

މިލާނާއި އާސެނަލް މެޗް އެއްވަރު
ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އޭސީމިލާނާއި އިންގްލެންޑްގެ އާސެނަލް ބައްދަލުކުރި މެޗް 0-0 އިން ޑްރޯވެއްޖެއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗްގައި ދެޓީމުންވެސް ވަރަށް މޮޅު ބަލާހިތްވާ ކަހަލަ ކުޅުމެއް ދެއްކިއެވެ. އެހެންނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތައް ލިބުނީ ރަށު ޓީމަށެވެ. އެޓީމުގެ އަޑެބަޔޯއަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗް ވެންގަރ ބުނީ އޭނާގެ ޓީމު ރޭ ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާ އެހެންނަމަވެސް ލަނޑެއް ނުޖެހުނީތީ ދެރަވާ ކަމަށެވެ. އަދި ވެންގަރ ބުނީ ރޭ އޭނާގެ ޓީމަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތު ލިބުނު ކަމަށެވެ.
މިދެޓީމުގެ ދެވަނަ ލެގް އޮންނާނީ މިލާނުގައި ކަމުން ހުރިހާ އެޑްވާންޓޭޖެއް މިހާރު އޮތީ އެޓީމަށެވެ. ސެންސީރޯގައި އިންގްލެންޑް ޓީމެއް އަތުން ދުވަހަކުވެސް މިލާން ބަލިވެފައި ނުވާތީ ތަފާސް ހިސާބުވެސް ބުރަވަނީ އެޓީމް ކޮޅަށެވެ.
” ކުއަރޓަރ ފައިނަލްގެ ޖާގަ އަދި ކަށަވަރުނުވޭ, ރޭ އާސެނަލް ކުޅުނީ ވަރަށް މޮޅު ކުޅުމެއް މިލާން ގޮސް ވެސް އެޓީމުން އެކުޅުން ތަކުރާރުކޮށްފާނެ“ މެޗަށްފަހު މިލާނުގެ ކޯޗް އަންޗޮލެއްޓީ ބުންޏެވެ.
ރޭގެ މެޗްގައި އާސެނަލްގެ ކާލޫޓޯރޭ އަށް އަނިޔާވެގެން ދަނޑުން ބޭލިއެވެ. - ރޮއިޓަސް