މުސްކުޅި ކުރާ މީހުންނަށް އެއް ފަހަރާ ފައިސާގެ އިނާޔަތެއް ދިނުމަށާއި ކޮންމެ މަހަކު ވަކި އަދަދަކަށް ފައިސާ ދޭ ގޮތަށް ހަމަޖައްސައިފި

އަހުމަދު މުހުސިން ފެބްރުއަރީ 21، 16:19 1 ޚިޔާލު

ސިވިލް ސާވިސް ގާނޫނަށް އަމަލުކުރަން ފެށުމާއެކު ސަރުކާރުގެ މުވައްޒަފުނގެ ތެރެއިން މުސްކުޅި ކުރާ މީހުންނަށް އެއް ފަހަރާ ފައިސާގެ އިނާޔަތެއް ދިނުމަށާއި ކޮންމެ މަހަކު ވަކި އަދަދަކަށް ފައިސާ ދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ”ފަންސަވީސް“ ގައި ބޭއްވި ބައްދަލުވުގައި ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ މުހައްމަދު ލަތީފް ވިދާޅުވީ ސިވިލް ސަރވިސްގެ ޤާނޫނު ބުނާގޮތުން އަންނަ މޭ މަހުގެ އެއް ވަނަ ދުވަހުން ފެށިންގެން ސަރުކާރުގައި ތިބި 65 އަހަރު ފުރިފައިވާ މުވައްޒަފުން މުސްކުޅިކުރުމުގެ ގޮތުން ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ޓަކައި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު (މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލް) ގައިވާ ކަންތައްތަކަށް ބިނާކޮށް ވަގުތީ އިންތިޒާމެއް ހަމަޖައްސާ މިމަހުގެ 17 ވަނަ ދުވަހު އާ ހުށަހެޅުމެއް ފިނޭންސަށް ހުށަހަޅާފައިވާނޭ ކަމަށެވެ.

” އޭގައި އޮންނާނީ މިހާރު ސަރުކާރު މުވައްޒަފުންނާމެދު އަމަލުކުރާ ޤަވާއިދުގައި ހުރި އުސޫލުތައް އަސްލަކަށް ބަލައިގެން އޭގެ މަފްހޫމާ ރޫހާ އެއްގޮތަށް އިނާޔަތް ދިނުމަށް. އެއީ 20 އަހަރު މަސައްކަތް ކުރުމުން ބައި މުސާރަ. އޭގެ އިތުރުން 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފިނަމަ މަހު ބައި މުސާރައާއި އަހަރުގެ އަދަދާ ގުނަކޮށްގެން ލިބޭ އަދަދެއްގެ އިނަޔަތެއް ހަމަޖެއްސުން. މިމައްދާތަކަށް ބަލައިގެން އުސޫލެއް ކަނޑައަޅާނީ. މިހާރު ނިމުމަކަށް އަތުވެއްޖެ“ ލަތީފް ވިދާޅުވިއެވެ.

ޑރ ލަތީފް ވިދާޅުވީ މުސްކުޅި ކުރިކުރުމުގެ އިނާޔަތަކަށް ވާނީ ދުނިޔޭގައި ހުރިހާ ދުވަހަކު ލިބޭ މަހު އިނާޔަތަކާއި ވަކިވާއިރު ގަނޑުކޮށް ދޭ އިނާޔަތެއްގެ ކަމަށެވެ.

”މިއިނާޔަތަކީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ އިނާޔަތަކަށް ވާނޭ ކަމަށް ޤަބޫލުކުރަން“ އެޑިޔުކޭޝަން މިނިސްޓަރކަން ކުރައްވާފައިވާ ޑރ. ލަތިފް ވިދަޅުވިއެވެ.

އިނާޔަތުގެ ގޮތުގައި ގާތްގަނޑަކަށް ކިހާވަރެއްގެ ފައިސާއެއް ލިބޭނެތޯ ނޫސްވެރިއަކު ދެންނެވުމުން ޑރ ލަތީފް އޭގެ ދެ މިސާލެއް ދެއްކެވި އެވެ.

”މިސާލަކަށް ނުވަ އަހަރު ވަޒީފާ އަދާކޮށްފައިވާ ވޮޗަރަކަށް ލިބޭނެ މަހަކު 648 ރުފިޔާއާއި އެއްފަހަރާ ދެވޭ 8،000 ރުފިޔާ. މިސްކިތް ފޮޅާ ސާފުކުރާ މީހަކަށް ލިބޭނެ މަހަކު 2600 ރުފިޔާއާއި 52،000 ރުފިޔާ“ ލަތީފް ވިދަޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުން މިހަރަށް ވެސް މުސްކުޅި ކުރެވޭ މީހުންގެ ގޮތުގައި 1755 އެއްހާ މުވައްޒަފުން އެބަތިބި ކަމަށާއި އޭގެތެރޭގައި ގިނައީ މެދުފަންތީގެ ވަޒީފާ އަދާކުރާ މީހުން ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު ލިއުމެއްގައި ބުނެފައިވާގޮތުން މަހުން މަހަށް މުޅި އުމުރު ދުވަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ ވަޒީފާ ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަ އާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތުން ހިސާބުކުރުމުން ޖެހޭ އިނާޔަތް އެމީހަކަށް 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭއިރު ލިބެމުން އައި މުސާރައަށް ވުރެ ބޮޑޫ ނަމަ އެ މީހަކަށް މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކީ އެ މުސާރައިގެ އަދަދކެވެ. ނުވަތަ ހިސާބު ކުރުމުން ޖެހޭވަރު 500ރ. އަށް ވުރެ ކުޑަ ނަމަ އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ 500ރ. ކަމަށް އެ ލިއުމުގައި ބުނެފައިވެ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކީކޭތަތިކިޔަނީ މިހިރަމީހާ އަހަރެމެން ކުޑައިރުއްސުރެވެސް ފަތްލިޔެފަދީފައޮތީތަ ފޫއްސެއްނުވޭތަ ހާދަގިނަކަންތަކެއް ދޫކޮށްލެވިފަ އެބަހުއްޓޭ ދޯހޮޅިކަމުން =މީދޫ ޓެކްސީލައިން=

    ބުރާސްފަތި، އޯގަސްޓް 14 2008، 00:24
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv