ހުވަހަންދޫ މަޝްރޫއުގެ ބަދަލުގެ ގޮތުގައި އިތުރު 96.3 މިލިއަން ރުފިޔާ ހޯދަން ޖައުފަރު ހުށަހަޅައިފި

އަހުމަދު މުހުސިން ފެބްރުއަރީ 20، 17:00 6 ޚިޔާލު

ޖައުސާ ފިޝަރީޒް ޕްރޮޖެކްޓްއިން ހއ ހުވަހަންދޫ ޕްރޮޖެކްޓްގެ ބަދަލުގެ ގޮތުގައި ސަރުކާރުން އެކުންފުންޏަށް ދޭން ނިންމި ބަދަލުގެ އިތުރުން އިތުރު 96.3 މިލިއަން ރުފިޔާ ހޯދުމަށް ޖައުފަރު އީސާ އާދަމް ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅާފައިވާ ސިޓީއެއް ޖަޒީރާއަށް ލިބިއްޖެއެވެ.

ޖަޒީރާއަށް ލިބިފައިވާ މިސިޓީއާއެކު ޖައުސާ ފިޝަރީޒް ޕްރޮޖެކްޓްއިން ޖައުފަރު އީސާ އާދަމަށް ލިބެން ޖެހޭ ޙައްޤު ބަދަލުކަމަށް ޖައުސާއިން ހުށަހަލާފައިވާ ސަމަރީ ރިޕޯޓެއް ހިމަނާފައިވެއެވެ. އަދި އެއީ ނިގޯޝިއޭޓް ކުރުމަށް ހުށަހެޅިފައިވާ ޚުލާސާ ރިޕޯޓެއް ކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހއ އަތޮޅު މެންބަރ ޖައުފަރު އީސާ އާދަމް ފިޝަރީޒް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެރިޕޯޓަކީ އެމިނިސްޓްރީގެ ވެރިންނާއެކު ބެއްވި މަޝްވަރާއަކަށްފަހު ހުށަހަޅާ ރިޕޯޓެއް ކަމަށެވެ.

ޕީއޭއަށް ނިސްބަތްވާ ޖައުފަރު ހުށަހަޅާފައިވާ މިރިޕޯޓުގައި ބުނެފައިވާގޮތުން ޖުމްލަ 99،760،000 ރުފިޔާ ލިބެން ޖެހެއެވެ.

ހުވަހަންދޫ ޕްރޮޖެކްޓްގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން އޭނާއަށް ދޭންޖެހޭ ބަދަލު އޮޑިޓް ކުރުމަށްފަހު ވަނީ ދިނުމަށް ނިންމާ އޭގެން ބައެއް ހަވާލުވެސް ކޮށްފައެވެ.

ޖައުފަރު ފަހުން މިހުށަހެޅި ރިޕޯޓުގައި ހިމެނެނީ ހއ ހުވަހަންދޫގައި ކޮށްފައިވާ އިމާރާތްތަކާއި އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ޖައުސާއަށް ނުލިބިވާ އަދަދެއްގެ ގޮތުގައި 3،400،000 ރުފިޔާއާއި, 18 މަސްދުވަސްވަންދެން އިމާރާތް ބެލެހެއްޓުމުގެ އޮޕަރޭޝަނަލް ކޯސްޓްގެ ހައްގު ބަދަލު (ލައިސަންސް ކެންސަލްކުރި ދުވަހުން ފެށިގެން އަލުން ލައިސަންސް ދިނުމާ ހަމައަށް ) 2،700،000 ރުފިޔާގެ އިތުރުން ޖައުސާއަށް ބަދަލުގެ ގޮތުގައި ހއ ހުވަހަންދޫގައި ކޮށްފައިވާ އިންވެސްޓްމަންޓްގެ ލިބެންޖެހޭ ފައިސާގެ ކަންތައްތައް ހަމަނުޖެހި ލަސްވުމުން އޮޕަޗުނިޓީ ކޯސްޓްގެ ގޮތުގައި ލިބެންޖެހޭ ކަމަށް ޤަބޫލުކުރާ ހައްޤު ބަދަލެއްގެ ގޮތުގައި 3،060،000 ރުފިޔާ އަދި ލައިސަންސް ކެންސަލްކޮށްލުމުގެ ސަބަބުން ބިޒްނަސް ލޮސްގެ ބަދަލު 18 މަސްދުވަހަށް(އަލުން ލައިސަންސް ލިބުމާ ހަމައަށް) 30،600،000 ރުފިޔާ ހިމަނާފައި ވެއެވެ.

މީގެ އިތުރުން ރެޕިއުޓޭޝަން ނުވަތަ ބިޒްނަސް އިމޭޖް ގެއްލުމުގެ ރިކަވަރީއެއްގެ ގޮތުގައި 45،000،000 ރުފިޔާއާއި ޕޮލިޓިކަލް އަދި ޕާސަނަލް ކެރިއަރ އިމޭޖަށް ލިބުނު ގެއްލުމުގެ ބަދަލުކަމަށް ބުނެ 15،000،000 ރުފިޔާ ހޯދުމަށް މިރިޕޯޓުގައި ހިމަނާފައިވެއެވެ.

މިބަދަލުތަކާ ބެހޭ ތަފްސީލް ތަކެއްވެސް ޖައުފަރުވަނީ ރިޕޯޓާއެކު ހުށަހަޅުއްވާފައެވެ.

ފުރަތަމަ ޒޯނުން މަސް ގަނެ ބޭރުކުރުމަށް ޖައުސާ އަށް ދެއްވާފައިވާ ހުއްދަ 2004 ވަނައަހަރުގެ ޑިސެމްބަރު 1 ގައި ބާތިލުކުރެއްވުމާ ގުޅިގެން ހުވަހަންދޫ ހއ. އަތޮޅު އޮފީހާ ހަވާލުކުރައްވާފައިވާފައި ވެއެވެ. އެހެންނަމަވެސް އެ ކުންފުނިން އެރަށުގައި ކޮށްފައިވާ އިމާރާތާއި ހަރު މުދަލުގެ ގޮތުގައިވާ ތަކެއްޗަށް ގެއްލުމެއް ވިޔަނުދީ އެތަކެތި ހުރި ހާލަތުގައި ބެހެއްޓުމަށާއި އަގުކޮށް ނިމެންދެން އެ ކުންފުނީގެ މުވައްޒަފުން ބައިތިއްބުމަށް ކުންފުނިން އެދިފައިވާތީ އެ ހުއްދަ އެ ކުންފުންޏަށް ވަނީ ދެއްވާފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ 2005 ވަނަ އަހަރުގެ އޭޕްރީލް 8 ގައި ޖައުސާ ފިޝަރީޒް ލިންކަށް ދޫކުރައްވާފައިވާ ހުއްދަ ބާތިލުކުރެއްވީ ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިންވެސްޓަރުގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކެއް އެކުންފުނިން ކޮށްފައި ނުވާތީ ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ބައެއްގެ މުދަލުން ގެއްލުން ލިބިގެން ބަދަލުދެންޏާ ދިވެހިސަރުކާރުން ބަދަލުދޭންޖެހޭ އެތައް ރައްޔިތުންނެއް އެބަތިބި. ނުހައްގުން ޝަރީއަތުން ގެދޮރު ދިންމީހުންނާ މުދާތަށް އެގޮތް މިގޮތް ހެދި މީހުންނާ، ވަޒީފާތަކުން އެއްވެސް ކުށެއްނެތި އެތަށްދުވަހު ޚިދުމަތްކުރިއަސް ވަކިކުރި މީހުންނާ، ޖަލުގައި ސިޔާސީ ވާހަކަދެއްކިޔޭ ކިޔާފައި ޖަލުގައި ބޭތިބުމުގެ ސަބަބުން މުސާރަ ނުލިބުނި މީހުންނާ މިހެން ގޮސް ކިޔާނެ ކަމެއްނެތް. މިހޮނަރަބްލް ޖަބިރާ ހޮނަރަބްލް ޖައުސާ އަށް އެކަނި ދީގެން ފަރަކު ނުޖެހޭނެ. ރައްޔިތުންގެ މަޖިލީހުން ގޮޑިއެއް ހޯއްދެވުނީމާ މިބޭފުޅޫން ހިއްޕުޅަށް މިއަރާފައިބާ ވަޑައިގަންނަވަނީ ތިމަންނަމެން ބޭނުންކަމެއް ކުރެވިދާނޭ. މިހާރު ހުރިހަގޮތަކުންވެސް އަނަރޫފަވެފައިވާ ސަރުކާރެއްގެ އަތް އަނބުރައިގެން.

    ބުދަ، ފެބްރުއަރީ 20 2008، 17:49
  2. ޕީއޭ ހިންގާނެ ފައިސާ ހޯދާނީ ސަރުކާރުންތާ މިވާގޮތުން، އަދި ރިޔާސީ ކެމްޕޭނުގައި ހަރަދު ކުރާނެ ފައިސާ މިގޮތުން ރައްޔިތުންގެ އަތުން ހޯދޭނެމަގު ސަރުކާރުން މިވަނީ ޕީއޭގެ މެމްބަރުންނަށް ހޯދައިދީފައިކަމަށް ބެލެވޭ. އަބަދުވެސް އެމީހުންގެ ރޭވުން މިހުންނަނީ ސަރުކާރުން ފައިސާގަނޑެއް ހޯދޭނެ މަޅިއެއް ޖަހައިގެންނެވެ.

    ބުދަ، ފެބްރުއަރީ 20 2008، 18:57
  3. މި ފަދަހަބަރުތަކުން ދުވަނީ ކަރަޕްޝަންގެ ކުނިވަހެވެ. ސަރުކާރު ވުމައްޒަފުން އެމީހުންގެ ވާޖިބު އަދަކާރުމުގައި އަޅުވާލާ ޑީލެއްގެ ބަދަލު ރައްޔިތުންގެ މުދަލުން އަދާކުރަން ސަރުކާރުން ޖައްސާތީ ހިތާމަ ކުރަމެވެ. ވިލިވަރު ބިޔާދޫ މައްސަލައިން ސަލާމަތް ނުވެގެން އުޅެނިކޮށް ޕީއޭ ގެ މެމްބަރުންނަށް ފައިސާގަނޑެއް ދަމައިގަނެވޭނެ އާމަގެއް އަނެއްކާ ފަހިވަނީއެވެ. ތިޔަ ޑީލުމިހާރު އޮންނާނީ ނިމިފައެވެ.

    ބުދަ، ފެބްރުއަރީ 20 2008، 18:59
  4. ތި ރިޕޯރޓެއް ހަދަން ހާދަ ނިނަދުވަސްތަކެއް ނަގަޔޭދޯ. ކުންފުނީގަ ޤާބިލް މީހުން ނެތީތައް، 4 އަހަރު ފަހުން ފައިސާ ހޯދަން ހުސްފޭކް ދޯ، ވޯޓެއްނެތް

    ބުދަ، ފެބްރުއަރީ 20 2008، 21:02
  5. ޕޮލިޓިކަލް އިމޭޖަށް ލިބުނު ގެއްލުމޭތޯ ؟؟؟ ޖައުފަރު ތީދެން ބޮޑުވަރެކެވެ. އިމޭޖެއް ގުޑްވިލް އެއް އޮތްމީހެއް ނަމަ ރަނގަޅެވެ.

    ބުރާސްފަތި، ފެބްރުއަރީ 21 2008، 14:55
  6. ޖައުސާޖައުފަރައް ދިވެހިރާއްޖޭގެ ހުރިހާފައިސާއެއް ވިއްޔާދީ އާ އެހެންޏާފަހެ މަސްފެކުޓަރީ ހަދާށޭކިޔާފަ ޖައުސާކުންފުނީގަ ގެންގުޅޭ ބާ ދަޑުހޮޅިއާ ބާ ޓިނުފަދަތަކެތި ގެންގޮސްގެން ދެތިންގުދަންހަދާފަ ފައްސަތޭކަ މިލިޔަން ރުފިޔާ ބަދަލުދޭންވާނެޔޯ އަޅެމީހަކު ހޭބައްޔެށް ނުވާނެތަ ހާއަލިފު އަތޮޅުގެ ހުރިހާރައްޔަތުންއެވާހަކައެބަދައްކައެ އަދިވެސް ހުވަހަންދޫގަ އެދުވަސްވަރުމަސަށްކަތް ކުރިމީހުންނައް މުސާރަވެސް ނުދޭމީހުންއެބަތިބި ،،،،،

    ބުރާސްފަތި، ފެބްރުއަރީ 21 2008، 17:16
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv