ވެރިކަމާހެދި ޗެއަރޕާސަން އިސްތިއުފާ ދިނުމަކީ ޕާޓީ ރަށް މެދަށް އެއްލާލުން : ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން

ފެބްރުއަރީ 21، 16:16 5 ޚިޔާލު

މައްސޫދު ހިލްމީ އަދި މިއުސަމް އައްބާސް

ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލުމަށްޓަކައި މޯލްޑިވިއަން ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ) ޗެއަރޕާޝަން ކަމުން މުހައްމަދު ނަޝީދު (އަންނި) އިސްތިއުފާ ދިނުމަކީ އެޕާޓީ ދާނެ ވަކި މިސްރާބެއް ނެތި ރަށްމެދަށް ދޫކޮށްލި ދޫކޮށްލުމެއް ކަމަށް އެޕާޓީގެ ގައުމީ މަޖިލިސް ބައެއް މެމްބަރުން ސިފަކުރައްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖުލިސްގެ މެމްބަރު ޝުއައިބު އަލީ (ފުރަހަނި) ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން މުހައްޝމަދު ނަޝީދު (އަންނި) ޕާޓީގެ ޗެއަރމަން ކަމުގެ މަގާމުން އިސްތިއުފާ ދިނުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއް ކަމަށާއި އެހެން ނަމަވެސް ޗެއަރަޕާސަން ކަމުން އިސްތިއުފާ ދެއްވިއިރު ޕާޓީގެ އިދާރީ ހިންގުން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.

” އަންނި ރާއްޖޭގެ ރައީސް ކަމަށް އައުމުގެ ޝައުގު ހުރި ބޮޑުކަމުން ޕާޓީ ދޫކޮށްފައި ދުއްވައިގަތީ ރަށްމެދަށް ޕާޓީ އެއްލާލައި. އެއަށްވުރެ ރީތި އުސޫލަކުން އިދާރީ ގޮތުން މިކަން ކުރެވެން އެބައޮތް“ ޝުއައިބު ވިދާޅުވި އެވެ.

އެޕާޓީގެ ގައުމީ މަޖުލިސް މެމްބަރ އުބަދުﷲ މުއާޒު ވިދާޅުވީ މިހާރުގެ އަސާސީ ގަވާއިދުގެ ދަށުން މުޅި ޕާޓީގެ ހިންގުން ބިނާވެގެން ވަނީ ޗެއަރޕާސަން މައްޗަށް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ބޭފުޅަކު އަންޔަން ކުރުމެއްނެތި ޗެއަރޕާސަންކަމުން އިސްތިއުފާ ދިނުމަކީ ޕާޓީގެ ހަރަކާތްތައް ހިންގުން ހުއްޓުވާލެއްވުމަށް ކުރެއްވި ކަމެއް ކަމަށެވެ.

ޖަޒީރާއަށް މައުލޫމާތު ދެމުން ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ގައުމީ ޗެއަރޕާޝަންގެ މަގާމުން އަންނި އިސްތިއުފާ ދިނުމަކީ އެތައްހާސް ރައްޔިތުންގެ މައްޗަށް އެކުލެވޭ ސިޔާސީ ޕާޓީއަކަށް އަންނި ދީފައިވާ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

އަންނި އިސްތިއުފާ ދެއްވުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އެމްޑީޕީގެ ގައުމީ މަޖިލީސް މަމްބަރ ހުސެއިން ރަޝީދު ވިދާޅުވީ މިފަދަ ދަޑިވަޅެއްގައި ގައުމީ ޗެއަރޕާސަން ކަމުން އަންނި އިސްތިއުފާ ދެއްވުމުން ޕާޓީއަށް އައިސްގެންދާނެ ހީނަރުކަމަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ އެމީހަކު އަދާ ކުރަމުން ދާ ވާޒީފާއަކާ ތައާރު ވާނަމަ އިސްތިއުފާ ދިނުން އެއީ މައްސަލައެއް ނޫން ކަމަށާއި އަންނި އިސްތިއުފާ ދެއްވީ ޕާޓީގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރައްވަންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ ޕާޓީގެ ސިޔާސީގޮތުން އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް ކަމަށާއި ޕާޓީގެ ޗެއަރޕާސަން އަކީ ޕާޓީގެ އިދާރީ ބައިގެ މަސައްކަތްތަކުގެ އެންމެ އިސްފަރާތްކަމަށް ދެކެވަޑައިގަން ނަވާ ކަމަށެވެ.

” މީގެ ކުރިން އަޅުގަނޑުމެން ޕާޓީގެ ރައީސް ވެސް އިސްތިއުފާ ދެއްވި, އިބުރާހިމް އިސްމާއިލު އިސްތިއުފާ ދެއްވިއިރު ވެސް ކުރިން އެގުމަކާ ނުލާ އިސްތިއުފާ ދެއްވީ.“ ހާއްސަ މަޖިލީހުގެ ތ. އަތޮޅު މެމްބަރ ޑރ. ހުސެއިން ވިދާޅުވި އެވެ.

އެމްޑީPީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ގައުމީ ޗެއަރަޕާޝަނެއް ނެތް ހާލަތެއްގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ އެވެ. އެއީ ގައުމީ މަޖިލިސް އެއްކުރުމުގެ ބާރުވެރިފަރާތަކީ ގައުމީ ޗެއަރޕާޝަން ކަމަށް ވާތީ އެވެ.

މުހައްމަދު ވަޖީހު އިބުރާހިމް ވިދާޅުވީ ރޭ އަންނި ނިންމި ނިންމުމަކީ ޕާޓިއަށް ދިން ވަރަށް ބޮޑު ދެރައެއް ކަމަށާއި އެބޭފުޅާ އިސްތިއުފާ ދޭންބޭނުންނަމަ އެކަންކުރެވޭނެ ވަރަށް ރީތިގޮތް ވެސް ހުންނާނެ ކަމަށެވެ.

” ރޭގަ ޖަލްސާ ނިންމާލައްވަމުން އޭނާ ވިދާޅުވީ މިހާރު ތިމަންނަ އިސްތިއުފާ ދީފީމޭ ވިދާޅުވުމުން ޕާޓީ ހިންގުން މިވަނީ ގާތްގަނޑަކަށް ހުއްޓުވުމަކަށް އައިސްފައި.“ ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އަންނި އަމަލު ކުރެއްވީ ސިޔާސީ ޕާޓީގެ ޗެއަރޕާސަން އަމަލުކުރައްވާނެ ގޮތަކަށް ނޫން ކަމަށާއި އެނިންމުމަކީ ޕާޓީގެ ކުރިމަގަށް ބަލާލުމެއް ނެތި ނިންމި ނިންމެއް ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މާތްކަލާކޯ އަންނި ކަމެއްކޮށްފިޔާ އެކަމާ ދެކޮޅަށް އެކަކުވެސް ޗުއްޕުވެސް ބުނެގެންނުވާނެ، އޭނައަކީ ވ.އިލްމީ ވިސްނުންތޫނު ބޭފުޅެއް، ޗެއަރޕާޝަންކަމުން އިސްތިއުފާދިނަސް ޕާޓީގެ ހުރިހާ ބާރެއް އަދިވެސް އޮންނާނީ އަންނިއަތުގައި، އިތުރު މީހަކަށް ޗުއްޕުވެސް ބުނާކަށް ނުކެރޭނެ، ކަލޭމެން ބަލަންތިބޭތި، ކުރިންވެސް އެމް.ޑީ.ޕީ އިން ބޭއްވި އިންތިޚާބުތަކުގައި އަންނިގެ ބާރާނުފޫޒު ބޭނުންކޮށްގެން އެތަށްކަމެއް ކޮށްފައިއެބަހުރި، މިފަހަރުވެސް ހަމަ އެގޮތަށް އޭނަ ބޭނުންގޮތަކަށް ކަންތައްކޮށްލާނީ، އަންނިއަކީ މީގެ އެތަށް އަހަރެއްކުރިން ވެރިކަމައިގެން އުޅޭ އާއިލާއެއްގައި ހުރި، މިނިކާފަޔާ ކާފަ އަދި ބައްޕަ ބޭނުންވެގެން އުޅުނުކަންތައް އޭނައަށްވެސް ކުރެވޭތޯ ނުކުމެހުރި މީހެއް، ވެރިކަމާ ކޯޅުމާބެހޭގޮތުން އެއާލާއިން ލިޔެފާއޮންނަ ފޮތެއް އެގޭގައި އޮންނަވާހަކަވެސް އަހަރެން އަޑުއެހިން،

    ބުރާސްފަތި، ފެބްރުއަރީ 21 2008، 18:53
  2. އަސްލުވގެން އުޅެނީ ތިހިނެއްނޫނެވެ. އަންނިއަކީ އަދި ޅަކުއްޖެއް ކަމުން ވިސްނުމެއްނެތި ކަންތައްތައް ކުރެވެނީ އެވެ. މައުމޫނާއި ދެކޯޅަށް ނިކުމެހުރެ އޭނާއާއި ބައްދަލުކުރުމަށްވެސް އެދެވެނީ އެވެ. އަދި މައުމޫނުގެ ކޮއްކޮއާއިވެސް ބައްދަލު ކުރަނީއެވެ. އިންސާނާގެ ސިކުޑި ފުރިހަމަވަނީ ސާޅިސް އަހަރުން ކަމުގައިވާނަމަ އަންނިއަށް އަދި އެވަރު ނުވަނީ އެވެ. ބަހާއި އަމަލާއި ދިމާ ނުވެގެން އިޅެނީ އެހެންވެ އެވެ. ހަގީގަތުގައި އެމް ޑީ ޕީ ގެ ރިޔާސީ އިންތިހާބު ބޭއްވެންވާނީ ފުރަތަމަ ޗެއަރޕާސަން ކަމުގެ މަގާމަށް މީހަކު އިންތިޚާބު ކޮށްގެނެވެ. އެހެންނޫނިއްޔާ ކޮންމެވެސް އެކެއްގެ ނުފޫޒް ވޯޓާއި ގުޅުމަކީ ދުރުކަމެއްނޫނެވެ. އެހެން ނޫނަސް ޕާޓީގައި ޗެއަރކުރާނެ މީހެއްނެތްނަމަ އެޕާޓީއަކީ އައުރަ ނިވާނުވެ ހުރިޕާޓީއަކަށް ވެދާނެއެވެ. =ހުސެއިން=

    ބުރާސްފަތި، ފެބްރުއަރީ 21 2008، 21:40
  3. ސިޔާސީ މައިދާނުގައި (ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާވާނަމަ) ފާޑުކިޔުމަށް ހުށަނޭޅޭ މީހަކު ނުހުންނާނެ. ޕާޓީ ތެރޭން ޕާޓީއަށް ކިޔޭ ފާޑުތައްވެސް ހަމަ ވަރަށް މުހިއްމު. ކުރިޔަށް އޮތް އިންތިހާބުގައި ވެރިޔަކު އައްޔަން ކުރާނީ ތިޔަ ކަންކަމަށް ރިޔާއަތް ކޮށްފަ. އަހަރެމެން ވެރިޔަކަށް ހޮވަން މިއުޅެނީ "އެންމެ ފުރިހަމަ" މީހާ އެއް ނޫން. އެކަމަކު، އުނި ކަންތައްތައް އެންމެ މަދު މީހާ.

    ހުކުރު، ފެބްރުއަރީ 22 2008، 01:32
  4. އެމްޑިޕީ އަކީ ބައެއްގެ ފިކްރީ ތަރިކައެއް. އަންނިއަކީ އެމްޑިޕީއެއްނޫން. އެމް.ޑީ.ޕީ އަކީ ދިވެހި ގަވްމަށް ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދޭ ބައެއްގެ ފިކުރަށް ކިޔާނަމެއް. އެފިކުރުގައި އަންނި ހުންނެވިނަމަ އޭނަވެސްވާނީ އެމްޑިޕީގެ މީހަކަށް. މިފިކުރު ދެމިއޮތުމަކަށް އަންނި މުހިންމެއްނޫން. މުހިންމީ ޙިކްމަތާއި ޢަމަލުން ނަތީޖާނެރުން. =ނިކްސް-

    ހުކުރު، ފެބްރުއަރީ 22 2008، 03:43
  5. hެހެހެހެ ކޮއްކޮމެނޭ އައްނިއަކީ ދިވެހިން ގެ އަގަ ޔައްޖަހާފަ ހުރި ބޯލްޓް ލުހެލަދިންމީހާ ،ބޭބެ ދެކޭގޮތުގާ އަދިފެއްނަފެނުމުގާ އެމްޑީޕީ ން ފީހޮވިގެން ދިއުމައް ފަހު ﷲ ގެ ރަހުމަތުން އިހުނައް ވުރެއް އާރުލާ އެއްވާނެއްގާ އެއްރޫހެއްގާ އައްނަނީކުރިޔައް . އައްނިއަކީ ފުރިހަމަ ލީޑަރެއް ދިވެހިން އެސޮރު ބަލައިގެންފިކަން ކަށަވަރު.

    ބުދަ، ސެޕްޓެމްބަރ 10 2008، 05:51
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv