މޮޅު ކުޅުމާއެކު ބާސެލޯނާ ސެލްޓިކް ބަލިކޮށްފި
ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ ސްޕޭންގެ ބާސެލޯނާއާއި ސްކޮޑްލެންޑްގެ ސެލްޓިކް ބައްދަލުކުރި މެޗް 3-2 އިން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.
ސެލްޓިކްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗްގައި ސެލްޓިކުން ދެފަހަރު ލީޑު ހޯދި ނަމަވެސް 1995 ވަނަ އަހަރުގެ ޗެމްޕިއަނުން ބަލިކުރެވޭ ގޮތެއް ނުވިއެވެ. ބާސާއަށް ލަނޑު ޖަހައިދިނީ މެސީއާއި އޮންރީއެވެ. ރޭގެ މެޗްގައި ބާސެލޯނާ ޓީމް ބެންޗްގައި އިނީ އެސިސްޓެންޓް ކޯޗް ޔޯހަން ނީސްކެންއެވެ. އެޓީމުގެ ކޯޗް ރައިކާޑް ހުރީ ސަސްޕެންޝަނެއް ފުރިހަމަކުރަން ކުޅި ބަލާމީހުންގެ ތެރޭގައެވެ.
މެޗަށްފަހު ސްކޮޑްލެންޑްގެ ގަދަބާރުގެ ކޯޗް ގޯޑަން ސްޓްރޯޗަން ބުނީ ބާސެލޯނާ އަތުލެވޭހައި ހިތްވަރެއް އެނާގެ ކުޅުންތެރިން ކިބައިގައި ނެތް ކަމަށެވެ. ”އަހަރެންމެ ނަސީބެއްވެސް ރޭ ނެތް, އަބަދުވެސް އޮންނަނީ ބޯޅަ ގެއްލި, އަނެއް ޓީމުގެ ފަހަތުން ދުވުން, އެހެންވެ ޓީމް ވަރުބަލިވެ ގިނަ ގޯސްތަކެއް ހެދުނު“ އޭނާ ބުންޏެވެ.
ބާސެލޯނާގެ ފަރާތުން ވާހަކަ ދައްކަމުން ނީސްކެން ބުނީ ސެލްޓިކްގެ ކުޅުން ވަރަށް ރަގަޅު ކަމަޔާ ބާސެލޯނާގެ ކުޅުން އޭގެ އެއްދަރަޖަ މަތިކަމަށެވެ. މި ދެޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ މަހު 4 ގައި ނޯ ކެމްޕްގައެވެ. _ ރޮއިޓަސް