ވަހީއްދީން ވަޑައިގަތުމާއެކު އުކުޅަހު ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި

އަހުމަދު މުހުސިން މޭއި 7 2007، 20:43 0 ޚިޔާލު

މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް މުހައްމަދު ވަހީދުއްދީން މިއަދު ހެނދުނު 10.30ގައި އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އެރަށުގެ ގިނައަދަދެއްގެ ބަޔަކު އެއްވެ ނުރުހުން ފާޅުކޮށްފިކަމަށް ޖަޒީރާއަށް މައުލޫމާތު ލިބިއްޖެ އެވެ.

އެއްވި މީހުންގެ ތެރެއިން އެރަށު ރަށް ކުރިއަރުވާ ކޮމެޓީގެ މެންބަރެއްކަމުގައިވާ އެރަށު ނޫވިލާގޭ އަލީ ނާޒިމް ބުނީ ވަހިއްދީނު ފައިބައިވަޑައިގަތުމައެކު ރައްޔިތުންގެ ތެރެއިން ޒުވާނުންނާއި މެދުއުމުރުގެ މީހުންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު ނިކުމެ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފަޅުކޮށްފައިވާ ކަމަށެވެ.

”ނިސްބަތުން ގިނައަދަދެއްގެ ބަޔަކު ނިކުމެ ނުރުހުން ފާޅުކުރި. އެއްވެސް ހަމަނުޖެހުމެއް ހިންގާ ހެދުމެއް ނެތި އެމީހުން ޝުއޫރު ފާޅުކުރީ“ ނާޒިމް ބުނުއްވިއެވެ.

އޭނަ ބުނީ މައިގަނޑު ގޮތެއްގައި ރައްޔިތުން ނުރުހުން ފާޅުކޮށް ޝުއޫރު ފާޅުކުރީ އެރަށުގައި ނަމާދުކުރުން ހުއްޓާލާފައި ހުންނަތާ ދެއަހަރުވީ މިސްކިތެއްގެ މައްސަލައިގައި ކަމަށެވެ.

”މިހާރު މިނަމާދު ކުރަނީ ވަގުތީ މިސްކިތެއްގައި އެއީ ކުޅިވަރުކުޅެ ޝޯވ ބާއްވާ ޑިސްއެއްޓަނާ ބަހައްޓައިގެން ފިލްމު ދައްކާ ހަދަން ވެގެން ރައްޔިތުން އަޅާފައިވާ ”ކަނބާފާނު މާލަމް“ ކިޔާ ތަނެއްގައި. މިހާރު ވަގުތީގޮތުން އެތަނުގައި ނަމާދުކުރާތާ ދެއަހަރުވީ. އަދިވެސް އަޅައިދޭން ބުނި މިސްކިތެއް އަޅައެއް ނުދޭ. އެކަމާ އެމީހުން ނުރުހުން ފާޅުކުރީ“ ނާޒިމް ބުނުއްވިއެވެ.

އޭނާ ބުނީ ކުރީގެ މިސްކިތުގައި ނަމާދުކުރުން ހުއްޓާލީ އެއީ ޤަބުރުސްތާނުގެ ބަޔަކަށް ވާތީ ސަރުކާރުން އެގޮތަށް ނިންމަވައިގެން ކަމަށެވެ. އޭނާ ބުނީ އެއްވި މީހުން ގިނައަދަދެއްގެ ބެނާތައް ގެންގުޅުނު ކަމަށާއި އެބެނާތަކުގައި ހުރީ މިއީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށާއި މިތަނަށް ބޭނުންވަނީ 30 ފޫޓުގެ ބުދެއް ނޫންކަމަށާއި އަޅުކަން ކުރެވޭނެ މިސްކިތްތަކެއް ކަމަށެވެ.

އޭނާ ބުނީ އެއްވި މީހުންގެ ތެރެއިން ބަޔަކު ވަހިއްދީނުގެ އިސްތިއުފާއަށްވެސް ގޮވާފައިވާ ކަމަށެވެ.

އުކުޅަހު ކުޑަކަތީބު ޢިމާދު ޚާލިދު ވިދާޅުވީ އެޓޮލްސް މިނިސްޓަރ ވަޑައިގެންނެވުމާއެކު ބަޔަކު މީހުން ނުރުހުން ފާޅުކޮށް އަޑުގަދަކޮށް ހެދި ކަމުގައެވެ.

” އެއީ ރައްޔިތުންގެ ތެރެއިން ގިނަބައެއް ނޫން. މިރަށުގައި ތިބޭ އެމްޑީޕީ މީހުންގަނޑު. އެމީހުން ވައްތަރު ވައްތަރުގެ ވާހަކަތައް ސަރުކާރާ ދިމާލަށްވެސް ގޮވި. ދެން އެނގޭނެތާ އެމްޑީޕީ މީހުންނޭ ބުނީމާ ކަންތައްތައް ހުންނާނެގޮތް“ ކުޑަކަތީބު ވިދާޅުވިއެވެ.

ކުޑަކަތީބު ވިދާޅުވީ އެއްވި މީހުން ޝުއޫރު ފާޅުކުރަމުން ދިޔައީ މިސްކިތް އެޅުން ލަސްވަމުން ދާތީ އެކަމަށް ޝަކުވާ ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ދިދަތައްވެސް ގެނެސް މުޅިން އެހެން ގޮތަކަށް ބަދަލުވެގެންގޮސްފައިވާ ކަމަށެވެ.

”މިސްކިތުގެ މައްސަލައިގައި އެމީހުން ނިކުތީ. އެއީ 2005 ގެ ފަހުކޮޅު ނޫނީ 2006ގެ ކުރީކޮޅު. މިރަށު މިސްކިތް ހުރީ ޤަބުރުސްތާނުން ބައެއްގައި ކަމަށް ބުނެ ވަގުތީ ތާކަށް ނަމާދުކުރުން ސަރުކާރުން ބަދަލުކުރެއްވީ. ދެން 2006ގައި ސަރުކާރުން އަޅުއްވައިދެއްވާނެ ކަމަށް ހާމަކުރެއްވި މިސްކިތްތަކުގެ ލިސްޓްގައި 12 ވަނައަށް މިރަށު މިސްކިތް އޮތް. އެކަމަކު އަދިވެސް އެކަން ނުވެ އޮތީ“ ކުޑަކަތީބު ވިދާޅުވިއެވެ.

ކުޑަކަތީބު ވިދާޅުވީ ނުހެދި އޮތީ ބަޖެޓްގެ ދަތިކަމުން ކަމަށާއި ސަރުކާރަށް ލިބޭ އާމްދަނީ ހުރިގޮތުން އަދި ނުކޮށްދެވި އޮތީ ކަމުގައެވެ.

ކުޑަކަތީބު ވިދާޅުވީ މިއަހަރު އަޅައިދޭ މިސްކިތްތަކުގައި 4 ވަނައަށް އުކުޅަހު މިސްކިތް އެބައޮތް ކަމަށް އެޓޮލްސް މިނިސްޓަރ ވިދާޅުވި ކަމަށާއި ނަމަވެސް އަދި ބަޖެޓަށް ފައިސާ ނުލިބޭ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ފައިސާ ލިބިގެން މިއަހަރު ފެއްޓޭތޯ ބައްލަވާނެ ކަމަށް އެޓޮލްސް މިނިސްޓަރ ވިދާޅުވިކަމަށްވެސް ކުޑަކަތީބު އިމާދު ޚާލިދު ވިދާޅުވިއެވެ.

ވަހިއްދީނުގެ މިދަތުރުފުޅަކީ އ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގެ ދަށުން އުކުޅަހަށް ވަޑައިގެންނެވި ވަޑައިގެންނެވުމެކެވެ. މިދަތުރުފުޅުގައި މިއަދު އުކުޅަހުގެ އިތުރުން ތޮއްޑޫއަށްވެސް ވަހިއްދީން ވަޑައިގެންނެވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv