އަލްޤައިދާގެ ގޮތްޕެއް އިނގިރޭސިވިލާތުގައި ހަދަން އުޅޭކަމަށް އަޑުފެތުރެނީ
އަލްޤައިދާ ޖަމާޢަތަށް ނިޞްބަތްވާ ގޮތްޕެއް އިނގިރޭސިވިލާތުގައި ހަރަކާތްތެރިވުމަށް ތައްޔާރުވަމުންދާކަމުގެ މަޢުލޫމާތު ވެބްސައިޓަކުން ފެތުރެމުންދާތީ, އެކަމަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އިނގިރޭސި ސަރުކާރުން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގައި އެޖަމާޢަތުގެ ގޮތްޕެއް ހެދުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ހުއްޓުވާނެކަމަށާއި އެފަދަ ބަޔަކަށް ފުރުޞަތެއް ނުދޭނެކަމުގައި ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މިގޮތުން މިހާރުވެސް އެޤައުމުގެ އިންޓެލިޖެންސާ ބެހޭ އިދާރާގެ އޮފިޝަލުން އެމަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ހާމަކޮށްފައިވެއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ޔޫރަޕުގެ އެކި ޤައުމުތަކުގައި އަލްޤައިދާއިން ހަރަކާތްތެރިވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި އެކަން ހުއްޓުވުމަށް އެމެރިކާއިންވެސް މަސައްކަތް ކުރާނެކަން ހާމަކޮށްފައިވެއެވެ.
އިނގިރޭސިވިލާތުގެ ދާޚިލީ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި މިއީ ކުޅިވަރު ބަލަންތިބެވޭ ކަހަލަ ވާހަކައެއް ނޫނެވެ. އެހެންކަމުން މިއީ ފިޔަވަޅު އަޅަންޖެހޭ ޤައުމުގެ ސަލާމަތާ ގުޅުންހުރި ވަރަށްބޮޑު މައްސަލައެއް ކަމަށްވެސް ހާމަކޮށްފައިވެއެވެ. އެހެންކަމުން އެކަމަށް މިހާރު ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖައްސަވާފައެވެ. އިނގިރޭސިވިލާތުން ހާމަކޮށްފައިވާ ގޮތުގައި އަލްޤައިދާ ޖަމާޢަތުގެ ނެޓްވޯކްތަކަށް އެޤައުމުން ޖާގައެއް ދިނުމަކީ ޓެރަރިޒަމަށް ތާއީދުކުރުން ފަދަ ޢަމަލެކެވެ.