މިފަހަރު ގާނޫނު އަސާސީ ތަރުޖަމާ ކުރާނީ ކިހިނެއް؟

އަބްދުﷲ ފާއިގް ޖެނުއަރީ 16، 19:33 5 ޚިޔާލު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކާ ރައްޔިތުންގެ ހާއްސަ މަޖިލީސް 2004 ވަނަ އަހަރު އެކުލަވާލާފައި ވާއިރު ރައްޔިތުންގެ ހާއްސަ މަޖިލީހުން މަސައްކަތް ފައްޓަވައިގެން ގެންދަވާތާ މިހާރު މިވަނީ ހަތަރު ވަނަ އަހަރަށް އެޅިފަ އެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފެށިފައިވަނީ ހުސްވި 2007 ވަނަ އަހަރުގަ އެވެ.

ތިން އަހަރުދުވަހުގެ ތެރޭގައި ނުކުރެވި އޮތް މިމަސައްކަތް މަޖިލީހުގެ ރައީސްކަމާ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އދ އަތޮޅު މެންބަރުން ގާސިމް އިބްރާހިމް ހަވާލުވެ ވަޑައިގެން ވަރަށް ހަލުވި ކަމާއެކު ވަނީ ކުރިޔަށް ގެންދަވާފަ އެވެ. އަދި މިހާރުވަނީ ގާނޫނުއަސާސީގެ މަސައްކަތް ނިމުމަކާ ހަމައަށް ގެނެވިފަ އެވެ. ނަމަވެސް ގާނޫނު އަސާސީ ނިމުމަކާ ކައިރިވީ އިރު މިވަނީ އިތުރު މައްސަލައެއް ފެންމަތިވެފަ އެވެ. ދެތިން އަހަރުވަން ދެން މިކުރެވެނީ ކޮން ކަމެއް ކަން މެންބަރުންނަށް ނޭނގޭ ހިސާބަށް މިހާރު ވަނީ ކަންތައްތައް ގޮސްފަ އެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނުއަސާސީގެ އެކި ބާބުތައް އިސްލާހު ކުރަމުން ގޮސް ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ މާއްދާތައް ފާސްކުރަންވީ އިރު މިކުރެވެނީ ކޮން ކަމެއް ކަން ބައެއް މެންބަރުންނަށް ވަނީ އޮޅިވަޑައިގެންފަ އެވެ. ރައްޔިތުން ހާއްސަ މަޖިލިސް އެކުރައްވާފައިވަނީ ގާނޫނު އަސާސީއެއް އަލަށް އެކުލަވާލަންތޯ ނުވަތަ މިހާރު އަމަލުކުރަމުންދާ 17 އަހަރު ދުވަހުން ހަދާފައިވާ ގާނޫނު އަސާސީ އިސްލާހު ކުރާނީތޯ މެންބަރުގެ މެދުގައިވަނީ ހިޔާލުތަފާތު ވެފަ އެވެ. މިކަމާއި މެދު މިހާ ބޮޑަށް މެންބަރުގެ މެދުގައި ބަހުސް ކުރުމަށް މެދުވެރިވީ ރައީސްލުޖުމްހޫރިއްޔާގެ ބާބުގެ ދެވަނަ މާއްދާއަށް ރައީސުލްޖޫމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަލީމް ހުށަހަޅުވާފައިވާ އިސްލާހު މިދިޔަ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ޖަލްސާގައި ފާސްވުމާ ގުޅިގެންނެވެ.

ރައީސުލްޖޫމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަލީމް ހުށަހަޅުވާ މުލަކު އަތޮޅު މެންބަރުން އަދި ދިވެހި ރައްޔިތުންގެ ޕާޓީ)ޑީއާރުޕީ( ގެ ޕާލެމެންޓަރީ ގުރޫޕްގެ ލީޓަރު އަނީސާ އަހުމަދު ތާއިދު ކުރެއްވި ހުށަހެޅުމުގައި ވަނީ ” ރައީސުލްޖޫމްހޫރިއްޔާކަމުގެ ދައުރަކީ ފަސްއަހަރު ދުވަހެވެ. އަދި މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމެއް ނުފުރޭނެއެވެ.“ މިގޮތަށެވެ. މިމާއްދާ މިގޮތަށް ފާސްކުރުމަށް 66 މެންބަރުން ވޯޓު ދެއްވިއިރު މީގެ ތެރޭގައި ހިމެނޭނީ ޑީއާރުޕީ އަށް ނިސްބަތްވާ މެންބަރުންނެވެ. މިއިސްލާހު ފާސްވުމާ ގުޅިގެން ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މިހާރު ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ޑިއާރުޕީގެ ޒައީމް މައުމޫނު އަބްދުލް ގައްޔޫމަށް ރައީސްކަމަކަށް ކުރި މައްޗެއް ނުލެއްވޭނެ ކަމަށެވެ. އެއީ މިހާރު އިސްލާހު ކުރެވެމުންދާ ގާނޫނުއާސާސީގެ ދަށުން އެމަނިކުފާނު ދެވަނަ ދައުރު މިއަހަރަށް ހަމަވާނެތީ އެވެ.

ނަމަވެސް މިކަމުގައި ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނާއި އެމްޑީޕީއާއި ވަކި ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާ މެންބަރުންނާ މެދު ވަރަށް ބޮޑަށް ވަނީ ހިޔާލުތަފާތު ވެފައެވެ. މީގެ އިތުރުން މިގޮތަށް ފާސްވެގެންދިޔުން ވެގެންދިޔައީ އާންމުގެ ތެރޭއިން ގިނަ ބަޔަކަށް ފަސޭހައި ހަޖަމްކުރަން ދަތިކަމަކަށެވެ. ސަބަބަކީ ރައީސް މައުމޫނު އެޕާޓީގެ ޒައީމް ކަމުގެ މަގާމު ފުރައްވަމުންދާ ޕާޓީކަމަށްވާ ޑީއާރުޕީ އަށް ނިސްބަތްވާ މެންބަރުންތަކެއް އެފަދަ ލަނޑެއް އެމަނިކުފާނަށް ނުދެއްވާނެކަމަށް ގަބޫލުކުރެވޭ ތީއެވެ. ” އަޅުގަނޑު އިތުރަށް ޔަގީންކޮށްލަން ބޭނުންވަނީ މަނިކުފާނު ހަމަ ތިޔަ ވިދާޅުވަމުން ގެންދަވަނީ 1998 ވަނަ އަހަރު އެކުލަވާ އާންމުކުރެވުނު ގާނޫނުއަސާސީތޯ އިސްލާހުކުރަމުން މިގެންދަވަނީ ނުވަތަ އާ ގާނޫނުއަސާސީ އެއް ލިޔަނީތޯ, ޔަގީންކުރަން ބޭނުން,“ ރައްޔިތުންގެ ހާއްސަ މަޖިލީހުން, ހޯމަ ދުވަހުގެ މެންދުރު ފަހުގެ ޖަލްސާގައި މިއިސްލާހު ފާސްވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގއ އަތޮޅު މެންބަރު އަދުނާނު ހަލީމް ވިދާޅުވި އެވެ. އަދުނާނު ހަލީމްގެ ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީ އިސްލާހު ކުރެވެނީ ކަމަށާއި އެކަން ގަވާއިދު ފޮތުގައި ވަރަށް ރަގަޅަށް ބުނެދީފައިވާ ކަމަށެވެ. މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ޑީއާރުޕީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ ޚާއްސަމަޖުލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ހޯމަ ދުވަހު ފާސްކުރި ކުރުމުގައި މައުމޫނަށް ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޭނޅޭނެ ކަމަށެވެ. ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އާއި މިހާރު އަޅުގަނޑުމެން ފާސްކުރަމުން މިދާ ގާނޫނުއަސާސީގައި ވެސް ގާނޫނުއަސާސީ ތަރުޖަމާ ކުރުމަކީ ވަކި ބައެއްގެ މެންޑޭޓުގައި ހިމެނޭކަމެއްކަމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

” ހާއްސަ މަޖުލީހުގެ ރައީސް ވިދާޅުވި ނަމަވެސް އެބަހުގެ މާނައަކީ މިއީ އަލަށް ފާސްކުރެވޭ ގާނޫނު އަސާސީއެއްކަން.“ އާޒިމާ ވިދާޅުވި އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ 2 ވަނަ މާއްދާ ފާސްކުރެއްވުމާ ގުޅިގެން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި ވަކި ޕާޓީއެއްގައި ހިމެނިވަޑައި ނުގަންނަވާ މެމްބަރުން ވިދާޅުވަނީ މި މާއްދާގެ ސަބަބުން ދެން މައުމޫނަށް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދިމާވާ މައްސަލަތަކަށް ދެން ހައްލެއް ހޯދަން ޖެހޭނީ ސްPްރީމް ކޯޓުން ކަމަށްވެސް ބައެއް މެންބަރު ވިދާޅުވެއެވެ.

މިރާއްޖޭގައި ކަން ހިނގާ މަގަށް ބަލާއިރު ގާނޫނުއަސާސީ އެކިފަހަރު އެކި ބަންޑާރަނައިބު މާނާ ކުރައްވަމުންގެންދަނީ އެކި ގޮތަށެވެ. ކުރީގެ ބަނޑާރަނައިބު ޑރ.މުހައްމަދު މުނައްވަރު ވިދާޅުވަމުން ގެންދެވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސިގެ ދަށުން މިރާއްޖޭގައި ސިޔާސީ ޕާޓީތައް ނޫފެއްދޭނެ ކަމަށެވެ. ނަމަވެސް ޑރ.ހަސަން ސައީދު ބަންޑާރަނައިބު ކަމާ ހަވާލުވެވަޑައިގެން ގާނޫނު އަސާސީ އެހެން ގޮތަކަށް ތަރުޖަމާކުރެއްވުމަށް ފަހު ސިޔާސި ޕާޓީ އުފެއްދޭނެކަމަށްެ ވަނީ ނިންމާފަ އެވެ. ވީއިރު މިފަހަރުވެސް ކަންތައް ވެގެންދަނި މިފަދަ ގޮތަކަށް ކަމަށް ބެލެވެއެވެ. ރައީސް މައުމޫނު އިތުރު ދައުރަކަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އަސާސި މާނާ ކުރެވޭތޯ ޑީއާރުޕީ އާއި ސާރުކާރުގައި ތިއްބެވި ގާނޫނީ ބޭފުޅުން މިހާރުއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ބެލެވެ އެވެ. ނަމަވެސް އެނގޭ ކަމަކީ ގާނޫނުއަސާސީ އިސްލާހު ކުރަނީ ކަމެވެ. މިކަން އެނގިހުރެ މިފަހަރު ގާނޫނު އަސާސީ ތަރުޖަމާކުރަނީ ކޮންގޮތަކަށް ބާއެވެ؟


    ކިޔުންތެރިންގެ ޚިޔާލު

  1. ކޮންމެގޮތެއް ހެދިޔަސް ދެދައުރޭ ވިދާޅުވީވެސް އަމިއްލަފުޅަށް ދުނިޔޭގައި ކަންހިގާގޮތުން މަޖުބޫރުންނަމަވެސް. ގާނޫނުއަސާސީގެ ބޭރުން ކުރިމަތިލިޔަސް އެތެރޭން ކުރިމަތިލިޔަސް މީގެކުރިން ތިރީސް އަހަރު މިރާއްޖޭގައި ވެރިކަން ނުކުރާކަމަށް ވޭތަ. މިހާރު ދެން ތިޔައުޅެނީ ހެއްދެވި ފަރާތައްވެސް އޮޅުވާލަން. އެހެން ވިއްޔާ ކުއްވެރިޔާ ހުކުން ނުކުރަނީސް ނަންބަދަލުކުރުމުން އެހެން މީހަކަށް އެމީހާ ވީމާ އެނާގެ މަށްޗަށް އޭނާގެ ކުއްވެސް ސާބިތެއް ނުކުރެވޭނެ. އެއީ އެހެން ނަމެއް ކިޔާ މީހަކަށްވާތީ . އެކަމަކު އެއީ ގަބޫލުކުރެވޭނެ ކަމެއްތަ ؟

    ބުރާސްފަތި، ޖެނުއަރީ 17 2008، 07:41
  2. މިހިސާބުން އުފެދޭ ސުވާލަކީ މެމްބަރުން ފާސްކުރެއްވީ ހަމައެކަނި އިޞްލާޙު ކުރެވުނު މާއްދާތައް އެކަނިތޯ ނުވަތަ ގާނޫނު އަސާސީގެ ހުރިހާ މާއްދާއެއް އަލުން ފާސްކުރެއްވީތޯ؟ ހުރިހާ މާއްދާއެއް އަލުން ފާސް ކޮށްފިނަމަ އެއީ އަލަށް އެކުލަވާލެވުނު ގަނޫނު އަސާސީއެއްކަމަށް ވެދާނެއެވެ. ނޫންނަމަ މިހާރު ޢަމަލު ކުރަމުންދާ ގާނޫނޫ އަސާސީގެ ވަކިވަކި މާއްދާތަކެއް ނުވަތަ ބެއެއްމާއްދާތކެއް އިޞްލާހްކޮށް ފާސްކޮށްފިނަމަ އެއީ އިޞްލާޙް ކުރެވުނު ގާނޫނު އަސާސީއެއްގެ ގޮތުގައި ބެލިދާނެއެވެ. ޚާއްޞަމަޖިލިސް އެއްކުރެއްވީ ގާނޫނު އަސާސީ އިޞްލާޙުކުރަން ކަމުގައި ވީނަމަވެސް އަދި މަޖިލިހަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި އޮތީ ގާނޫނު އަސާސީ އިސްލާހު ކުރަން ކަމުގައި ވީނަމަވެސް ގާނޫނު އަސާސީގެ ހުރިހާމާއްދާއެއް އަލުން ވޯޓަށް އަހައިގެން ފާސްކޮށްފިނަމަ އެއީ މުޅިން އައު ގާނޫނު އަސާސީ އެއްކަމުގައި ނުވެނުދާނެއެވެ. ވީމާ، މެމްބަރުން މިކަންކުރެއްވީ ކޮންގޮތަކަށްތޯ ބެއްލެވުމަށް ފަހު ގޮތެއް ނިންމެވުން ރަނަގަޅުވާނެކަމަށް ފެނެއެވެ. (ވަކިފަރާތަކަށް ނުޖެހޭ ދިވެހި ދަރިއެއް)

    ބުރާސްފަތި، ޖެނުއަރީ 17 2008، 08:47
  3. މިހާރު ޢަމަލުކުރާ ނޫ ޤާނޫނު އަސާސީ އިޞްލާޙުކުރަމުން ދިޔައިރު އެމާނަކުރާނޭ ފަރާތެއް ނެތިގެން ބައެއް ބޭފުޅުން ރައީސު މައުމޫނާއި ސުވާލު ކުރުމުން މައުމޫނު ވިދާޅުވީ ޤާނޫނު އަސާސީ މާނަކުރަން ޖެހިއްޖެނަމަ އެކަން ކުރާނީ ސީދާ ރައީސުލް ޖުމްހޫރިއްޔާ ކަމަށް. ހަޤީޤަތުގައި މިހާރު މިދާމާވާ މައްސަލަތަކުގެ އަސްލަކީ ޤާނޫނު އަސާސީ މާނަކުރާނޭ ފަރާތެއް ނެތުން. އެފަދަ ފަރާތެއް އޮތްނަމަ މިފަދަ ކަންކަން ހައްލުކުރަން ވަރަށް ފަސޭހަވާނެ.

    ބުރާސްފަތި، ޖެނުއަރީ 17 2008، 10:02
  4. ގާނޫނުގަ ކޮންމެ އެއްޗެއް ލިޔުނަށް އެމާނަ ކުރާނީ މައުމޫނު ބޭނުންގޮތަކަށް. މާނައޮންނާނީ އޭނަގެ ބަޑުގަ. ތީ އެއްވެސް ބޭނުންއެއްޗެއްނޫން.

    ބުރާސްފަތި، ޖެނުއަރީ 17 2008، 12:55
  5. އާޒިމާވެސް މިހާރު ބުނާނެ އެހެން. ވަޒިފާއިން ވަކިކޮށްފިއްޔާ ބުނާނީ މައުމޫނަށް ކުރިމައްޗެއް ނުލެވޭނޭ. ތިމީހުންގެ ހުންނާނެ 2 އަނގަ. ރަގަޅަށް ބެލީމަ ފެންނާނެ. ހަކުރު ދެންޏާ ބޮޑުބޭބެއޭ ބުނާބަހުގެ ތެދުކަން ފާލުވަނީ ތިކަހަލަ މީހުން އުޅޭތީ.

    ބުރާސްފަތި، ޖެނުއަރީ 17 2008، 12:59
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv