
ވެލެންސިއާއަށް މޮޅުވުން ނޫން ގޮތެއް ނެތް
12 ވަނަ ކަޕްވިނާރސްކަޕް ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗަކީ ވެލެންސިއާގެ މަރުވުމާއި ދިރުން ގުޅިފައިވާ މެޗެވެ. ވިކްޓަރީ އާއި ދެކޮޅަށް ކުޅޭ މިމެޗުން 3 ޕޮއިންޓް ވެލެންސިއާއަށް ނުހޯދިއްޖެނަމަ އެޓީމަށް ޖެހޭނީ ސީޒަންގެ ފުރަތަމަ މުބާރާތާ އަލްވަދާއު ކިޔާށެވެ.
ހޮނިހިރު ދުވަހުގެ މެޗުގައި އިދިކޮޅަށް ނުކުންނަ ވިކްޓަރީ އަކީ ފައިނަލުގެ ފުރުސަތު އެންމެ ބޮޑަށް ހުޅުވިފައި އޮތް ޓީމެކެވެ. މިހާރު 5 ޕޮއިންޓްގައި އޮތްއިރު ފައިދާ 7 ގޯލުވެސް އެބައޮތެވެ. އެހެންކަމުން މާދަމާ ތަފާތު ކުޑަ ނަތީޖާއަކުން ވިކްޓަރީ ބަލިވިޔަސް އެޓީމަކަށް ފައިނލުގެ ފުރުސަތެއް ނުގެއްލޭނެ އެވެ. ނަމަވެސް އޭރުން ފައިނަލަށް ދިޔުމަށް ނިއުއާއި ވެލެންސިއާ ޖެހޭނީ ހަނގުރާމައެއް ކުރާށެވެ.
ފުރަތަމަ ބުރުގެ ދެމެޗުން ވެލެންސިއާއަށް އެންމެ ޕޮއިންޓެއްވެސް ނުހޯދުމުން އެޓީމު ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ވިކްޓަރީ އާއި ދެކޮޅަށް ފުރަތަމަ ބުރުގައި ކުޅުނު މެޗުން ވެލެންސިއާ ބަލިވީ 1-8 ލަނޑުންނެވެ. އެހެންކަމުން ވިކްޓަރީން އެންމެ ފަހުގެ ނޫސް ކޮންފަރެންސްގައި ބުނެފައިވަނީ އެޓީމަށް ފައިނަލުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.
ވިކްޓަރީ އަތުން ތަފާތު ބޮޑުކޮށް ބަލިވިޔަސް އެންމެ ފަހުން ކުޅުނު މެޗުގައި ނިއުއަތުން ވެލެންސިއާ ބަލިވީ 1-2 ލަނޑުންނެވެ. ކުރީ މެޗާ ބަލާއިރު ވެލެންސިއާ ޓީމު މިމެޗުގައި މޮޅޫ ކުޅުމެއް ވަނީ ދައްކާފައެވެ.