
ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ރޭ ގާތްގަނޑަކަށް 9:25 ހާއިރު ބުރުޒު މަގުން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި އުމުރުން 19 އަހަރުގެ ޒުވާނަކު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މިއެކުސިޑެންޓްގައި މަރުވެފައި ވަނީ މ. ބްލޫ ލައިޓް, ހުސައިން އިޝާމް އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް, އެ މަގުގެ އުތުރު ފަޅީގައި ހުރި ”ކިޑްސް ޕްލެނެޓް“ ކިޔާ ފިހާރައިގެ ބިއްލޫރިގަނޑުގައި ޖެހިގެން ނެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ އެ ވަގުތު އެ ހަތަރު އަނގޮޅިން ކާރެއް ދުއްވާފައި ދަނިކޮށް އެ ކާރުގެ ކަނާތްފަރާތުން ސައިކަލެއް ކުރި އަރައިގެން ދާން އުޅުމުގެ ތެރޭގަ އެވެ.
” ސައިކަލް ކުރިއަރަން އުޅުމުގެ ތެރޭގައި އެ ވަގުތު އެ ސައިކަލް ކޮންޓްރޯލް ނެއްޓިގެން ގޮސް އެ ހަތަރު އަނގޮޅީގެ ހުޅަނގު ދެކުނު ކަންމަތީގައި ފިހާރައިގެ ބިއްލޫރި ގަނޑުގައި ޖެހުނީ.“ އޭނާ ބުންޏެވެ. އޭނާ ބުނީ ބިއްލޫރި ގަނޑުގައި ޖެހިފައި ވެސް އޭނާ ސައިކަލުގައި ތަންކޮޅަކަށް ގޮސްފައިވާ ކަމަށާ ވަކި ހިސާބަކަށް ދުއްވާފައި ދިއުމަށް ފަހު އޭނާ އަމިއްލަ އަށް ސައިކަލު ޕާކު ކުރީ ކަމަށެވެ. ” އޭނާ ޕާކު ކޮށްފައި ތަންކޮޅަކަށް ހިނގާފައި ދިއުމަށް ފަހު ވެއްޓުނީ.“ މަންޒަރު ދުށްމީހާ ކިޔައި ދިނެވެ.
މި ހާދިސާ ހިނގުމާ އެކު އެ ހިސާބުގައި ތިބި އާންމުންގެ ބަޔަކު ވަނީ އެ ސައިކަލް ދުއްވަން އިން މީހާ އެތަނުން ދުއްވާފައި ދިޔަ ކާރަކަށް އަރުވައިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިހާދިސާގައި މަރުވި ކުއްޖަކީ އެލާމްސް ގެ ޓެކްނިކަލް ޑިޕާންޓްގައި މަސައްކަތް ކުރާ ކުއްޖެ ކެވެ.
އެކުންފުނީގެ މެނޭޖިންގ މެނޭޖަރ އުމަރު ނަސީރު ވިދާޅުވީ އޭނާ އަކީ ވަރަށް ރަގަޅަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެއް ކަމަށެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ މިހާދިސާގައި ހުސައިން އިޝާމްގެ ހާލު ސީރިއަސްވީ އޭނާގެ ކަރަށް ބިއްލޫރިގަނޑެއް ހެރިފައި ހުރުމުގެ ސަބަބުން ކަމަށެވެ. ރޭ ޑޮކްޓަރުން އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ގާތްގަނޑަކަށް 10:45 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިކަމާގުޅިގެން އައިޖީއެމްއެޗުން ވަނީ އެއްވެސް މައުލޫމާތެއް ލިބޭ ގޮތް ނުވެފަ އެވެ.