ވިކްޓަރީގެ ޖ.ސެކްރެޓަރީއަކަށް މަރުޒޫގް ހަމަޖައްސައި ފިޒިކަލް ޓްރޭނަރަކަށް ޒިނާން

މުހައްމަދު ޝަނޫން ޖެނުއަރީ 22 2008، 15:34 0 ޚިޔާލު

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް އަހްމަދު މަރްޒޫޤް ހަމަޖައްސައި ފުޓްބޯޅަ ޓީމުގެ ފިޒިކަލް ޓްރޭނަރަކަށް ހުސެން ޒިނާން ހަމަޖައްސައިފި އެވެ.

ވިކްޓަރީގެ ވައިސްޗެއާމަން ޕެރިސް އަހްމަދު ނަސީމް މިއަދު ވިދާޅުވީ މަރްޒޫޤު އެ މަޤާމަށް ހަމަޖެއްސީ ކުރިމަތިލި 4 މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އޭނާ ކަމަށް ބޯޑުން ނިންމުމުން ކަމަށެވެ. ”ޓީމު ހިންގުމުގެ ހުރިހާ ޒިންމާއެއް މިއަހަރު ނަގާނީ މަރްޒޫޤު. ޕާފޯމަންސަށް ބަލާފައި މުއްދަތު އިތުރުވެސް ކުރާގޮތަށް އޮތީ“ ޕެރިސް ވިދާޅުވިއެވެ.

ވިކްޓަރީއަށް މިއަހަރަށް ކުޅުންތެރިން ހޯދާދިނުމުގައިވެސް އިސްކޮށް ހަރަކާތްތެރިވި މަރޭ ވިދާޅުވީ އެ މަޤާމަށް ކުރިމަތިލީ ވިކްޓަރީން ކުރި އިއުލާނަކަށް ކަމަށެވެ. ”އަހަރެން ކަހަލަ މި ކުޅިވަރު ދސްކުރާ މީހަކަށް މިއީ ވަރަށް ބޮޑު ތަޖުރިބާއެއް. ވިކްޓަރީން މިއަހަރުގެ ސީޒަނާ ކުރިމަތިލަނީ ވަރަށް ބޮޑު ގޮންޖެހުމަކާއެކު. އެއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު އަގުދީގެން މަޝްހޫރު ކުޅުންތެރިންވެސް ގެނެސްފައިވާތީ. އަނެއްކާ އޭ އެފް ސީކަޕްގައި ވިކްޓަރީ ކުޅޭތީ އެއީވެސް ވަރަށް ބޮޑު ތަޖުރިބާއަކަށްވާނެ“ މަރުޒޫގު ވިދާޅުވިއެވެ. މަރޭ ވިކްޓަރީއާއެކު ސޮއިކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިދިޔައަހަރު ވިޔަންސާގެ ކޯޗުކަން ކުޑަ ދުވަސްކޮޅަކު ކުރި މަރޭ ބުނީ މިއަހަރު ކޯޗިންގެ ދާއިރާއިން އޭނާ ނުފެންނާނެ ކަމަށާއި އެކަން ކުރަންވެސް ބޭނުން ނޫން ކަމަށެވެ. ”މިދިޔައަހަރުވެސް އަހަރެން ސަރުދާރެއްގެ ރޯލު ކުޅުނީ“ ބޭބެ މުޙައްމަދު ނިޒާމް ރާއްޖޭން ބޭރަށް ދިޔުމުން ޓީމާ ހަވާލުވި މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ ވިކްޓަރީގެ ބައެއް އިސް ފަރާތްތަކުންވެސް އޭނާ މިކަމަށް އައުމަށް ކުރިންވެސް އެދުނު ކަމަށެވެ.

ޕެރިސް ވިދާޅުވީ ޓީމުގެ ފިޒިކަލް ޓްރޭނަރަކަށް ހަމަޖައްސާފައިވަނީ ހުސެން ޒިނާން ކަމަށެވެ. ޒިނާނަކީ އިމްރާން މުޙައްމަދުގެ ޕާސަނަލް ޓްރޭނަރުވެސްމެއެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ކުޅުންތެރިންގެ ޕާސަނަލް ޓްރޭނަރުކަން އޭނާ އަންނަނީ ކުރަމުންނެވެ.

ޒިނާން ބުނީ އޭނާ ވިކްޓަރީގެ ފިޒިކަލް ކަންތައް ބެލެހެއްޓުމާ ހަވާލުވީ އަބަދުވެސް އެންމެ މަގްބޫލު ޓީމަކީ އެއީ ކަމަށްވާތީ ކަމަށާއި އަދި ރާއްޖޭގެ އެންމެ މޮޅޫ ކޯޗާއެކު މަސައްކަތްކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. ”1 އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަހަރެން މަސައްކަތް ކުރާނީ“ މާލޭ ފިޓްނަސް ކްލަބްގައި ހަރަކާތްތެރިވަމުންދާ ޒިނާން ބުންޏެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv