މަންމައަކު އޭނާގެ 11 ދުވަސްވީ ދަރިފުޅު އައްޑޫގައި މަރާލައިފި

ފެބްރުއަރީ 17 2008، 16:57 0 ޚިޔާލު

މަންމައަކު އޭނާގެ 11 ދުވަސްވީ ދަރިފުޅު އައްޑު އަތޮޅު ހިތަދޫގައި އިއްޔެ ރޭ ފަތިހު މަރާލާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ކުއްލި ގޮތަކަށް ތުއްތު ކުއްޖަކު މަރުވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް ބެލިއިރު އެ ކުއްޖާގެ މަރުވުމުގައި އިތުރު ކަންތައްތަކެއް ހުރިކަމަށް ފެނިގެން ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގުކުރަން ފެށުމުން ތަހުގީގުގައި ކުއްޖާ މަރާލި ކަމަށް އެއްބަސްވި ކަމަށެވެ.

ހިތަދޫ ކަސީރާގޭ ޒުލޭޚާ ސަހުމީނާ,33, މި މަހުގެ ހަތަރު ވަނަ ދުވަހު ވިހާފައިވާ ދަރިފުޅު މަރާލިގޮތް, ފުލުހުން ނޫހަށް ކިޔައިނުދިން ނަމަވެސް ފުލުހުން ބުނީ ކުއްޖާ މަރާލިގޮތް ތަހުގީގުގައި ކިޔައިދީފައިވާ ކަމަށެވެ.

” ކުއްޖާ މަރުވިކަން އެނގުނު ހިސާބުން ފެށިގެން ތަހުގީގު ކުރަން ފެށީ ވަރަށް ހާއްސަ ސަމާލުކަމެއްދީގެން. ސަބަބަކީ އެ ކުއްޖާ މަރުވެފައިވާގޮތުން އިތުރު ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން. ތަހުގީގު ފަށައި ހުކުރު ދުވަހުގެ ރޭ 7:30 ހާއިރު ހުރިހާ ވާހަކައެއް ކިޔައިދީ އެއްބަސްވެއްޖެ,“ ފުލުހުން ބުންޏެވެ.

މިހާރު ވެސް ހަ ކުދިން ލިބިފައިވާ ޒުލޭޚާ އޭނާގެ އެންމެ ހަގު ދަރިފުޅަށް ބަލިވެ އިނުމާ ގުޅިގެން ފިރިމީހާއާ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv