ.” “وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ” (المؤمنون:5) “އަދި އެބައިމީހުންނީ، އެބައިމީހުންގެ ފަރުޖުތައް (ޒިނޭ ކުރުމާއި އެނޫންވެސް އެހެން ފާޙިޝް ޢަމަލުތަކުން) ރައްކާތެރި ކުރި ބައެކެވެ.” “إِلاّ عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ” (المؤمنون:6) “އެއީ އެބައިމީހުންގެ އަނބީންނާއި އަދި އެބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންގެ ކިބައިން މެނުވީއެވެ. ފަހެ އެބައިމީހުންނީ (އެކަމުގައި) މަލާމާތް ލިބިގެން ނުވާ މީހުންނެވެ.” “فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ” (المؤمنون:7) “އެނޫން އެހެން ގޮތެއް ބޭނުންވެއްޖެ ބަޔަކު ދަންނާށެވެ. ފަހެ އެބައިމީހުންނަކީ އެއީ ޙައްދު ފަހަނާޅާފައިވާ ބައެކެވެ.” މަތީގައި ބަޔާންވެ އެދިޔަ އާޔަތްތަކުން ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ކޮބައިކަން ނިކަން ރަނގަޅަށް އެނގި ސާބިތު ވެއްޖެއެވެ. އެހެންނަމަވެސް ހިތާމައަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މުސްލިމުންގެ ނަމުގައި ތިބެ ޤުރުއާނާއި ސުންނަތައް ތަބާވާ މީހުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރާކަމެވެ. މީސްތަކުންގެ ދޫދޫ މަތިން ގޮސް ނޫސް މަޖައްލާތަކާއި ރޭޑިއޯއާއި ޓީވީއަށް ދާން ދެންވެސް އޮތީ މިކަމެވެ. ޙަޤީޤަތަކީ މިކަމުގައި މަޝްޣޫލުވެ އުޅޭ ގިނަ މީހުންނަކީ މަތީގައި ބަޔާންވެ ދިޔަ އާޔަތްތަކުގައިވާ ފަދައިން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ހެއްދެވިހައި ފާޙިޝް ކަންތައްތަކަށް އަރައިގަންނަމުންދާ ބައެއް ކަމުގައި ވާކަމެވެ. ޚުދު އެމީހުންނަށް، އެމީހުން އެތިބީ ޙައްޤުގައި ނޫންކަން އެނގެއެވެ. ﷲ ތަޢާލާއަށް އުރެދި ބޮޑެތި ފާފަތަކާއި ޖަރީމާތަކަށް އަރައިގަނެ ހަދާ މީހުން މުއުމިނުންނާއި ދިމާލަށް ބުނެ އުޅޭނެކަމަށް މުޠައްފިފީން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلاءِ لَضَالُّونَ” (المطففين:32) “އަދި އެބައިމީހުންނަށް މުއުމިނުން ފެންނަހިނދު ބުނާނެތެވެ. ފަހެ އެއީީ މަގުފުރެދި ޙައްދު ފަހަނާޅާފައިވާ ބައެކެވެ.”

ދަންނާށެވެ! ޙަޤީޤީ ޙައްދު ފަހަނާޅާފައިވާ މީހުންނަކީ ނަމާދުތައް އަޅައި ރޯދަ ނުހިފައި ޒަކާތް ނުދީ މިދުނިޔެމަތީގައި ހެއްދެވިހައި ނުބައި ނުލަފާ ފާޙިޝް ކަންތައްތަކަށް އަރައިގަނެ ﷲ އާއި އެއިލާހުގެ ރަސޫލާއާއި މުއުމިނުތަކުންނަށް މަލާމާތާއި ފުރައްސާރަކޮށް ޖޯކު ޖަހާ ހަދާމީހުންނެވެ. ފަހެ އެބައިމީހުންނަށް ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބެއް ނެތެވެ. މިބުނަނީކީ އަދި ދީނުގެ ކަންތައްތަކުގައި ހިފައިގެން ހައްދު ފަހަނާޅާފައި ތިބި ބަޔަކު ނެތް ވާހަކައެއްވެސް ނޫނެވެ.

ރަނގަޅެވެ. ދީނުގައި ޝަރުޢު ކުރައްވާފައިވާ ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް އެމީހުންގެ ޚިޔާލާއި ފިކުރާއި ނުގުޅޭ ބަޔަކީ ކާފަރުން ކަމުގައި ހަދާ، މީސްތަކުންގެ ލެޔާއި މުދަލާއި އަނބި ދަރީން ހުއްދަ ކުރާ މީހުންވެސް އެބަ އުޅެއެވެ. އެކަމަކު މީގެ ސަބަބުތަކަށްވެސް ބަލާލަން އެބަޖެހެއެވެ. މިކަންތައް މެދުވެރިވާން މިޖެހުނީ މީސްތަކުން ޤުރުއާނާއި ސުންނަތައް ކުރާ ފުރައްސާރައާއި އިސްލާމީ ގިނަ ޤައުމުތަކުގެ ވެރީންގެވެސް ނުބައި ނުލަފާ ޖައްބާރު ކަމުންނެވެ. އެމީހުންވަނީ އިސްލާމީ ޝަރީޢަތް ދޫކޮށް ކާފަރުންނަށް އަޅުވެތިވެ އެމީހުންގެ ގޮތްތައް ފަތުރާ މުޅި އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލާފައެވެ. އެންމެހައި ފާޙިޝް ކަންތަކާއި މުންކަރާތްތަކަށް މަގުފަހި ކޮށްދީފައެވެ. އަދި ނުވިތާކަށް ދުނިޔޭގެ ޝައިޠާނީ ބާރުތަކުން އިސްލާމީ އުއްމަތް ފުނޑުފުނޑު ކޮށްލުމަށް ފަށާފައިވާ ހަނގުރާމާގައި އެބައިމީހުންނާއި އެއްބައިވެ އަތުކުރި އޮޅާލާފައެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކޮންމެއަކަސް ދީނީ ގޮތުން އެމީހުންގެ ބައެއް ފިކުރުތައް ޙައްދު ފަހަނާޅާފައި ވިޔަސް އެމީހުން ނަމާދު ކުރޭތާއެވެ. ނަމާދަކީ އީމާންކަމާއި ކުފުރާއި ދެމެދުގައިވާ ހުރަހެވެ. މުސްލިމުންނާއި ކާފަރުންނާއި ދެމެދުވާ ފަރަޤެވެ. ފަހެ އެނަމާދުތަކަށް ރައްކާތެރި ވެއްޖެ މީހާ ކިތަންމެ ގިނަ ފާފައަކާއިގެން ﷲގެ ޙަޒްރަތަށް ދާން ޖެހުނަސް ފަހަރެއްގައި ﷲ އޭނާގެ ފާފަތައް ފުއްސެވުން އެކަށީގެންވެއެވެ. އެހެންނަމަވެސް ނަމާދުތައް ނުކޮށް އުޅުނު މީހަކަށް އެދުވަހުން އެއްވެސް ސަލާމަތްކަމެއް ނެތެވެ. ދަންނާށެވެ. ޙައްޤުގޮތް މިއޮތީ ޤުރުއާނާއި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާފުކޮށް ފެންނާށެވެ. ބަޔަކު ކިތަންމެ މަލާމާތްކޮށް ފުރައްސާރަ ކުރިޔަސް ޢިއްޒަތްވަނީ އެގޮތުގައި ހިފެހެއްޓި ބަޔަކަށެވެ. ﷲ ތަޢާލާ އަލް-މުނާފިޤޫން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لا يَعْلَمُونَ” (المنافقون:8) “ދަންނާށެވެ. އެންމެހައި ޢިއްޒަތެއް ވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ އަށާއި އަދި މުއުމިނުތަކުންގެ މައްޗަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް އެކަމެއް ނޭނގެއެވެ.”


    ކިޔުންތެރިންގެ ޚިޔާލު

  1. ބައެއް އާޔަތްތަށް ތަރުޖަމާ ކުރެއްވުމުގައި ބޭނުންވާ ދިމާއަށް ދީލާލަށްވާފައިވާކަން ފާހަގަ ކުރެވެއެވެ.އެހެން ހެްދެވުމުން ލިޔުންތެރިޔާއާއި މެދު އިތުބާރު ކުޑަވާގޮތް ވާނޭކަމީ ޔަގީން ކަމެކެވެ.

    ހުކުރު، މާޗް 7 2008، 17:04
  2. ބައެއް އާޔަތްތަށް ތަރުޖަމާ ކުރެއްވުމުގައި ބޭނުންވާ ދިމާއަށް ދީލާލަށްވާފައިވާކަން ފާހަގަ ކުރެވޭ ސަބަބަކީ ކޮބާ ހެއްޔެވެ.ލިޔުމުގާ ވާ މައްސަލަ އަކީ ކޮބާ ހެއްޔެވެ.އޮޅުން ފިލުވާ ދީ ބަލާ ށެވެ.އަދި އާޔަތުގެ ރަނގަލު މާނަ ބުނެ ދީބަލާށެވެ....ޤުރުއާނުގެ އާޔަތެއްވީމާ ގަބޫލު ނުކުރެވެނީ ދެއްތޯ އެވެ.ޔޫރަޕް މީހަކު އެއްޗެއް ބުނެދީފިއްޔާ ގަބޫލު ކުރަން ވަރަށް ފަސޭހަ ދޯ އެވެ.؟..ފުރައްސާރަ ކުރިޔަސް ތީ ތަން ކޮޅެއް ބޮޑު ވަރެވެ."މުއުމިނޫން ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. “قَدْ أَفْلَحَ الْمُؤْمِنُونَ” (المؤمنون:1) “ހަމަ ކަށަވަރުން ކާމިޔާބު ލިބޭހުށީ މުއުމިނުންނަށެވެ.” “الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ” (المؤمنون:2) “އެބައިމީހުންނީ، އެބައިމީހުންގެ ނަމާދުތަކުގައި (ﷲ އަށް) ބިރުވެތިވާ މީހުންނެވެ.” “وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ” (المؤمنون:3) “އަދި އެބައިމީހުންނީ ހަޑިމުޑުދާރު ބޭކާރު ވާހަކަތަކަށް ފުރަގަސްދިން ބައެކެވެ.” “وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ” (المؤمنون:4) “އަދި އެބައިމީހުންނީ ޒަކާތް ދީ އުޅުނު ބައެކެވެ.” “وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ” (المؤمنون:5) “އަދި އެބައިމީހުންނީ، އެބައިމީހުންގެ ފަރުޖުތައް (ޒިނޭ ކުރުމާއި އެނޫންވެސް އެހެން ފާޙިޝް ޢަމަލުތަކުން) ރައްކާތެރި ކުރި ބައެކެވެ.” “إِلاّ عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ” (المؤمنون:6) “އެއީ އެބައިމީހުންގެ އަނބީންނާއި އަދި އެބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންގެ ކިބައިން މެނުވީއެވެ. ފަހެ އެބައިމީހުންނީ (އެކަމުގައި) މަލާމާތް ލިބިގެން ނުވާ މީހުންނެވެ.” “فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ” (المؤمنون:7) “އެނޫން އެހެން ގޮތެއް ބޭނުންވެއްޖެ ބަޔަކު ދަންނާށެވެ. ފަހެ އެބައިމީހުންނަކީ އެއީ ޙައްދު ފަހަނާޅާފައިވާ ބައެކެވެ.”

    ހޮނިހިރު، މާޗް 8 2008، 17:17
  3. ތި ލިއުމަކީ ހަމަ ހަގީގަތުގައިވެސް ވަރައް ރަނގަޅަށް ރައްދު ދީ ލިޔެފައި ވާ ލިއުމެއް!ތި ލިއުމަށް ވަރަށް ވަރަށް ތާއީދު ކުރަން!ހުކުރު މާޗް2008 04: 17 ށް ބުނަން!! ޖަދަލު ކުރުމަށްވުރެ މޮޅީ،އަމަލުތަށް ސީދާވުމޭ،އަޖަލު މާ ގާތޭ އިނގޭ،މަޖަލުގައި ނޫޅޭ ގިނައިން، އާންންން.....!!!!! *މުސްލިމަކަށް ވީތީ ފަހުރު ވެރި ވާ ދަރިއެއް*

    ހުކުރު، ޖުލައި 11 2008، 21:23
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv