ވަޒީފާއާ ބެހޭ ކަންތައް ހަވާލުކުރަން އިންކާރުކުރުން 30,000 މީހުން އަޅުވެތިކުރުމަށް ޖަހާ މަޅިއެއް!
މިނިވަން ސިވިލް ސާވިސް ކޮމިޝަނެއް ހިންގުމަށް ގާނޫނެއް ފާސްކޮށް ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރިއިރު, އެ ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމަށް ވަނީ ހުރަސްތައް އެޅިފަ އެވެ. އަދި ކޮމިޝަނުން ބޭނުންވިގޮތަށް ކަންތައްތައް ކުރިއަށް ނުދާކަން ވަނީ އެނގިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުވައްޒަފުންތަކެއް ތިބިގެން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކެއް ސަރުކާރުން ދިނުން ކަމަށް ވިޔަސް ސިޔާސީ ޕާޓީ އުފެއްދުމާ ގުޅިގެން ސަރުކާރު މުވައްޒަފުން ވަނީ ނުރައްކަލުގެތެރެއަށް ވެއްޓިފަ އެވެ. ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ބަޔަކަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮމިޝަން ގާއިމުކޮށް މަސައްކަތް ފެށުން ކަމަށް ވިޔަސް އެ ފަދަ އެއްވެސް ހިތްހަމަޖެހުމެއް އެ މީހުންނަކަށް އަދި ވެސް ނުލިބެ އެވެ.
ސިވިލް ސާވިސް ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ކޮމިޝަނުން ކުރަން ބޭނުންވި ކަންތައްތައް ފުރިހަމަކުރުމަށް ސަރުކާރުން ވަނީ ފަސްޖެހިފަ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ނެރެފައިވާ ލިއުމެއްގައި ބުނެފައިވަނީ މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންތައް ހިންގަން ފަށާނެ ކަމަށެވެ. ރައީސް އޮފީހުން ކުރަމުން އަންނަ އެ މަސައްކަތް ހިންގަން ފެށުމަށް ތާވަލުކުރި ނަމަވެސް އެކަން ކުރެވޭނީ މަސައްކަތް ކުރަމުންދާ ބަޔަކު ދޫކޮށްގެންނެވެ. އެންމެ ފަހުން ވަގުތު ޖެހިގެން ދިޔަ އިރު ވެސް އެ މަސައްކަތް ހަވާލުކުރެވުނު ކަމަކަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ނުހެއްދެވި އެވެ.
ވަކި ގާނޫނެއް ހަދައި ސިވިލް ސާވިސް މިނިވަން ކުރަން ފެށި ނަމަވެސް އެންމެ ފުރަތަމަ އިމްތިހާނުގެ ނަތީޖާ އިން ވެސް އެނގިގެންދަނީ ސަރުކާރުގެ މުވައްޒަފުންގެ މައްޗަށް ވެރިކަން ހިންގާ ފަރާތުން ހިންގާ ނުފޫޒާ ބާރު ދޫކޮށްލަން ނުކެރުނުކަމެވެ.
ގާނޫނު ފާސްކުރިތާ ގިނަ ދުވަސްތަކެއްވެގެން މާޒިވެގެން ގޮސް ކޮމިޝަނަށް މެމްބަރުން އައްޔަނުކޮށް, މަސައްކަތް ފަށައި ކޮމިޝަނުން ކުރަން ބޭނުންވި މަސައްކަތް ދިނުމަށް އެދުނު އިރު އެކަމަށް ތައްޔާރުނުވެވޭ ނަމަ އެއީ ވެސް ސުވާލު އުފެދޭ ކަމެކެވެ.
ސިޔާސީ ޕާޓީ ހަދައި ހިންގަން ފެށުމާއެކު ސަރުކާރު މުވައްޒަފުން ވަކި ޕާޓީއެއްގައި އުޅުމުން އެ މީހަކަށް ގެއްލުމެއް ނުވާނެކަމަށް ރައީސް ވިދާޅުވި ނަމަވެސް ކަންތައްތައް ހިނގައިދިޔައީ ދެއްކެވި ވާހަކަފުޅާ ދިމާ އިދިކޮޅަށެވެ. ރައީސް މައުމޫނު ވެރިއަކަށްވެގެން ރަޖިސްޓްރީކޮށް ހިންގަން ފެށި ޕާޓީއާ ދެކޮޅު މުވައްޒަފުންނަށް ތަފާތު ދަތިތައް ކުރިމަތިކޮށް ގެއްލުންތައްތައް ދެމުންދާކަމުގެ އަޑުތައް ފެތުރި އެ ފަދަ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެށި އެވެ. ނުވަތަ އަދާކުރަމުންދިޔަ މަގާމުތަކުން ބަދަލުކޮށް ތަފާތު ޖެއްސުންތައްކުރަން ފެށި ވާހަކަ އާންމުވި އެވެ. ނަމަވެސް އެހެން ކަންކަމަށް އިންކާރު ކުރާ ފަދައިން ސަރުކާރުން ވަނީ އެ ކަމަށް ވެސް އިންކާރުކޮށްފަ އެވެ.
ސިވިލް ސަވިސް ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު ލަތީފު ވިދާޅުވީ ދިވެހި ސިވިލް ސާވިސްއަކީ ސިޔާސީ ނުފޫޒުން އެއް ކިބައިވެފައިވާ ބަޔަކަށް ހެދުމަކީ ކޮމިޝަނުގެ އެންމެ ބޮޑު ބޭނުންކަމަށްވީ ހިނދު އެކަމަށް އެއްވެސް ފަރާތަކުން ހުރަސްއަޅާ ނަމަ އެކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.
”ސިޔާސީކަމަކަން މިކަން ހަދައިގެންނުވާނެ އެއްވެސް ފަރާތަކުން. ރައްޔިތުންނަށް ހިދުމަތް ދޭނެ ރަނގަޅު ބަޔަކު ތިބެން ޖެހޭނެ. އެ ބަޔަކަށް ވާނީ ސިވިލް ސާވިސްގެ މުވައްޒަފުން. ނަމަވެސް އެ މީހުންގެ ކަންތައް ހިންގުމަށް ސިޔާސީ ނުފޫޒު ގެންގުޅޭ ނަމަ އެއީ ވަރަށް ބޮޑު ގޯހެއް,“ އެޑިޔުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ލަތީފު ވިދާޅުވި އެވެ. ލަތީފު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންތައް ކޮމިޝަނުގެ ދަށަށްބަދަލުކޮށް ހިންގަން ފެށުމަށް ތާވަލުކުރީ އެކަން ކުރެވޭވަރަށް ތައްޔާރުވުމުން ކަމަށާއި އެންމެ ބޮޑު އެއް މައްސަލަކަމަށް ގިނަ ބަޔަކު ދެކެނީ ވަޒީފާއާ ބެހޭ ކަންތައްތައް ކަމަށެވެ.
ސަރުކާރުގެ ވަޒީފާގައި ތިބި 30,000 އަށް ވުރެ ގިނަ މުވައްޒަފުންގެ ކަންތައް ރައީސް އޮފީހުން ބަލަހައްޓަމުންގެންދާ ގެންދިއުމަށް ނިމުމެއް އަންނަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކޭ ދެ ސަބަބެއް އޮވެ އެވެ. އެއް ސަބަބަކީ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށް ހަދާފައިވާ ގަވައިދުތަކަށް ބެލުމެއްނެތި ސަރުކާރުން މުވައްޒަފުންނާ ކުޅެމުން ދިއުމެވެ. ދެ ވަނަ ސަބަބަކީ ޒާމާނީ ޑިމޮކްރަސީ ގާއިމުކުރުމަށް ހިންގާ މަސައްކަތުގެ ދަށުށް މިނިވަން މުސްތަގިއްލު ކުރަން ޖެހޭ ކޮމިޝަންތަކުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން ހިމެނުމެވެ. އަދި އެ ކޮމިޝަން މިނިވަންކުރުމަށް ގާނޫނެއް ހަދާ ހިންގަން ފެށުމުން ވެސް ރައީސް އޮފީހުން މުވައްޒަފުންނާ ބެހޭ ކަންތައްތައް ގަވާއިދުން ބޭރުން ކުރުމެވެ. ”ކޮމިޝަން އުފެދުނު ދުވަހު ވެސް ޕަބްލިކް ސާވިސް ޑިވިޒަނުގެ ކަންތައްތައް އެއްކޮށް ބަދަލުކުރަން ޖެހޭނެ. އެ ތަނުން ކުރަނީ މުޅިން ވެސް ސަރުކާރު މުވައްޒަފުންގެ ކަންތައްތައް. ވަޒީރުންނާއި ސިޔާސީ ބޭފުޅުންގެ ކަންތައް ބަލަހައްޓަވަނީ ވަކި ތަނަކުން. އެގޮތަށް އޮތް ނަމަވެސް އެކަން ނުކޮށް ތިބުމަކީ ދައްކާ ވާހަކަ އާއި އަމަލު ދިމާނުވާކަމުގެ ވަރަށް ސާފު ހެއްކެއް,“ ކޮމިޝަނުގެ މެމްބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުގެ މަސައްކަތް ކާމިޔާބު އައްސޭރިއަކަށް ގެންދިއުމަށް ހުރަސް އަޅާ ނަމަ އެކަންވާނީ ވަރަށް ބޮޑު ގޯހަކަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ތާވަލަށް އަމަލުކުރުމަށް ގޮވާލާފަ އެވެ. އަދި އެ ތާވަލާ އެއްގޮތަށް ކަންތައްތައް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ކޮމިޝަނުގެ ދަށަށް މަސައްކަތް ބަދަލުކުރުމާ ބެހޭ ގޮތުން ސަރުކާރުން ދައްކާ ވާހަކައާއި ކޮމިޝަނުން ބުނާ ބުނުމަކާ ދިމާނުވާކަން ފާހަގަކުރެވެ އެވެ. ވަޒީފާއާބެހޭ ކަންތައް ހަވާލުކުރަން އެދުނުހާ އަވަހަށް ހަވާލުކުރާނެ ކަމަށް ރައީސް އޮފީހުން ބުނާއިރު ކޮމިޝަނުން ބުނަނީ ވަޒީފާއާބެހޭ ކަންތައް ހަވާލުކުރަން އެދިފައިވާ ކަމަށާއި އޭގެ އިތުރުން އެކަމަށް ތައްޔާރުވުމަށް ބޭނުންވާ މައުލޫމާތުތަކާއި ފޮނުވާފައިވާ ސިޓީތަކަށް ޖަވާބެއް ވެސް ރައީސް އޮފީހުން ނުދޭ ކަމަށެވެ. އެގޮތަށް އެކަން ކުރުމަކީ ސަރުކާރުގެ ސިވިލް ސާވިސްގެ ވަޒީފާތަކުގައި ތިބި 30,000 އަށް ވުރެ ގިނަ މުވައްޒަފުން ”އަޅުވެތި“ ކުރުން ނޫން ކޮން ކަމެއް ބާއްވަ އެވެ؟
-
ބުދަ، ޖެނުއަރީ 16 2008، 20:59
ހަދަން ވީގޮތަކީ މައުމޫނު ޕާޓީއާ މިގައުމު އެއްކޮށް ހަވާހުލު ކޮށްފައް އެހެންމީހުން ދާންވީ ރެފިއުޖީންގެގޮތުގާ އޭރުން އެވެރިން ނަށް އަޅުވެތި ކުރެވޭނީ ހަމައެވެރިން ؟؟ ދެން ނަމަކަށް ކިޔަންވާ ނީ މައުމޫނު ކޮންޕެނީ ޕުރައިވެޓު ލިމިޓެޑް ބޯޑުގަތިއްބަ ވާނީ ވަޒީރުބޭފުޅުން
-
ބުރާސްފަތި، ޖެނުއަރީ 17 2008، 12:51
ލަތީފު އަށް އެގެނީ ހަމައެކަނި އެއީ ގޮހެކޭ ބުނެލަންތަ. ތިކަން ނޭގޭ ކުޑަކުޖަކުވެސް ރާއްޖޭގައިނެތޭ. ތީދެން ކީއްކުރަން ހުރި ކޮމިޝަނެއް. ބާރެއް ނުހިގަންޏާ އަވަހަށް އުވާލަންވީ. ބޮޑު މުސާރަ ލިބޭތީ ލަތިފު ތިހުރީ އަތްބަދެވިފަ. ތިހަމަ މައުމޫނުގެ ގޮޑިކޮއްކޮއެއް. އެކަމުން ރެކެން މަސައްކަތް ނުކުރޭ. މަޖިލިހުން ބާރުދިނީމަވެސް ތިބުނަނީ ކީއްހޭކުރާނީ. ފިޔަވަޅު އަޅަންވާނެއޭ. އެހެންކިޔާލަ ކިޔާލަ ހުރީމަ ޒިންމާ އަދާކުރެވުނީ ކަމަށް ހަދާފައި ރައްޔިތުންގެ އަތުން ފައިސާ ނުހައްގުން ހޯދިޔަސް ހަލާލުނުވޭނެކަން ލަތިފަށް ނޭގުނީތީ ހައިރާންވަން. ތިހޮދި ފާސްތަކުގެ ބޭނުމަކީ ކޮބާބާ. ދެން ހުރި މުހްސިންވެސް ހަމަ އެފަދަ.
-
ހުކުރު، ޖެނުއަރީ 18 2008، 00:07
ރައީސް ބޭނުންވާ ބޭފުޅުންނަށް މަތީ މަޤާމުތައްދީ ނިމުނީމާ ކޮމިޝަނަރ ހަވާލުކުރާ ގޮތަށް ރައީސް ނިންމަވާފައިއޮތީ، އެކަމަކަށް ބަދަލެއް ނާންނާނެ، ކޮމިޝަނުންވެސް ކެތްތެރިވޭ، ދެންއޮތްގޮތަކީ މައުމޫނު އިސްތިއުފާދިނުމުން މިކަންތައް ހައްލުވުން.
-
ބުދަ، ޖުލައި 9 2008، 14:31
ޢާން ތީވަރަށްބޮޑު ތެދެއް. ސިވިލް ސާރވިސްގެ އެއްވެސް ބާރެއް ނެތް. މީގެ ދެތިން ދުވަސްކުރިން ފުލުހުންގެ ވަކި ބަޔކު 10 ގަޑި އިރު ޑިއުޓީ ކޮށް އެމީހުންނަށް ހެނދުނު ސައު ކަނޑާލައިވޭ. އެކަމަކު ފުލުހުންނަކީވެސ ސިވިލް ސާރވިސްގެ ދަށުން ހިނގާބައެއް. އަދި އެމީހުންނަށް ހެނދުނު ސައި ނުބޮވޭ ގޮތައް ހެދީ. މިއީ ހިޔުމަން ރައިޓް ބާ؟ ފުލުހުންނަށް ސައިލިބެނީ އެމީހުންގެ މެސް އަކުން ވަނީނަމަ އެތަނުން މިދެންނެވި ފުލުހުންނަށްވެސް ސައިލިބެންޖެހޭ. އަދި މިދެންނެވި ފުލުހުންނަށް އިތުރައް އެއްވެސް ފައިސާއެއްވެސް ނުދޭ.