ގާސިމަށް އިތުބާރު ކުރާނީ ރައްޔިތުންގެ ފައިދާއަށް މަޖިލީހުގައި ކަންކުރާގޮތެއް ބެލުމަށްފަހު: އެމް.ޑީ.ޕީ

އަހުމަދު މުހުސިން މޭއި 8 2007، 23:44 0 ޚިޔާލު

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އާރައީސް, އދ. އަތޮޅު މެންބަރ އަދި ފިނޭންސް މިނިސްޓަރ ޤާސިމް އިބްރާހީމަށް އިތުބާރު ކުރާނީ މަޖިލީހުގެ ޖަލްސާތަކުގައި ރައްޔިތުންގެ ފައިދާއަށްޓަކައި ކަންކުރައްވާ ގޮތެއް ބެލުމަށް ފަހުގައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ން ބުނެފި އެވެ.

އެމްޑީޕީން މިކަން ހާމަކޮށްފައިވަނީ މައި އޮފީހުގައި މިއަދު އޮތް ނިއުސްކޮންފަރެންސެއްގައި އެޕާޓީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ އެވެ.

ޒަކީ ވިދާޅުވީ އެމްޑީޕީއަށް މައްސަލައަކަށް ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކު ނޫން ކަމަށާއި އޭނާއަށް ކުރިމަތި ކުރުވާ ދިވެހިސަރުކާރާއި ރައީސް މައުމޫންގެ ނުފޫޒު ކަމުގަ އެވެ. އަދި ރައީސަކަށް ހުންނަ މީހަކު އެނުފޫޒުގެ ސަބަބުން ރައްޔިތުންގެ ފައިދާއާއި ލާބަޔަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވަކިބައެއްގެ ފައިދާއަށް މަސައްކަތް ކުރުން ކަމަށެވެ.

ޒަކީ ވިދާޅުވީ ޤާސިމަށް މިހާރު އެމްޑީޕީން ކިޔަނީ ”ހިފެހެއްޓުމާއެކު މަރުހަބާއެއް“ ކަމަށެވެ.

”އަޅުގަނޑުމެން ކިތަންމެ އިތުބާރު ކުރަން ބޭނުންވިއަސް އޭނާ އެހުރީ ޚުދުމުޚްތާރު ވެރިކަމެއްގައި. ޢަމަލީގޮތުން ޤާސިމްގެ ފުށުން ރަނގަޅު ބަދަލެއް ނުފެންނަހާ ހިނދަކު ޝައްކު އުފެދޭ. އެހެންވީމާ މިދަންނަވަނީ އެމްޑީޕީން އޭނާއަށް ކިޔަނީ ހިފެހެއްޓުމުގެ މަރުހަބާއެކޭ“ ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ ޤާސިމަކީ ކުރިންވެސް ރައްޔިތުންގެ ޙައްޤުގައި އިސްލާހް ގެނައުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށް ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ މީހެއް ކަމަށާއި މިހާރު އަނެއްކާ އިތުރު ފުރުސަތެއް އޭނާއަށް އެއޮތީ ލިބިފައި ކަމަށެވެ.

”އަނެއްކާވެސް ޤާސިމަށް އެލިބުނީ ރަނުގެ ފުރުސަތެއް. ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭން. ރައްޔިތުންނަށް ރަނގަޅު ޤާނޫން އަސާސީއެއް ހަދަން މިޕާޓީން ޤާސިމަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭނަން. މައުމޫނުގެ ނުފޫޒުން އެއްކިބާވެ އެކަން ކުރުމުގެ ފުރުސަތު އެއޮތީ ޤާސިމްގެ އަތްމަތީގައި.“ ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ ކުރީގެ ރައީސް އައްބާސް އިބްރާހީމް ފަދައިން ޤާސިމްވެސް މައުމޫނުގެ ނުފޫޒާ އެއްގޮތަށް ޢަމަލުކުރަމުންދާނަމަ އެޕާޓީން އެއްވެސް އެހީތެރިކަމެއް ނުދޭނެ ކަމަށާއި އަދި އައްބާސް ފަދައިން ޤާސިމް އެމަޤާމުން ދުރުކުރުވުމަށްވެސް މަސައްކަތް ކުރާނޭ ކަމަށެވެ.

ޤާސިމަކީ މިނިވަން ބަހުސްތަކުގައާއި އޭގެ ކުރިންވެސް ސަރުކާރަށް ފާޑު ވިދާޅުވެ އިސްލާހް ގެނައުމުގެ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ. ނަމަވެސް މިހާރު ޤާސިމަކީ ޑީއާރުޕީގެ ނައިބު ޒައީމެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv