

ޝަރީއަތް މެދުވެރިކޮށް ބިޔާދޫ މައްސަލަ ނިންމަން ސަރުކާރުން ފަސްޖެހެނީ ކީއްވެ؟
ސަރުކާރަށް ނިންމަން ދަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ކ. ބިޔާދޫ ރިސޯޓުގެ މައްސަލަ ހިމެނެ އެވެ. މީގެ ތިން އަހަރުކުރިން ބިޑްކޮށްފައިވާ ބިޔާދޫ އަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޔޮޓް ޓްއާސްގެ ބީލަން ބާތިލުކުރުމުގެ މައްސަލަ އާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން ވަނީ ފަސް ޖެހިފަ އެވެ.
ބިޔާދޫ އަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން ޔޮޓް ޓްއާސްގެ ބީލަން ބިޑް ދިރާސާކުރި ކޮމެޓީން ބާތިލްކުރީ ބިޑް ޑޮކިއުމަންޓާ ހިލާފަށް ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް މަދުކަމަށް ބުނެ އެވެ. ނަމަވެސް އެ ބުނުމަކީ ގަބޫލުނުކުރެވޭނެ ކަމަކަން ނުވެގެން ޔޮޓްޓްއާސް އިން މައްސަލަ ކޯޓަށް ހުށަހެޅި އެވެ. މަދަނީ ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ ބީލަން ބާތިލުކުރީ ރަނގަޅަށް ކަމަށެވެ. އެހިސާބުން ވެސް އެ ފަރާތުން އެކަން ގަބާލުނުކުރެވި އަދި އެ ކުންފުނީގެ ހައްގެއް އޮތް ކަމަށް ނިންމާ މައްސަލަ އިސްތިއުފާނަށް ހުށަހެޅި އެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބެލުމަށް ފަހު 24 ޖެނުއަރީ 2006 ގައި, ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ މަދަނީ ކޯޓުން އެ މައްސަލާގައި ކަނޑައަޅުއްވާފައިވާ ހުކުމަކީ ރަނގަޅު ނިޔާއެއް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ބުނެފައި ވަނީ ކ. ވިލިވަރާއި ބިޔާދޫ އަށް ޔޮޓް ޓްއާސް އިން ހުށަހެޅި ދެ ބީލަމުގެ މައްސަލައިގައި މަދަނީ ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ޔޮޓް ޓްއާސް އިން ބިޔާދޫ އަށް ހުށަހެޅި ބީލަން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވީ ނަމަވެސް އެ މައްސަލާގައި ޔޮޓް ޓްއާސް އަށް ލިބެންޖެހޭ ބަދަލަކީ ކޮބައިކަމާއި ބަދަލެއް ދޭން ޖެހޭ ކަމެއް ބަޔާންކޮށްފަނުވެ އެވެ. އަދި ސަރުކާރުން ވެސް އެ މައްސަލާގައި އެ ކުންފުންޏަށް ބަދަލެއް ދޭން ޖެހޭތޯ އާއި ބަދަލެއް ދޭން ޖެހޭ ނަމަ ބަދަލުގެ މިންވަރަކީކޮބައިތޯ ބެލުމަށް ޝަރުއީ ކޯޓަކަށް ނުދެ އެވެ.
ޝަރުއީ ކޯޓަކަށް ދިއުމެއް ނެތި ޔޮޓް ޓްއާސް އަށް ބަދަލު ދޭން ޖެހޭކަން މިހާރު ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ބަދަލުގެ މިންވަރަކީ 35 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 57.944 މިލިއަން ރުފިޔާ) ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. ބަދަލު ކަނޑައެޅުމަށް ފަހު ސަރުކާރުން ބުނެފައި ވަނީ ޔޮޓް ޓްއާސް އަށް ބީލަން ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ އެ ކުންފުންޏަށް ސަރުކާރުން އަދަލުވެރި ބަދަލެއް ދޭން ކަނޑައެޅީ ކަމަށާއި ބަދަލުގެ މިންވަރަކީ ވެސް 35 މިލިއަން ޑޮލަރު ކަމަށެވެ.
އަދުލުވެރި ބަދަލެއް ދޭން ސަރުކާރުން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ ފައިސާ އިން އެ ބަދަލު ހަލާސްކުރުމަށް ނުވަތަ ރަށެއް ދިނުމަށް ވާހަކަ ދެއްކުމަކީ ގިނަ ސުވާލު އުފެދޭ އަދި އިންސާފުވެރިގޮތެއް ކަމަށް ނުފެންނަ ކަމުގައި ގިނަ ގާނޫނީ ވަކީލުން އެއްބަސްވެވަޑައެއްނުގަންނަވަ އެވެ.
ބިޔާދޫ މައްސަލާގައި ޔޮޓް ޓްއާސް އަށް ވަކާލާތުކޮށް ދެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ރައްޔިތުންގެ މުދަލުން ނުވަތަ ފައިސާ އިން ބަދަލެއް ދޭންޖެހޭނީ ޝަރީއަތް މެދުވެރިކޮށް ބަދަލެއް ދޭން ޖެހޭ ކަމަށް ނިންމައި އެ ބަދަލު ދިނުމުގެ ޒިންމާ ސަރުކާރު ބޮލުގައި އެޅުމުން ކަމަށެވެ.
”ޝަރީއަތް މެދުވެރިކޮށްގެން ނޫން ގޮތަކަށް އަދުލުވެރި ބަދަލެއް ދޭން ނުނިންމޭނެ. އަނެއްކާ އެއީ ވިޔަފާރީގެ މައްސަލައެއް. އެ މައްސަލާގައި ބީލަމުގެ މައްސަލަ ނިންމީ ކޯޓުން. އެހެން އެކަން ދިޔަ އިރު ބަދަލެއް ދޭން ޖެހޭތޯ ޝަރީއަތުން ނިންމަން ޖެހޭނީ. ކޯޓަށް ގޮސް އެކަން ޝަރީއަތުން ނިންމުމަށް ފަހު ނޫން ގޮތަކަށް ދެވިގެން ނުވާނެ. އެ ނޫންގޮތަކަށް ދޭ ނަމަ އެ ދެވެނީ އަދުލުވެރި ބަދަލެއް ނޫން,“ ދިވެހި ރައްޔިތުންގެ ޕާޓީ )އެމްޑީޕީ(ގެ ރައީސް ކަމުގެ މަގާމު ވެސް އަދާކުރައްވާ މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓަށް ނުގޮސް ރައްޔިތުންގެ ފައިސާ އާއި މުދަލުން ބަދަލު ދޭން ސަރުކާރުން މަސައްކަތް ކުރަނީ އެ މައްސަލާގައި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ސިޔާސީ މަގުސަދެއް އޮވެގެން ކަމަށެވެ.
”އެ ފަދަ ކަމެއް ނެތް ނަމަ ކޯޓަށް ގޮސް ކޯޓުން މައްސަލަ ނިންމަންވީ ނޫންތޯ؟ ކީއްކުރަން ޝަރީއަތުން ނޫން ގޮތަކަށް ރައްޔިތުންގެ ފައިސާ އިން އެންމެ ލާރިއެއް ވެސް ހޭދަކުރާކަން,“ މުނައްވަރު ވިދާޅުވި އެވެ.
މަދަނީ މައްސަލަތުގައި ގާނޫނީ ވަކީލެއްގެގޮތުގައި ކޯޓަށް ވަޑައިގަންނަވާ ތަޖުރިބާކާރު ގާނޫނީ ވަކީލެއް ކަމަށްވާ އިބްރާހީމް ނާސިރު ވިދާޅުވީ ބިޔަދޫ މައްސަލާގައި ބަދަލު ދޭނެކަމާއި ބަދަލުގެ މިންވަރު ޝަރީއަތުން ބޭރުގައި ކަނޑައެޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި ރައްޔިތުންގެ މުދަލާއި ފައިސާ އިން ބަދަލެއް ދޭން ޖެހޭތޯ އާއި ޖެހޭ ބަދަލުގެ މިންވަރަކީ ކޮބައިކަން ޝަރީއަތުން ނޫންގޮތަކަށް ކަނޑައަޅައިގެން ނޫންގޮތަކަށް ދެވިގެންނުވާނެ ކަމަށެވެ.
ގާނޫނީ ގޮތުން ބަލާއިރު އަދުލުވެރި ބަދަލެއް ދޭން ޖެހޭ ކަމަށާއި އަދަލުވެރި ބަދަލަކީ ކޮބައިތޯ ކަނޑައަޅަން ޖެހޭނީ ޝަރިއަތުން ކަމަށާއި އެ ނޫން ގޮތަކަށް ކަނޑައަޅާނަމަ އެ ކަނޑައަޅަނީ އެކަން ކުރާ ބައެއްގެ ފައިދާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
”ބިޔާދޫ މައްސަލާގައި ބަދަލެއް ޖޭން ޖެހޭ ކަމެއް ކޯޓަކުން ނިންމާފައެއް ނުވޭ. ސަރުކާރުން ކޯޓަށް ގޮސް ޝަރީއަތުން އެ މައްސަލަ ނިންމާ ޝަރިއަތުން ނިންމާގޮތެއް ތަންފީޒުކުރީމާ ނިމުނީ. އެކަން ކުރަން ނުކުރިގެން އެ އުޅެނީ ސަރުކާރުން ފައިދާތަކެއް އެކަމުން ހޯދަން ބޭނުންވާތީ,“ ނާސިރު ވިދާޅުވި އެވެ.
ސަރުކާރުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ ހުސައިން ސިރާހު ވިދާޅުވީ ބިޔަދޫ މައްސަލާގައި ބަދަލު ދޭން ސަރުކާރުން މިހާރު އަމަލުކުރާގޮތަކީ އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
”އެންމެ މަސްލަހަތު ހުރިގޮތަކީ ޝަރިއަތް މެދުވެރިކޮށް ބަދަލު ދޭންޖެހޭތޯ އާއި ބަދަލަކީ ކޮބައިތޯ ކަނޑައެޅުން,“ އޭނާ ވިދާޅުވި އެވެ.
ޔޮޓް ޓްއާސްގެ ބީލަން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުގައި ބަދަލެއް ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވަނީސް ޝަރީއަތުން ބޭރުގައި ބަދަލެއް ދޭން ޖެހޭނެ ކަމަށާއި އަދި ބަދަލުގެ މިންވަރު ކަނޑައެޅުއްވީ ކޮން ކަންތައްތަކަކަށް ބައްލަވައިގެންތޯ ދެންނެވި ސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ.
ޝަރީއަތް މެދުވެރިކޮށް ބަދަލު ދިނުމުގެ ކަންތައް ހަމަޖެއްސުމަށް މަސައްކަތް ނުކުރައްވަނީ ކީއްވެތޯ ޖަޒީރާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ މައްސަލަ ނިންމުމުގައިި އެއީ ވެސް އޮތް ފުރުސަތެއް ކަމަށެވެ.
ބިޔާދޫ މައްސަލާގައި އަދުލުވެރި ބަދަލެއް ދޭން ޖެހޭ ނަމަ އެކަން ކަނޑައަޅައި ބަދަލުގެ މިންވަރު ކަނޑައަޅަން ޖެހޭނީ ޝަރުއީ ހަމަތަކުން ޝަރީއަތުން ކަމަށް ގަބޫލުކުރައްވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ޝިހާބު ވިދާޅުވި އެވެ.
” ހައިކޯޓުން ނިންމާފައިވަނީ ބީލަން ބާތިލުކުރީ ރަނގަޅަށް ނޫން ކަމަށް. އެހެން ކަމަށްވާ ނަމަ ބީލަން ރަނގަޅަށް ބަލައި ހަދަން ޖެހޭނީ. އެ އަށް ފަހު ރިސޯޓް ލިބޭ ފަރާތެއް ކަނޑައެޅޭނީ. ކޮންމެ ގޮތެއް ވިޔަސް ބަދަލެއް ދޭން ޖެހޭ ކަމަށް ބުނެ ބަދަލު ދޭން ޖެހޭނީ ޝަރުއީ ގޮތުން އެކަންކަން ނިންމައިގެން ކަމަށް ގަބޫލުކުރެވޭނީ,“ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ޝިހާބު ވިދާޅުވި އެވެ.
ބިޔަދޫ މައްސަލަ ނިންމުމުގައި ޝަރީއަތް މެދުވެރިކޮށް ގޮތެއް ކަނޑަނޭޅި ސަބަބު ވަނީ ސަރުކާރުން ސާފުނުވެފަ އެވެ. އެކަން ސާފުކުރުމަށް ކުރި މަސައްކަތްވަނީ ދެ ހަފުތާވީ އިރު ވެސް ކާމިޔާބުނުވެފަ އެވެ. ޓޫރިޒަމް މިނިސްޓަރު ވެސް ވަނީ އެކަން ސާފުކޮށް ދެއްވުމަށް ފަސްޖެހިވަޑައިގެންފަ އެވެ.
ސަރުކާރުން އެ މައްސަލަ ނިންމުމުގައި ޝަރީއަތް ނުކޮށް ނިންމަވާފައިވާ ނިންމުމަކީ ރައްޔިތުންގެ ފައިސާ އާއި މުދާ އިންސާފުންބޭރުގައި ބޭނުންކުރުންކަމުގައި ބެލުމުގެ ފުރުސަތު ނެތް ބާވަ އެވެ. ކޮންމެ ގޮތެއް ވިޔަސް ރައްޔިތުންނަށް ސަރުކާރުން އިންސާފު ހޯދައިދޭން ޖެހޭނީ އިންސާފު ގާއިމުކުރަން އަމަލުކުރާ އުސޫލުގެ މަތުން ޝަރިއަތް މެދުވެރިކޮށް އެންމެ އަދަލުވެރިގޮތުގަ އެވެ. އެގޮތަށް ކަން ކުރަން ފަސްޖެހިފައިވުމުން ދޭހަވަނީ ސަރުކާރުން އެ މައްސަލާގައި ވަކި ގޮތެއް ބޭނުންވެގެން އިންސާފުގެ ކުރިމައްޗަށް ދާން ބޭނުންނުވުން ނޫންތޯ އެވެ.
-
ބުދަ، ފެބްރުއަރީ 20 2008، 15:08
ތިމައްސަލާގައި ރައްޔިތުންގެ މަޖިލިސް ލޯމަރައިލައިގެން އެއޮތީ، ބަދަލު ލިބެންޖެހޭ ފަރާތުގެ ބާރާއި ނުފުޒުގަދަ ކަމުން ތޯއެވެ. ދެން ކީއްކުރާ ރައްޔިތުންގެ މަޖިލީހެއް ތޯއެވެ.
-
ބުދަ، ފެބްރުއަރީ 20 2008، 18:01
ބަލަގަ ތިޔަމައްސަލާގައި ރައްޔިތުންގެ މަޖިލީހާ މެދު ޝަކުވާ ކުރުމުގެ ޖާގައެއް ނެތް. ދެންވެސް އެކަހަލަ އަމިއްލަ އެދުމުން ފޯވެފައިތިބި ބައިގަޑެއް ހޮވަ. މިއީ 500 ރުފިޔާއަށް، ފަޅުކޮނެދިނުމަށް ކަރަންޓް ލުމަށް ، ރަށުކޮމީޓީއަށް ލާރިގަނޑެއް ދިނުމަށް ވޯޓްވިއްކުމުގެ ނަތީޖާ. އަހަރެމެން ހޮވަންޖެހެނީ އެންމެ ގިނައިން އެމީހެއްގެ ޖީބުން ޚަރަދު ކުރާމީހެއްނޫން. އަހަރެމެން ހޮވަންޖެހެނީ އަހަރެމެންގެ ޙައްގުތަށް އެހައްގު އަދާކުރަންޖެހޭ ފަރާތުން )ދައުލަތުން( ދެމެހެއްޓެނިވި ގޮތެއްގައި ހޯދައިދޭނެ ނިޒާމެއް އެކަށައަޅަން މަސައްކަތްކުރާމީހާ(މިސާލަކަށް ރަށުކައުންސިލްހަދާ އަހަރެމެންނަށް ބާރުވެރިކަން ބަސްވިކޭބަޔަކަށް ހަދަންއެގޭ އަދި ބޭނުންވާ މީހާ(. މީހާގެ ޖީބުން ނުވަތަ އޭނާއަތުގައި މިވަގުތު ރިސޯޓެއް އޮތީމައި ނުވަތަ ފައިސާ ގިނަވީމައި ހޮވީމައި އެމީހާ ނެތީމައި ހުރިހާކަމެއް އެދިޔައީ. އެއީ ދެމެހެއްޓެނެވި ތަރައްގީއަށް ކުރާ ފުރައްސާރައެއް. މިކަމުން ސަލާމަތް ވެފައިވަނީ އައްޑުއާމާލެ، ދެން ތިބި އަތޮޅުތައް ތިބީ ހަމަރޮލާ. ނޫސްވެރިންވެސް އެކަމަކާ އަޅައެއްނުލާ. ވީމާ މިމައްސަލާގައި ރައްޔިތުންގެ މަޖިލީހޭ ކިޔައިގެން ވާހަކަ ދައްކަން އަހަރެމެން ރައްޔިތުން ކުޑަކޮށް ލަދުގަންނަންޖެހޭނެ.
-
ބުދަ، ފެބްރުއަރީ 20 2008، 18:03
ރައްޔިތުންގެ މަޖިލީހޭ ކިޔާއިރު އެރައްޔިތުންގެ މަޖިލީހުގައި ތިބީ ބޮޑެތި މަހުޖަނުން ގޮޑިގަނެގެން އެމީހުންގެ އަމިއްލަފައިދާއަށް މަސައްކަތްކުރަން. ދެން މިއޮތީ ވާނެ އެއްޗެއް ވެނިމިފައި. މަހުޖަނަކަސް ލާރި ނުބަހާ ރައްޔިތުން ބާރުވެރިކުރަން މަސައްކަތްކުރާނަމަ މައްސަލައެތްނެތް. އެކަމަކު މިއޮތީ އެކަހަލަ މަޖިލީހެއް ނޫން. އެމްޑީޕީގެ ތި ޑިމޮކްރަސީއަތް މަސައްކަތް ކުރާ މެމްބަރުންނާ ތިބުނާ އިންޑިޕެންޑެންޓް މެމްބަރުންވެސް އެތިއްބަވަނީ ކުއްލިމައްސަލައެއް ކީއްކުރަން ޗުއްޕުވެސް ބުނެނުލާ. މިމީހުން ދެން އަންނަ އިންތިޚާބަކުން ހޮވައިގެން ނުވާނެ.
-
ބުދަ، ފެބްރުއަރީ 20 2008، 18:14
ރައްޔިތުންގެ މަޖްލީހަކީ ތިޔަ ޙިޔާނާތުގެ ވެރިންގެ އައުލަބިއްޔަތު އޮންނަ ތަނެއް ކަން ނޭގޭ ކުޑަކުއްޖެއްވެސް މި ޤައުމަކު މިހާރު ނެތެވެ. ދެން އަޑަށްބާރުލާފައި ކޮން ރައްޔަތުންގެ މަޖްލީހެއްގެ ވާހަކަތޯ ތިޔަވިދާޅުވަނީ .
-
ހޮނިހިރު، އޮކްޓޫބަރ 18 2008، 20:25
އަދިވެސް ބޮޑެތި ވިޔަފާރި ވެރިންނާ ރިސޯޓު ވެރިން ރައްޔިތުންގެ މަޖުލިހައް ހޮވާ!!!!!