
އަންހެން ދަރިފުޅު ފުރާވަރަށް އެރުން
ބޮޑެތިވަމުން އަންނައިރު އެކުދިންގެ ހަށިގަނޑަށް އަންނަބަދަލުތަކާއި ބެހޭގޮތުން ވާހަކަދެއްކުމަކީ ވަރަށް މުހިއްމުކަމެކެވެ. ޚާއްސަކޮށް އެކުދިންގެ މައްސަރުކަންތައް ފެށުމާއި ބެހޭގޮތުން ވާހަކަދެއްކުމަކީ، ކުއްޖާގެ ހިތުގައި އެކަމާއި ބެހޭގޮތުން އުފެދޭނެވަރަށް ގިނަ ސުވާލުތަކަކަށް ލިބޭ ޖަވާބަކަށްވެސް ވާނެއެވެ. އާއްމުގޮތެއްގައި އަންހެންކުދިންގެ މައްސަރުކަންތައް ފެށެނީ 9 އަހަރާއި 16 އަހަރާއި ދެމެދުގައެވެ. އެވްރެޖް އުމުރަކީ 12 އަހަރެވެ. މިއުމުރުގައި މައްސަރުކަންތައް ފެށުމުގެ ކުރިންނާއި މައްސަރުކަންތަކުގެ ތެރޭގައި ކަންތައްވަނީ ކިހިނެތްކަން އެކުދިންނަށް އޮޅުން ފިލުވައިދީފިނަމަ، އެކަމާއި ކުރިމަތިލާއިރު ކުދިންގެ ހިތުގައި އުފެދޭބިރު ފިލުވާލެވިދާނެއެވެ. އަދި މިކަމަކީ ސިއްހަތުރަގަޅު އަންހެންކުއްޖަކު، އަންހެނަކަށް ވުމުގެ މަރުހަލާގައި ކޮންމެހެންވެސް ކުރިމަތިލާންޖެހޭ ކަމެއްކަން ވިސްނައިދެވިދާނެއެވެ.
• ލެއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ނުރައްކާއަދި ބިރުވެރި ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްޗެކެވެ. އެހެންކަމުންމިކަމާއި ބެހޭ މައުލޫމާތު އެންމެ ރަގަޅުގޮތުގައި ފޯރުކޮށްދެވިފައިނެތުމަކީ، އެކަމުގެ ސަބަބުން ތިމާގެ އަންހެން ދަރިފުޅު ބިރުވެރިކަމެއްގެތެރެއަށް ވައްޓާލުމަށް ދެވޭ އެހީތެރިކަމެކެވެ. އެހެންކަމުން މިކަމަކީ ކިހިނެތްވާ ކަމެއްކަމާއި، ދަރިމައި ވުމުގައި މިކަމުގެ މުހިއްމުކަމެއްކަން ވިސްނައިދޭށެވެ.
• އެކުއްޖެއްގެ އުމުރާއި ގުޅޭ ބަހުރުވަޔަކުން އެކުއްޖަކާއި ވާހަކަދައްވާށެވެ. އެކުދިންގެ ހަށިގަނޑަށް ބަދަލުތައް އަންނަނީ ކިހިނެތްވެގެންކަން ވިސްނައިދޭށެވެ. އަދި އެއްވެސް ބިރުވެރިކަމެއްނެތި އެކުދިންގެ މިކަމާއި ކުރިމަތިލާން ދަސްކޮށްދޭށެވެ. ޕެޑް ނުވަތަ ޓެމްޕަން ބޭނުންކުރާނެގޮތާއި ގަވާއިދުން ބަދަލުކުރާނެ ގޮތް ދަސްކޮށްދޭށެވެ. މަންމަ މިފަދަ ތަކެތި ގަންނަދާއިރު ކުދިން ގެންދާށެވެ. އަދި އެކުދިންނަށް އެންމެ ކަމުދާ ވައްތަރެއް އިޚްތިޔާރުކުރުމުގެ ފުރުސްތުދޭށެވެ. ސްކޫލުގައި ނުވަތަ ބޭރުގައި އުޅެނިކޮށް ޕީރިއަޑް ވެއްޖެނަމަ ހަދާނެގޮތް ބުނެދޭށެވެ. ގަވާއިދުން ޕީރިއަޑްވާ ކުއްޖެއްނަމަ އެދުވަސް ކައިރިވެފައި ހުއްޓާ ދަތުރު ނުވަތަ ގިނަ ވަގުތު ބޭރުގައި އުޅެންޖެހޭފަދަ ކަންކަމުގައި ދާންޖެހޭނަމަ އިތުރު ޖަނގިޔާއާއި ޕެޑް ކޮންމެހެން ގެންދިއުމަށް ހަނދާންކޮށްދޭށެވެ. އަދި މައްސަރުގެ ދުވަސްވަރު ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ހަނދާންކޮށްދޭށެވެ.
• އަންހެންކުދިންގެ މައްސަރުކަންތަކާއި ބެހޭގޮތުން ބައެއްފަހަރު ކުދިންނަށް ނުރަގަޅު މައުލޫމާތުވެސް ލިބިފައި ހުރެއެވެ. އެއް އުމުރެއްގެ ކުދިންތަކެއްގެ ތެރެއިން އެއްކުއްޖަކު ފުރަތަމަ މިކަމާއި ކުރިމަތިލުމުން ދެން ތިބިކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް މައިން ނުވަތަ ދައްތައިންގެ ފަރާތުން ފުރިހަމަ ޖަވާބުނުލިބޭނަމަ އެކުދިން އަމިއްލައަށް މިކަމުގެ ޖަވާބުތައް ހޯދާއިރު ނުރަގަޅު މައުލޫމާތު ލިބުމަކީ އެކަށިގެންވާ ކަމެކެވެ. މިސާލަކަށް ތިމާގެ އަންހެން ދަރިފުޅުގެ ގާތް 3 ރަހްމަތްތެރިން ތިބިނަމަ، އަދި އެކުދިންގެ ތެރެއިން ތިމާގެ ދަރިފުޅުގެ މައްސަރުކަންތައް ފެށުނީ އެހެންކުދިންނަށްވުރެ ފަހުންނުވަތަ ކުރިންނަމަ، ދެންތިބިކުދިންނާއި ތިމާގެ ދަރިފުޅާއި ހުރީ ކޮންތަފާތެއްތޯ މިއީ ހިތުގައި އުފެދޭނެ ސުވާލެކެވެ. އަދިވެސް އޭނާގެ ރައްޓެހިންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތުތައް އޮޅުން ފިލުވައި އެކަމުގެ ތެދު ދޮގު ސާފުކޮށް ބުނެދޭށެވެ.
• މައްސަރުކަންތަކަކީ ހަމައެކަނި އަންހެނުންގެ ކަމެކޭ ބުނެވުނަސް އެއީ ފިރިހެނުންގެވެސް ކަމެކެވެ. މަޔަކާއި ނުލާ އަންހެންދަރިން ބަލާބޮޑުކުރާ ފިރިހެނުން އަލުގަނޑުމެންގެ ތެރޭގައިވެސް އުޅެއެވެ. އެހެންކަމުން ބައްޕައިންވެސް މިކަމާއި ބެހޭމައުލޫމާތު ހޯދައިފައި ކުއްޖާ ކޮށްފާނެސުވާލަކަށް ޖަވާބުދިނުމަށް ތައްޔާރަށް ހުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ސީދާ ދަރިފުޅާއި ވާހަކަދައްކަން އުނދަގޫނަމަ ރައްޓެހި ނުވަތަ އަވަށްޓެރި އަންހެނުންގެ ތެރެއިން ދަރިފުޅު އިތުބާރުކުރާ އަންހެނަކު މިކަމަށް މެދުވެރި ކުރެވިދާނެއެވެ.
• ބައެއްކުދިންގެ މައްސަރުކަންތައް ފެށުމުގެ ކުދިންއެކުދިނަށް އެހެންބަދަލުތަކެއްވެސް އާދެއެވެ. މޫނުގައި ބިހިނެގުމާއި، ބަނޑުގައި ރިއްސުމާއި މޫޑްބަދަލުވުންފަދަ ކަންތަކަކީ މިކަމުގެ ސަބަބުން ވާ ކަންތައްކަންވިސްނައިދޭ އެކަމުގައި ކުދިންނަށް އެއްބާރުލުންދޭށެވެ. ނަމަވެސް އާދަޔާއި ޚިލާފަށް ގިނައިން ބިހިނެގުމާއި ، އާއްމުދިރިއުޅުމަށް އަސަރުކުރާވަރަށް ބަނޑަށް ތަދުވާނަމަ ދަރިފުޅު ޑޮކްޓަރެއްގެ ގާތަށް ގެންދާށެވެ. އަދި ދަރިފުޅު އިހްސާސްކުރަމުންދާ ކަންތައް އަމިއްލައަށް ޑޮކްޓަރާއި ހިއްސާ ކުރުމުގެ ފުރުސަތުދޭށެވެ.
• މައްސަރުގެ ދުވަސްވަރު މަންމަ ކަންތައްކުރާގޮތާއި މަންމައަށް ދަސްވެފައިހުރިކަންތައް ބުނެދޭށެވެ. މިދުވަސްވަރު އަނދިރިކުލަތަކުގެ ހެދުން ބޭނުން ކުރުމުން ލީކްވިޔަސް ފާހަގަވުން ކުޑަވާނެއެވެ. އަދި ލީކްވެއްޖެނަމަ ހެދުން އަވަހަށް ތެންމާލުމުން ފަސޭހައިން ދޮވެވޭނެއެވެ. ސްކޫލުގައި ހުއްޓާ ޕީރިއަޑް ވެއްޖެނަމަ އެހީތެރިކަން ހޯދޭނެ އިތުބާރުކުރެވޭ މީހަކު ދަރިފުޅަށް ދައްކާށެވެ. ޕެޑެއް ލިބެންނެތް ވަގުތެއްގައި ޕީރިއަޑްވެއްޖެނަމަ ވަގުތުން ބޭނުންކުރެވޭ ފެޑެއް ޓިޝޫއިން ނުވަތަ ޓޮއިލެޓް ޕޭޕަރުން ހަދާނެގޮތް ބުނެދޭށެވެ. ބޭނުން ކޮށްފައިވާ ޕެޑް ފަދަ ތަކެތި ނައްތާލާނެރަގަޅު ގޮތް ބުނެދޭށެވެ. މިފަދަ ތަކެތި ފާޚާނާއަށް ނުއެޅުމަށް ބުނާށެވެ. ކޮންމެ ފަހަރަކުވެސް ޕެޑް ބަދަލުކުރުމަށްފަހު ރަގަޅަށް އަތްދޮވުމާއި އަބަދުވެސް ސާފުތާހިރުކޮށް ހުރުމަށް ނަސޭހަތްތެރިވާށެވެ.
• ކޮންމެ ކުއްޖަކީވެސް ތަފާތުކުއްޖަކަށް ވާފަދައިން އެކިކުދިންނަށް ދިމާވާ މައްސަލަތައްވެސް ތަފާތެވެ. އެގޮތުން ތިރީގައި މިދަންނަވާ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ.
އުމުރުން 16 އަހަރު ފުރުނުއިރުވެސް މައްސަރުކަންތައް ނުފެށުން
ފުރަތަމަ އެއްއަހަރުގެ ތެރޭގައި ގަވާއިދުން މައްސަރުކަންތައް ނުޖެހުން
7 ދުވަހަށްވުރެ ގިނަދުވަހަށް މައްސަރުކަންތައް ދެމިގެން ދިއުން
1 ނުވަތަ 2 ގަޑިން ޕެޑްބަދަލުކުރަންޖެހޭ ވަރަށް ގިނައިން ލޭ ފޭބުމާއި ލޭގައި ގަނޑުހުރުން
3 މަސް ވަންދެން ޕީރިއަޑް މެދުކެނޑިފައިހުރުން.
• އަންހެންކުއްޖަކު އަންހެނަކަށް ވުމާއި އެކު މަންމައިންގެ ހިތުގައި އުފެދޭ ބިރުވެރިކަމެއްވެސް ވެއެވެ. އެހެންކަމުން ދަރިފުޅުގެ އަޚްލާގް ބަހައްޓަންވީ ގޮތާއި އެކުދިންގެ އިންތައް ފާހަގަކޮށް ބުނާށެވެ. ދަރިފުޅުގެ އެންމެ ގޯސް ފިޔަވަޅެއް މުޅި އާއިލާގެ އިއްޒަތް ވެއްޔާ މޮޑެލަފާނެކަން ހަނދާންކޮށްދީ އެކަމުގެ މައްޗަށް ކުދިންގެ ވިސްނުން އަބަދު ގާއިމްކޮށް ބަހައްޓާށެވެ.
-
ބުދަ، މާޗް 5 2008، 08:14
ވަރަށް ރަނގަޅު ލިޔުންކޮޅެއް. މިކަހަލަ މަޢުލޫމާތު ގިނަގިނައިން ގެނެސްދިނުމަކީ އަޅުގަނޑުމެންވަރަށް ބޮޑަށް އެދޭކަމެއް. މިފަދަ ކަންތައްތަކާއި ބެހޭ މައުލޫމާތު ފުރިހަމައަށް އެނގުމަކީ ވަރަށް މުޙިއްމު ކަމެއް.