
ފަރަންސޭސި ސިފައިން ގަލްފުގައި ހަރަކާތްތެރިވުމަށް ނިންމައިފި
ފަރަންސޭސިވލާތުގެ ސިފައިން ޤަލްފު ސަރަހައްދުގައި ހަރަކާތްތެރިވާގޮތަށް ހަމަޖައްސަވައިފިކަން ރައީސް ނިކޮލަސް ސަކޯޒީ ހާމަކުރައްވައިފިއެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ފަރަންސޭސި ރައީސް ސަކޯޒީ ކުރެއްވި ދަތުރުފުޅަށްފަހު އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވާ އުޞޫލުން ފަރަންސޭސި ސިފައިންވެސް ކުރިމަގުގައި ހަރަކާތްތެރިވާނެއެވެ.
މިގޮތުން އަބޫދާބީގައި ފަރަންސޭސި 500 ސިފައިން ފުރަތަމަ ހަރަކާތްތެރިވާ ގޮތަށް ހަމަޖެއްސެވިކަން މިހާރުވަނީ އިޢުލާން ކުރައްވާފައެވެ.
މީގެއިތުރުން އެކުވެރި ޢަރަބި ޢިމާރާތަށް ނިއުކްލިއަރ ޓެކްނޮލޮޖީ ފޯރުކޮށްދެއްވުމަށް ފަރަންސޭސި ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. އަދި މިކަމާ ބެހޭގޮތުން އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވެއެވެ.
ފަރަންސޭސިވިލާތުންނާއި އެމެރިކާއިން މެދުއިރުމަތީގެ ޤައުމުތަކަށް ނިއުކްލިއަރ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ނިންމެވުމާ ގުޅިގެން ވަރަށް ގިނަބައެއްގެ ފަރާތުން ފާޑުކިޔުންތައް ކުރިމަތިވެފައިވެއެވެ.
ޚާއްޞަ ގޮތެއްގައި އިރާނުންވަނީ އެޤައުމުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫޢުގެ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކޮށްފައި ސަޢޫދީ ޢަރަބިއްޔާ އަށާއި އެކުވެރި ޢަރަބި ޢިމާރާތަށް ހުޅަނގުގެ ޤައުމުތަކުން އެހީވާތީ, ނުރުހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް, އެމެރިކާ އާއި ފަރަންސޭސިވިލާތުން އެކަމަށް ދީފައިވަނީ ބީރު ކަންފަތެކެވެ.