ޝެއިޚް ހަސީނާ އާއި ދެކޮޅަށް ބަންގްލަދޭޝްގައި ދަޢުވާ ކުރިއަށްގެންދަން ފަށައިފި

ހުސައިން ރަޝީދު ޖެނުއަރީ 16، 18:19 0 ޚިޔާލު

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ދެކޮޅަށް އެޤައުމުގައި ރަސްމީކޮށް ދަޢުވާ ކުރިއަށްގެންދަން ފަށައިފިއެވެ. މިގޮތުން ކޯޓުގައި ފެށިގެން ކުރިއަށްދާ ދަޢުވާ އާއި ދެކޮޅަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި މިއީ އެއްވެސް ހަޤީޤަތެއް އެކުލެވިފައިނުވާ ދަޢުވާއެކެވެ. ފަސާދައާއި ޚިޔާނާތުގެ ކުށްތަކެއްގެ ދަޢުވާ ސަރުކާރުން އުފުލަމުންދިޔަ ނަމަވެސް އެދަޢުވާއަށް އޭނާވަނީ ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ.

އެހެންނަމަވެސް ފަނޑިޔާރު ވިދާޅުވާ ގޮތުގައި ލިބިފައިވާ ހެކިތަކާއި ޤަރީނާތަކަށް ބަލާއިރު, އެކަމަނާގެ މައްޗަށް އުފުލޭ ދަޢުވާގެ ސައްޙަކަން ދޭހަވެއެވެ. މިދަޢުވާގެ ދެވަނަ އަޑުއެހުން އޮންނާނީ މާދަމާއެވެ. 1996 ވަނައަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝެއިޚް ހަސީނާ ވިދާޅުވާ ގޮތުގައި ބަޔަކު ރާވައިގެން އުފުލަމުންދާ ދަޢުވާގެ ބޭނުމަކީ އެކަމަނާގެ ސިޔާސީ ކެރިއަރ ހަލާކުކޮށްލުމަށް ކުރެވެމުންދާ މަސައްކަތެކެވެ. އަދި އެކަމަށް އެކަމަނާ ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. ބަންގްލަދޭޝްގައި މިހާރުއޮތް ވަގުތީ ސަރުކާރުންވަނީ އެޤައުމުގައި ބޭއްވުމަށް ހަމަޖެހެމުން އަންނަ އިންތިޚާބުގައި ޝެއިޚް ހަސީނާ އާއި ބޭގަމް ޚާލިދާ ޒިއާއަށް ވާދަކުރެއްވުން މަނާ ކުރައްވާފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv