އަލަށް ވަޒީފާއަށް ނުކުންނަ ޒުވާނުން އަހުލުވެރި ކުރުވުމަށް ދިރާގުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ޕްރޮގްރާމެއް ފަށައިފި

މުހައްމަދު އަފްރާޙް ފެބްރުއަރީ 20، 15:47 0 ޚިޔާލު

ދިވެހި ސަރުކާރާއި އިގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަރ ލެސް ގުޅިގެން އުފައްދާފައިވާ , ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑު (ދިރާގު) ން މުޅިރާއްޖެއަށް ހުޅުވާލައިގެން ” އެޕްރެންޓިސް ޕްރޮގްރާމް“ ގެ ނަމުގައި ދިވެހި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ޕްރޮގްރާމެއް ފަށައިފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި އިއްޔެ މިޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ ” ދިރާގު އެޕްރެންޓިސް ޕްރޮގްރާމް“ އަކީ ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ކޮށޭ މުހިންމު މަގަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

” ދިރާގުގައި މަސައްކަތް ކުރާ މުއްޒަފުންގެ 99 އިންސައްތަ އަކީ ހުސް ދިވެހިން ކަމަށް ވުމުން މިހާރު މިފަށާ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ. މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް މަސައްކަތުގެ ވައްޓަފާޅި ދަސްވެ މަސައްކަތަކާއި ކުރިމަތި ލާއިރު ތިމާއަކީ ވަޒީފާގެ ބާޒާރުގައި އަގުހުރި މީހަކަށް ވުމުގެ ފުރުސަތު ޕްރޮގްރާމްގެ ބައިވެރިންނަށް ހުޅުވިގެން ދާނެ.“ އިސްމާއިލް ވިދާޅު ވިއެވެ.

ދިރާގު އެޕްރެންޓިސް ޕްރޮގްރާމް އިފްތިތާހު ކޮށްދެއވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން ޑރ މަހުމޫދު ޝައުގީ ވިދާޅުވީ ދިރާގުން ދައްކުވާ ދެމުން އެގެންދާ މިސާލަކީ ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިއަސް ދުނިޔޭގެ ފެންވަރުގެ ކަންތަށްތައް ކުރެވިދާނެ ކަންކަމަށެވެ.

” ދިރާގުން އެދަނީ މީހުންގެ އިތުބާރު ހޯދަމުން . ދިރާގުން ހޯދާފައިވާ އިތުބާރަކީ ހަމައެކަނި ދިވެހިންގެ މެދުގައި ހޯދާފައިވާ އިތުބާރެއްނޫން ދުނިޔޭގެ އެހެނިހެން ކުންފުނި ތަކުގެ އިތުބާރު ވެސް ދިރާގުން ވަނީ ހޯދާފައި.“ ޝައުގީ ވިދާޅު ވިއެވެ.

ޝައުގީ ވިދާޅުވީ މިހާރު ބޭނުން ވަނީ ވީހާވެސް ގިނަ ވަޒީފާގެ ފުރުސަތުތަށް އިތުރު ކުރުން ކަމަށާއި ދިރާގުން މިއަދު ފެށި އެޕްރެންޓިސް ޕްރޮގްރާމްގެ ސަބަބުން ދިރާގުގައި މަސައްކަތް ކުރަން ބޭނުން ވެފައި ތިބި ކުދިންނާއި އެހެންހެން ވަޒީފާތަކަށް ދިއުމަށް ތަމްރީނު ވުމަށް ބޭނުންވާ ކުދިވެސް ބައިވެރި ވާނެ ކަމަށް އުންމީފު ކުރާ ކަމަށެވެ.

” ދިރާގުގައި މަސައްކަތް ކުރުމަކީ ދިރާގުގައި މަސައްކަތް ކުރާ މުއައްޒަފުން ފަހުރުވެރިވާނެ ކަމެއް. އެއީ ދިރާގުން މުއައްޒަފުންނާއި މެދު އެކުންފުނި ކަންތަށް ކުރާ ރަނގަޅު ކަމުން.“ ޝައުގީ ވިދާޅު ވިއެވެ.

އެޕްރެންޓިސް ޕްރޮގްރާމާއި ބެހޭ ގޮތުން މައުލޫމާތު ދެމުން ދިރާގުގެ ހެޑް އޮފް ހިއުމަން ރިސޯސް އައިމިނަތު ނަޒްލާ ވިދާޅުވީ އެކުންފުނީގެ ފަރާތުން ދިވެހި ޒުވާނުންނަށް ވަޒީފާއާއި ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް މިއަދު ފެށި ޕްރޮގްރާމް އަކީ ހަމައެކަނި މާލޭގައި ތިބެގެން ތަމްރީނު ވުމަށް ހުޅުވާލި ޕްރޮގްރާމެއް ނޫން ކަމަށެވެ.

” މިއީ އޭލަވެލްގެ ތިން މާއްދާއިން ފާސްވެފައިވާ ކޮންމެ ޒުވާނަކަށް ވެސް ހުޅުވާލާފައިވާ ފުރުސަތެއް. މިއީ ދިރާގުގައި ތިބި ކަމަށް ގާބިލް ތަމްރީނު ލިބިފައިވާ މީހުންގެ ފަރާތުން އެކުއްޖަކު ކުރިއަށް ދާން ބޭނުން ދާއިރާ އަކުން ކުރިއަށް ދިއުމަށް ދިރާގުން މުޅިރާއްޖޭގެ ޒުވާނުންނަށް ހުޅުވާލާފައި ވާ ފުރުސަތެއް.“ ނަޒްލާ ވިދާޅު ވިއެވެ.

ނަޒްލާ ވިދާޅުވީ އެއް އަހަރު ދުވަހަށް ރާވާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ނެގުމަށް ހަމަޖެހިފައި ވަނީ 20 ކުދިން ކަމަށެވެ.

” މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް 4،000 ރ ގެ އެލަވަންސެއް ވެސް ދޭނަން. އަދި ކަނޑަ އެޅިފައިވާ އުސޫލެއްގެ މަތިން ޗުއްޓީ ވެސް ލިބޭނެ. އެއް އަހަރު ވުމުން ޖެހިގެން އަންނަ އަހަރުވެސް ކުރީ އަހަރު ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކުއްޖަކަށް ވެސް ބައިވެރި ވުމުގެ ފުރުސަތު އެބައޮތް. އެއީ ކޮންމެ އަހަރަކުވެސް ދަސްކޮށްދޭ އެއްޗިހި ތަފާތު ވާނެ.“ނަޒްލާ ވިދާޅު ވިއެވެ.

ނަޒްލާ ވިދާޅުވީ ޕްރޮގްރާމް ގައި ބައިވެރިވާ ކުދިންނަށް ދިރާގުގެ ” ބޮންޑް“ އެއް ގައި މަސައްކަތް ކުރާކަށް ނުޖެހޭނެ ކަމަށާއި ނަމަވެސް ދިރާގުގައި މަސައްކަތް ކުރަން ބޭނުން ނަމަ އެކުއްޖަކަށް އެފުރުސަތު ލިބޭނެ ކަމަށެވެ.

” ޕްރޮގްރާމް ނިންމުމަށް ފަހު ދިރާގުގައި މަސައްކަތް ކުރަން ބޭނުންނަމަ ވަޒީފާ އިއުލާނު ކުރީ މަ އެކަން އޮންނަ އުސޫލުގެ މަތިން ގެންދިއުމުން އެކުއްޖަކަށް ވަޒީފާ ލިބޭނެ.“ ނަޒްލާ ވިދާޅު ވިއެވެ.

ދިރާގުން މައުލޫމާތު ދޭ ގޮތުގައި ފޯމް ހުށަހެޅުމުގެ ފުރުސަތު މާރޗް މަހުގެ ދޭއްގެ ނިޔަލަށް ހުޅުވާލާފައިވާ އެޕްރެންޓިސް ޕްރޮގްރާމުގައި ޓެކްނިކަލް ދާއިރާ ތަކުގެ އިތުރުން ކަސްޓަމާ ރިލޭޝަންސް އާއި ފައިނޭންސް ފަދަ ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފަވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv