
ލަންކާގައި ބަހަކަށްދެވުނު ބޮމުގެ ޙަމަލާއެއްގައި 23 މީހުން މަރުވެއްޖެ
އަވަށްޓެރި ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބަހެއްގައި ގޮއްވާލެވުނު ބޮމެއްގެ ސަބަބުން 23 މީހުން މަރުވެ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ ކަމުގައި ރޮއިޓާސް ޚަބަރުދީފިއެވެ.
މިޙަމަލާއަކީ ތަމަޅައިން ދީފައިވާ ހަމަލާއެއް ކަމަށް ސަރުކާރުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިޙަމަލާގައި ޒަޚަމްވި މީހުންގެ ޢަދަދު 70 އާއި ކައިރިވެފައިވާ ކަމަށްވެސް އެފަރާތުންވަނީ ހާމަކޮށްފައެވެ.
މިހަމަލާގައި މަރުވެފައިވަނީ މުޅިންވެސް އާންމުންގެ މީހުންނެވެ. ބަޓަލާގައި ދެވުނު މިހަމަލާ ދީފައިވަނީ ސަރުކާރުން ތަމަޅަ ހަނގުރާމަ ވެރިންނާ ދެކޮޅަށް ފަށާފައިވާ ޚާއްޞަ އޮޕަރޭޝަން ފެށިތާ މަހެއްވެސް ނުވަނީހެވެ. އަނެއްކޮޅުން ކުރީދުވަހު ސިފައިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެޤައުމުގައި މަރުވެފައިވާ މީހުންގެ ޢަދަދުވަނީ 85 ށް އަރާފައެވެ.
ތަމަޅަ ހަނގުރާމަވެރިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ބޭނުންވަނީ ހަނގުރާމަ އިޢުލާން ކުރުމަށްފަހު ވަރުގަދަ ހަނގުރާމައެއް ފެށުމަށެވެ. އެހެންކަމަށްވާނަމަ, ތަމަޅަ ހަނގުރާމަވެރިން އެކަމަށް ތައްޔާރަށް ތިބިކަމަށްވެސް ހާމަކޮށްފައިވެއެވެ.
ލަންކާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި މިހާތަނަށް 70 ހާހަށްވުރެ ގިނަމީހުން މަރުވެ ދެލައްކައަށްވުރެ ގިނަމީހުން ހާލުގައި ޖެހިގެންދިޔައިރުވެސް, މިމައްސަލައަށް ހައްލެއް ފެންނާނެކަމާމެދު އެތައް ސުވާލެއް އުފެދިފައިވެއެވެ.