އިޒްރޭލު ސިފައިން ޤާޒާއަށްދިން ޙަމަލާއެއްގައި 18 މީހަކު ޝަހީދުވެއްޖެ
އިޒްރޭލު ސިފައިން ފަލަސްޠީނުގެ ޤާޒާއަށް އިއްޔެ އާއި ރޭ ދިން ވަރުގަދަ ޙަމަލާތަކެއްގައި ފަލަސްޠީނުގެ 18 މީހަކު ޝަހީދުވެއްޖެއެވެ. އަދި މިހަމަލާތަކުގައި އާންމުންގެ ގިނަ ބަޔަކުވަނީ ޒަޚަމްވެފައެވެ.
މިޙަމަލާތަކާ ގުޅިގެން ފަލަސްޠީނުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅާއި ޞުލްޙަ ޤާއިމު ކުރެއްވުމަށް އެކިފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް މިއީ ކުރިމަތި ކުރި ވަރަށްބޮޑު ގޮންޖެހުމެކެވެ.
އަދި މިކަމުގެ ސަބަބުން ޞުލްހައިގެ މަސައްކަތަށް ވަރަށްބޮޑު ހުރަހެއް ކުރިމަތިވެގެންދާނެއެވެ. ހަމާސް މުޖާހިދުންވަނީ އިޒްރޭލުގެ މިޢަމަލު ވަރަށްބޮޑަށް ކުށްވެރި ކޮށްފައެވެ. މިހަމަލާތަކުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރުވެސް މުޖާހިދުންވަނީ ދެއްވާފައެވެ.
އިޒްރޭލު ސިފައިން ހާމަކޮށްފައިވާ ގޮތުގައި މިހަމަލާތައް ދީފައިވަނީ އެކުއެޑޯރުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ މީހަކު އިޒްރޭލުގެ ސަރަހައްދީ ރޮނގު ކައިރީގައި ހުއްޓާ މުޖާހިދުން އޭނާއަށް ޙަމަލާދީ މަރާލުމާ ގުޅިގެންނެވެ. މުޖާހިދުންވަނީ އިޒްރޭލުން ހާމަކުރާ ގޮތަށް އެމީހަކަށް ޙަމަލާދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ރޭގެ ވަގުތެއްގައި އިޒްރޭލަށްވެސް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވެއެވެ.
-
އާދިތްތަ، އޯގަސްޓް 31 2008، 02:42
1993 ގައި ޢަރަފާތު ސޮއިކުރެއްވި އޮސްލޯގެ އެއްބަސްވުމުން ފެށިގެން މިއަދާހަމައަށް އައިއިރު ގުނާ އަދަދުނުކުރެވޭހާ ގިނަ އެގްރީމެންޓުތަކާއި، ރޯޑް މެޕާ، ޞުލްޙައިގެ ވާހަކަދެއްކުންތައް ބޭއްވިއްޖެ އެވެ. ނަމަވެސް މިހުރީކަމެއް ދިޔައީ ހަމަ ފަނުފުލުންނެވެ. ޔަހޫދީންނަކީ އެއްވެސް އަހުދަކަށް ހުރުމަތްތެރިކޮށް ނުހިތާ ޣަދަރުވެރި ބައެއްކަން އިސްލާމީ ތާރީޚު ހެކިދެއެވެ. - ނާޒިމް -