ރައްޔިތުންގެ ޚާއްސަ މަޖިލިހުގެ ރައީސްކަމަށް ގާސިމް ހޮއްވަވައިފި

އަހުމަދު މުހުސިން މޭއި 6 2007، 17:45 0 ޚިޔާލު

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ކަމަށް އދ އަތޮޅުގެ މެންބަރ އަދި ފިނޭންސް މިނިސްޓަރ ޤާސިމް އިބްރާހީމް ހޮއްވަވައިފި އެވެ.

ދިވެހި ރައްޔިތުންގެ ޕާޓީގެ ނައިބު ޒައީމް ޤާސިމް އިބްރާހީމް އެމަޤާމަށް ހޮއްވެވީ އެމަޤާމުގައި ކުރިން ހުންނެވި ގދ އަތޮޅުގެ މެންބަރ ޢައްބާސް އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާމަށް މެންބަރަކު ހޮވުމަށް މިއަދު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 145 ވަނަ ޖަލްސާގައި ނެންގެވި ވޯޓުން އެގޮތަށް ފާސްވުމާއި ގުޅިގެންނެވެ.

ޤާސިމް އެމަޤާމަށް ހޮވިވަޑައިގަތީ މަޖިލީހަށް ވަޑައިގެން ތިއްބެވި 78 މެންބަރުންގެ ތެރެއިން ޤާސިމް ހޮއްވެވުމަށް 72 މެންބަރުން ވޯޓުދެއްވުމާއި ގުޅިގެންނެވެ. ފެނިވަޑައި ނުގަންނަވާ ކަމަށް ވޯޓު ދެއްވީ 6 މެންބަރެކެވެ. އެއީ ހއ އަތޮޅު މެންބަރ ޖައުފަރު އީސާ އާދަމް, މ އަތޮޅު މެންބަރ އަހުމަދު ނާޒިމް, މާލޭ މެންބަރުން ކަމުގައިވާ އިބްރާހީމް އިސްމާއީލް, މުހައްމަދު ނަޝީދު, އަހްމަދު އާތިފް އަދި ނ އަތޮޅު މެންބަރ ޢަބްދުﷲ ޔާމީނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރަކު ނެތް ނަމަވެސް ހދ އަތޮޅު މެންބަރ އަހުމަދު އާދިލް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ރައީސަކު ހޮވާ ނިމެންދެން ކުރިއަށް ގެންދެވި މިއަދުގެ ޖަލްސާގައި ވޯޓް ނެގުމަށް ތައްޔާރުވި ވަގުތު ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ ޤާނޫން އަސާސީގައިވާ ގޮތަށް ސިއްރު ވޯޓެއް ނެގުމަށް ރިޔާސަތަށް ބާރު އަޅުއްވަމުން ގެންދެވި އެވެ. ނަމަވެސް ރިޔާސަތުން ޚާއްޞަ މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ވިދާޅުވީ ހާމަ ވޯޓެއް ނެގުމަށް ނިންމަވާ ޤަވާއިދުގައި އެގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ

ނަމަވެސް މެންބަރުން ދޫނުދެއްވާ, ޤާނޫން އަސާސީއާ ޚިލާފަށް ކަމެއް ނުނިންމޭނެ ކަމަށް ވިދާޅުވެ ޤާނޫނު އަސާސީގެ އެކަމާ ގުޅުންހުރި މާއްދާތައް ނަންގަވައިގެން ނިޒާމީ ނުކުތާތައް ނެންގެވިއެވެ. އަދި އެގޮތްތަކާ ޚިލާފަށް ވޯޓުގެ ކަންތައް ކުރިއަށް ގެންދަވަނީ ނަމަ ޖަލްސާގައި ނުތިއްބަވާނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ޖަލްސާ ދޫކުރައްވާ ނިކުމެ ވަޑައިގަތެވެ.

އޭގެ ތެރެއިން ފުރަތަ ނިކުމެ ވަޑައިގެންނެވި އދ އަތޮޅު މެންބަރ އިލިޔާސް ހުސައިން ވިދާޅުވީ ޤާނޫން އަސާސީއާ ޚިލާފަށް އަމަލުކުރާ ފީކުދާނަކަށް މަޖިލިސް ނުހެއްދެވުމަށާއި އެގޮތަށް ކަންތައް ކުރައްވާނަމަ މޭޒުމަތީގައި ބޫޓް ބަހައްޓާފައި ނިކުންނަވާނެ ކަމަށެވެ. އިލިޔާސް ހުސައިން ނިކުމެ ވަޑައިގަތީވެސް ބޫޓް މޭޒުމަތީގައި ބަހައްޓަވާފަ އެވެ. ނިކުމެވަޑައިގެންނެވި އަނެއް މެންބަރުންގެ ތެރޭގައި ލ އަތޮޅު މެންބަރ މޫސާ މަނިކު, ތ އަތޮޅު މެންބަރ ހުސައިން ރަޝީދު, ލ އަތޮޅު މެންބަރ މުހައްމަދު ނައީމް ދ އަތޮޅު މެންބަރ މުހައްމަދު ރިޔާޟް, ގދ އަތޮޅު މެންބަރ ޒާހިރު އާދަމް, އިބްރާހީމް މުހައްމަދު ސާލިޙް, ގއ އަތޮޅު މެންބަރ އަދުނާން ހަލީމް ހިމެނެއެވެ.

މީގެ އިތުރުން ރައީސް ކަމަށް ހުށަހެޅި ތާއީދު ލިބިފައިވާ ގއ އަތޮޅު މެންބަރ ޢަބްދުﷲ ޖާބިރު އޭނާގެ ނަން އަނބުރާ ގެންނަވާ ޤާނޫން އަސާސީއާ ޚިލާފަށް ނަގާ ވޯޓެއްގައި ބައިވެރިވާން ބޭނުންނުވާކަމަށް ވިދާޅުވެ ނިކުމެ ވަޑައިގެންނެވި އެވެ.

ޤާސިމް އިބްރާހީމަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަކު ހޮވުމަށް ފުރަތަމަ ނެގި ވޯޓުގައިވެސް ނަން ހުށަހެޅި ތާއީދު ލިބިފައިވާ މެންބަރެކެވެ. ނަމަވެސް އޭރު އެމަނިކުފާނު ހުންނެވީ މިހާރު ހުންނެވި ފިނޭންސް މިނިސްޓަރ ކަމުގެ މަޤާމުގައި އަދި ޑީއާރުޕީގެ ނައިބު ޒައީމްގެ މަޤާމަކު ނޫނެވެ. އަދި 2004ގެ އޮގަސްޓް ބާރަ ތޭރައާއި ގުޅިގެން ޤާސިމް ވަނީ ޖަލަށް ލެވިފައެވެ. އެދުވަސްވަރު ހިނގާ ދިޔަ ޖަލްސާތަކުގައި ޤާސިމަކީ ބާޣީއެއް ކަމަށާއި އެއީ ބާޣީންގެ ލީޑަރު ކަމަށާއި ޤާސިމްގެ މުދާތައް ސަރުކާރަށް ނެގުމަށް ބައެއް މެންބަރުން ވާހަކަދެއްކެވި އެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ މިއަދު ވޯޓު ދެއްވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން އަދި ޖުމްލަ ގޮތެއްގައި ޑީއާރުޕީގެ މެންބަރުންނެވެ.

ނަމަވެސް މިއަދު އެމެންބަރުން ވަނީ ޤާސިމަކީ ޤާބިލް އެކަމަށް ވަރަށް އެކަށޭނަ މީހެއް ކަމަށް ވިދާޅުވެ ވޯޓު ދެއްވާފައެވެ. އެދުވަހު ޤާސިމަށް ލިބިވަޑައިގަތީ އެންމެ 5 ވޯޓެވެ. ޤާސިމަކީ ރައީސް އިންތިޚާބު ކުރަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށް ވިދާޅުވެ އެނޫންގޮތަކަށް ވޯޓު ނަގާތި މަޖިލީހުން ނިކުމެ ވަޑައިގެން 26 މެންބަރުންގެ ތެރެއިން ފުރަތަމަ ނުކުތް މެންބަރެވެ. ނަމަވެސް މިއަދު ޤާސިމް އެމައްސަލައިގައި އެއްޗެކޭ ވިދާޅެއް ނުވެއެވެ.

ޤާސިމް ހޮވުމުގެ ކުރިން ދެގޮތަކަށް މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކެވިއެވެ. ޤާސިމް ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ޤާނޫން އަސާސީއާއި މަޖިލީހުގެ ޤަވާއިދާ އަދި މަޖިލީހުގެ ކޮމެޓީތަކުގެ ނިންމެވުމާ އެއްގޮތަށް ކަންތައްތައް ކުރައްވާނޭ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv