ކެންޔާގައި އިތުރު ހަމަނުޖެހުންތަކެއް ފެނިދާނެކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން ދީފި

ހުސައިން ރަޝީދު ފެބްރުއަރީ 21، 13:46 0 ޚިޔާލު

ކެންޔާގައި ބޭއްވުނު އިންތިޚާބަށްފަހު އެޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އިތުރު މައްސަލަތަކެއް ފެށިދާނެކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ދީފިއެވެ. ހަމަނުޖެހުންތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ.

ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނައުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގެ ވޯޓުތައް އަލުން ގުނަން ޖެހޭނެއެވެ.

ސަރުކާރުން އެކަމަށް އެއްބަސްވެފައިވާ ކަމުގައި އ.ދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް, އެކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމިގޮތާ އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހޭކަން ހާމަކޮށްފައިވެއެވެ.

ރައީސް މްވައި ކިބާކީ ވިދާޅުވާ ގޮތުގައި އިދިކޮޅު ޕާޓީގެ ވެރިން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމުގައި ވިދާޅުވިއެވެ.

އަދި އެޤައުމުގައި ހަމަނުޖެހުންތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ކެންޔާ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލާފައިވަނީ ހަމަނުޖެހުންތަކަށް އަވަސް ހައްލެއް ގެނައުމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv