

ދަނބިދޫގައި ވިހާފައި ދަރިފުޅު މަރާލި 18 އަހަރުގެ އަންހެން ކުއްޖާ އަނެއްކާވެސް ނަހަލާލަށް ވިހައިފި
ލ. ދަނބިދޫގައި މީގެ ދޮޅު އަހަރުކުރިން ނަހަލާލަށް ވިހައި ދަރިފުޅު މަރާލި އުމުރުން 18 އަހަރުގެ ކުއްޖާ އަނެއްކާ ވެސް ނަހަލާލަށް ވިހައިފި އެވެ.
ދަނބިދޫން ވާހަކަ ދެއްކި މީހަކު ބުނީ ނަހަލާލަށް ވިހޭ ދަރިފުޅު މަރާލި ކުއްޖާ ދެ ވަނަ ފަހަރަށް ނަހަލާލަށް ވިހާފައިވަނީ މިދިޔަ މަހު ތެރޭގައި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ކަމަށެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު 18 އަހަރު ފުރުނު އެ ރަށު މޫނީމާގޭ އާއިޝަތު ވިޝާމާ ވިހާފައިވަނީ ފިރިހެން ކުއްޖެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ވަނީ އެ އަންހެން ކުއްޖާ ހޮސްޕިޓަލުގައި ވިހާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. އަދި މިހާރު ވަނީ އެ ދެމައިން ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
އެ އަންހެން ކުއްޖާ ފުރަތަމަ ދަރިފުޅު ވިހައި މަރާލާފައިވަނީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށް ވެ އެވެ.
އަންހެން ކުއްޖާ ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެކަން ސިއްރުކުރުމަށްޓަކައި, ބަނޑުގައި ރިއްސަން ފެށުމުން, ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު ދޭއް ޖަހާކަންހާއިރު ގިފިއްޔަށް ވަދެ ކުއްޖާ ވިއްސި ކަމަށާއި އަދި ފެން ބާލިދީއަކަށް ލައި ކުއްޖާ މަރާލުމަށްފަހު ކޮތަޅަކަށް ލައިގެން ރަށުގެ ހުޅަނގު ފަރާތު ފަޅުތެރެ އަށް އެއްލާލި ކަމަށެވެ.
ކުއްޖާ މަރާލުމުގައި އިތުރު މީހަކު ބައިވެރިވި ވާހަކަ ތަހުގީގުގައި ދައްކާފައިވަނީ ދެ ފަހަރު ދެގޮތަށް ކަމަށް ފުލުހުންގެ ތަހުގީގާ ހަވާލާދީ މިދިޔަ އަހަރު އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފަ އެވެ.
”އެހެން ބަޔަކު ބައިވެރިވެފައިވާ ކަމަށް ފުރަތަމަ ބުނި ނަމަވެސް ފަހުން ބުނެފައި ވަނީ އިތުރު މީހަކު ބައިވެރިނުވާ ކަމަށް,“ މިދިޔަ އަހަރު އެޓާނީގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ނަހަލާލަށް ވިހައިފައި ދަރިފުޅު މަރާލި މައްސަލައިގައި އަންހެން ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމާ ޒިނޭގެ ދައުވާ, އެ ކުއްޖާގެ މައްޗަށް ކުރުމަށް ކުޑަކުދިންގެ ކޯޓަށް 2006 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު މައްސަލަ ފޮނުވި ނަމަވެސް ފަހުން ވަނީ އެ މައްސަލަ އަނބުރާ އެޓާނީ ޖެނެރަލް އޮފީހުން ގެނެސްފަ އެވެ. އެ މައްސަލަ އަނބުރާ ގެނެސްފައިވަނީ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ ކަމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުން އޭރުވަނީ ބުނެފަ އެވެ. މައްސަލަ އަނބުރާ ގެނައުމަށް ފަހު އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ވެސް ވަނީ މިދިޔަ އަހަރު ފޮނުވާފަ އެވެ.
އޭނާގެ ފުރަތަމަ މައްސަލާގައި ޒިނޭކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާ އެކު ކަމަށް ވެސް ތަހުގީގުގައި އެ އަންހެން ކުއްޖާ އެއްބަސްވެފައިވާ ކަމަށް މިދިޔަ އަހަރު ވަނީ އެޓާނީ ޖެނެރަލް އޮފީހުން ބުނެފަ އެވެ.
ދަނބިދޫގައި ނަހަލާލަށް ވިހާފައި ކުއްޖާ މަރާލި މައްސަލާގައި ތިން މީހަކު ހައްޔަރު ކުރިއެވެ. އެއީ އެ ކުއްޖާ އާއި އޭނާގެ މަންމަ އާއި ބައްޕަ އެވެ.