
ސޮބާ ޕްރެކްޓިހަށް ނުނިކުންނާތީ އޭނާއާ މެދު ފިޔަވަޅު އަޅާނެ: ނިއު
ނިއުރޭޑިއަންޓްގެ ޕްރެކްޓިސް ފެށިތާ ހަފްތާއެއްވީއިރު އަދިވެސް އޭނާ ޕްރެކްޓިހަށް ނުނިކުންނަ ކަމަށާއި ޕްރެކްޓިހަށް ނުނުކުންނަ ދުވަސްތަކަށް އޭނާ އާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ނިއުއިން ބުނެފި އެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަދި ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަހްމަދު ނިޔާޒު ވިދާޅުވީ ސޮބާއަށް ޕްރެކްޓިހަށް ނުކުންނަން އަންގާފައިވާ ކަމަށާއި އަދި ނުކުންނާނެ ކަމަށްވެސް އޭނާ ނިއުގެ މެނޭޖަރ އަލީ ސަމީމު ގާތުގައި ބުނެފައިވާ ކަމަށެވެ. ”ވަރަށް އަވަހަށް ނުކުންނާނެ ކަމަށް ބުނެފައިވަނީ. އެހެންވެ އޭނާ ނުކުންނަ ގޮތަށް އޮތީ. ނަމަވެސް އޭނާ ނުނުކުންނަ ދުވަސްތަކަށް އެގްރިމަންޓްގައިވާ ގޮތުގެ މަތިން ކްލަބުން ފިޔަވަޅު އަޅާނެ. އެގްރިމަންޓްގައި އޮންނާނެ މަގްބޫލު އުޒުރެއްނެތި ޕްރެކްޓިހުގައި ބައިވެރިނުވެއްޖެނަމަ ކަންތައް ކުރާނެ ގޮތް. ސޮބާ ޕްރެކްޓިހަށް ނުނުކުމެ އެ ހުންނަނީ މަގްބޫލު އުޒުރެއް އޮވެގެނެއް ނޫން. އެހެންވެ އޭނާގެ މައްސަލަ ކްލަބުން ބަލާނެ“ ނިޔާޒު ވިދާޅުވީ ސޮބާ ޕްރެކްޓިހަށް ނުނުކުމެ ދިގުލަމުންދާނަމަ އެ މައްސަލަ އެފް އޭ އެމަށްވެސް ހުށަހަޅާނެ ކަމަށެވެ. ”އޭނާއަކީ އެފް އޭ އެމުން ނިއުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާ ކުޅުންތެރިއެއް. އެހެންވެ އޭނާ ނިއުގެ ޕްރެކްޓިހަށް ނުކުންނަން ޖެހޭނެ. އެހެން ކްލަބަކާއެކު ސޮބާ ކޮންޓްރެކްޓެއް ހެދުން އެއީ ނިއުއާ ބެހޭ ކަމެއް ނޫން“ ނިޔާ ވިދާޅުވިއެވެ.
ނިޔާ ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޕްރެކްޓިސް ފަށައިގެން ކުރިއަށްގެންދާއިރު ބައެއް ކުޅުންތެރިން އަދި ޕްރެކްޓިހުގައި ބައިވެރިނުވާ ކަމަށެވެ. ”ޓޮމް އާއި އައްމަޑޭ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގަ ތިބީ. ނާސިރު އަދި ހުރީ ރަށުގައި. ދެން އައްޑޯވެސް އަދި ނާދެ. ސަދުންވެސް އަދި ހުރީ ލަންކާގަ. ހުރިހާ އެންމެން ހަމަކޮށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕްރެކްޓިސް ކުރިއަށްގެންދެވޭނެ ކަމަށް މި ބަލަނީ.“ ނިޔާޒު ވިދާޅުވިއެވެ.
ސޮބާ އިއްޔެ ނިއުގެ ޕްރެކްޓިހަށް ނުކުންނާނެ ކަމަށް ވަރަށް ބޮޑަށް އަޑު ފެތުރިގެން ދިޔައެވެ. ނަމަވެސް އިއްޔެވެސް ނިއުގެ ޕްރެކްޓިހުގައި ސޮބާ ބައިވެރިއެއް ނުވެއެވެ.
ފާއިތުވެދިޔަ 3 އަހަރު ނިއުއަށް ކުޅުނު ސޮބާ އާއި ކްލަބާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނީ އޭނާ ވިކްޓަރީއަށް ސޮއިކުރުމުންނެވެ. ސޮބާގެ ގާނޫނީ ވަކީލު ހުސައިން ޝަމީމު ވިދާޅުވެފައިވަނީ ސޮބާގެ ދެ އެގްރިމަންޓްގެ ތެރެއިން ސައްހައީ ވިކްޓަރީގެ އެގްރިމަންޓް ކަމަށާއި އެހެންކަމުން އޭނާ ނުކުންނާނީވެސް ވިކްޓަރީގެ ޕްރެކްޓިހަށް ކަމަށެވެ. ނަމަވެސް ވިކްޓަރީގެ ޕްރެކްޓިސް ރަސްމީކޮށް އަދި ނުފަށާތީ ސޮބާ އެޓީމުގެ ޕްރެކްޓިހަކަށްވެސް ނުނިކުމެއެވެ.
ސޮބާ ދެ ޓީމަށް ސޮއިކޮށްފައިވާތީ އޭނާގެ މައްސަލަ ޕްލޭޔާސް ސްޓެޓަސް ކޮމެޓީން މިހާރު ގެންދަނީ ބަލަމުންނެވެ.