ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ މަގާމުތަކަށް ވާދަވެރިކަމެއްނެތި މީހުން ހޮވައިފި
އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ, އިންތިޒާމް ފެންވަރު ދަށް ޖަލްސާއެއްގައި އެއްވެސް ވާދަވެރިކަމެއް ނެތި މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ, ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ މަގާމްތަކަށް މެމްބަރުން ހޮވައިފި އެވެ.
މިކަމަށްޓަކާ ރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައި ބޭއްވި ޖަލްސާގައި މެމްބަރުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ދެރަކަމުން ޖަލްސާއަށް އައި މީހުންނަށް ވަދެ އިށީނދެވޭވަރުވީވެސް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ބައިގަޑިއިރު ފަހުންނެވެ.
އާއްމުކޮށް ޖަމިއްޔާގެ ބައްދަލުވުންތަކަށް ޙާޟިރުވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް މެންބަރުން ބައިވެރިވި މިޖަލްސާގައި ފުރަތަމަ އޮތީ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމެވެ. 18 މެންބަރުންގެ މިކޮމިޓީއަށް 28 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ޖަމިއްޔާގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ކުރިން އެމަގާމްތައް ފުރުއްވާފައިވާ ފަރާތްތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ޒުވާން ވިޔަފާރިވެރިންވެސް ހިމެނުނެވެ.
އެގްޒެކެޓިވް ކޮމިޓީއަށް 18 މެންބަރުން ހޮވުމަށްޓަކައި, ޖަލްސާއަށް ހާޒިރުވި 162 މެމްބަރުން ލީ ސިއްރުވޯޓް ގުނުމަށް ހަވާލުކުރެވުނު ކޮމިޓީގެ މަސައްކަތް ވަނީ 3 ގަޑިއިރާ ބަޔަށް ދެމިގެން ގޮސްފައެވެ. އެހެންކަމުން އެއިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރެވޭވަރުވަރުވީ މެންދަމު އެކެއްޖެހުމާ ގާތްވެފައި ވަނިކޮށެވެ.
މިނަތީޖާގައި އެންމެ ބޮޑު ޙައިރާންކަމެއް ލިބުނީ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވި އަދި އެމް.ޓީ.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ދަމާސް މުހައްމަދު ސޯލިހު 18 މެމްބަރުންގެ އެގްޒެކެޓިވް ކޮމިޓީގައި ވެސް މިފަހަރު ނުހިމެނުމުންނެވެ. އެނާގެ އިތުރުން ނައިބް ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު އަހްމަދު ދީދީ އާއި ސެކެޓްރީ ޖެނެރަލް އެސް.ޓީ.އޯގެ އަހްމަދު ޝަހީދު ވެސް އާ އެގްޒެކެޓިވް ކޮމިޓީއަށް ހޮވިފައެއް ނުވެއެވެ. 18 މެމްބަރުންގެ ކޮމިޓީއަށް ހޮވުމަށް ވޯޓްލީ މީހުންގެ އަޣްލަބިއްޔަތު (82 ވޯޓް) ބޭނުންވެއެވެ. ދަމާސް ސޯލިހަށް ލިބިވަޑައިގެންނެވި 72 ވޯޓެވެ. މުޙައްމައިދި އަށް 61 ވޯޓް އަދި ޝަހީދަށް 81 ވޯޓެވެ.
އެގްޒެކެޓިވް ކޮމިޓީއަށް މެމްބަރުން ހޮވާނިމުނީ މެންދަމު އެކެއްޖެހުމާ ކައިރިވެފައިވަނިކޮށް ކަމަށް ވުމާއެކު ޖަލްސާއަށް ވަޑައިގެން ގިނަ މެންބަރުން ތިއްބެވި ނަމަވެސް އެހެން މަގާމްތަކަށް މީހުން ހޮވުމުގައި ވޯޓްނުލުމުގެ ރޫޙުވަނީ ގެއްލިފައެވެ.
ނަތީޖާއެއްގެ ގޮތުން އެކި މަގާމުތަކަށް ނަން ހުށަހެޅުމަށް އިޢުލާނު ކުރެއްވުމުން އެކި ނަންތައް ހުށަހެޅި ތާއީދު ލިބުނު ނަމަވެސް ވޯޓާ ހަމައަށް ދާންވާއިރަށް އެއް ނަންފިޔަވާ އެހެން ބޭފުޅުން ނަން އަނބުރާ ގެންދެވުމުގެ ސަބަބުން ހުރިހާ މަގާމްތަކަށްވެސް ބޭފުޅުން ހޮވިފައިވަނީ ވާދަކުރުމެއް ވޯޓްލުމެއް ނެތިއެވެ.
އެގޮތުން ރައީސްގެ މަގާމަށް ހޮވުނީ މައިޒާން އުމަރު މަނިކެވެ. ދެ ނައިބު ރައީސުންނަށް ހޮވުނީ ޑީޕްލައިންގެ އިބްރާހިމް ޖިހާދާއި ގްލޯބިޒްގެ އިބްރާހިމް ރިޔާޒެވެ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވުނީ ހަރބަލް މެޑިސިންގެ އަބްދުއްލަތީފެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް ކޯ އިންވެސްޓްމަންޓްގެ އިސްމާޢިލް އާސިފް އަދި ޓްރެޝަރ އަކަށް ރީފް ސައިޑް ހަސަން ޒާހިރެވެ.
މިބޭފުޅުންގެ އިތުރުން އެގްޒެކެޓިވް ކޮމިޓީއަށް ހޮވިފައިވަނީ މުޙައްމަދު ވާޙިދު, މުޙައްމަދު ރަޝީދު ހުސައިން, ޙުސައިން މުޙައްމަދު, އައިމިނަތު ޝިފާނާ އަޙްމަދު, އަހްމަދު އަޔާޒް ރަޝީދު, ޠޯހާ މުޙައްމަދު, އަޙްމަދު މުޖްތަބާ, މުހައްމަދު ނަޒީރު, މުހައްމަދު އަބްދުއްﷲ, މުހައްމަދު ނަސީމް އަދި އިބްރާހިމް މުހައްމަދެވެ.
ޖަޒީރާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތާރީޚުގައިވެސް އިންތިޚާބެއްގައި ވޯޓްލުމަށް އެންމެ ގިނަ މެންބަރުން ހާޒިރުވި ފަހަރެވެ. އަދި އެންމެ ގިނަ އަދަދަކަށް ޒުވާން މެންބަރުން ކޮމިޓީއަށް ހޮވުނު ފުރަތަމަ ފަހަރުވެސް މެއެވެ.
ވަރަށް ފަހުން ޖަމިއްޔާގެ ޢާއްމު ދެ މެންބަރަކު ވަނީ ޖަމިއްޔާ, ގަވައިދާ ޚިލާފަށް ހިންގާ ކަމަށް ބުނެ ޖަމިއްޔާގެ މުއައްސަސުން ގޮވައިގެން ކޯޓަށް ދިއުމަށް ނިންމާ އެކަމާ ގުޅޭ ގޮތުން ދިގު ނޫސްބަޔާނެއްވެސް ނެރެފައެވެ.