ހަ އަހަރު ކުއްޖަކާ އެކު ބަދުއަޚްލާގީ ގުޅުން ހިންގި ދޮންބައްޕައެއް 19 އެތިފަހަރުން ތައުޒީރު ކޮށް 3 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މަސްއޫދު ހިލްމީ ޑިސެންބަރު 31 2007، 19:23 0 ޚިޔާލު

ހަ އަހަރު ކުޑަ ކުއްޖަކާ އެކު ބަދުއަހުލާގީ ގުޅުން ހިންގި ދޮންބައްޕައެއް 19 އެތިފަހަރުން ތައުޒީރުކޮށް 3 އަހަރަށް ޖަލަށް ލުމަށް އޭނާގެ ގައިރު ހާޒިރުގައި މިއަދު ޖިނާއީ ކޯޓުން ހުކުމްކޮށްފި އެވެ.

މިއަދު ޖިނާއީ ކޯޓުން ހުކުމްކޮށްފައިވަނީ ޅ. ހިންނަވަރު, ސުޕަނައިޓު, އިބްރާހިމް މުހައްމަދުގެ މައްޗަށެވެ.

ޖިނާއީ ކޯޓުގެ ގާޒީ މުހައްމަދު މޫސާ އިއްވެވި ހުކުމްގައި ވަނީ އިބްރާހިމް މުހައްމަދުގެ މައްޗަށް ހުކުމް ކުރަނީ ދިވެހި ރާއްޖޭގެ ހެއްކާއި ބެހޭ ގާނޫނާ ހަވާލާދީ ޝަރީއަތް ކުރުމުގެ ގަވައިދުގެ 6 ވަނަ ފޮތުގެ 9 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

ހުކުމްގެ ބަޔާނުގައި ބުނެފައި ވަނީ މިއަދުވާއަށް އިބްރާހިމް މުހައްމަދު އިންކާރު ކުރި ނަމަވެސް އޭނާގެ ކުޑަ އަންހެންކުއްޖާގެ މަންމަގެ ބަޔާނުންނާއި މެޑިކަލް ރިޕޯޓުން ހުތުރުކަން ބޮޑު ބަދުއަހުލާގީ އަމަލު ހިންގާފައިވާކަން ސާބިތުވާތީ އޭނާގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.

ގާޒީ ވިދާޅުވީ އިބުރާހިމް މުހައްމަދު މައްޗަށް މިމައްސަލަ ކުރިއަށް މިގެންދަނީ އޭނާގެ ގައިރު ހާޒިރުގައި ކަމަށާ އެއީ އޭނާ ދީފައިވާ އެޑްރެހުގައި ނެތުމުގެ ސަބަބުންނާއި އޭނާ ހޯދުމަށް އިއުލާނުކޮށް އޭނާ ފެނިފައި ނުވާތީ ކަމަށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާއަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ކުއްޖާގެ މަންމަ އައިޝަތު ރަޝީދާ އޭނާގެ ކުޑަ ދަރިފުޅާ ހަވާލާދީ ބުނެފައިވަނީ ދޮންބެ (އިބްރާހިމް މުހައްމަދު) އެކުޑަ އަންހެންކުއްޖާގެ (ކަނޑާލާފައި) ބޮއެ, އެކުޑަކުއްޖާގެ (ކަނޑާލާފައި) ވެސް ބޮއެ ހަދާފައިވާ ކަމަށެވެ. އަދި މިފަދަ އަމަލު ދޮންބެ (އިބްރާހިމް މުހައްމަދު ) ވަރަށް ގިނައިން މިއަމަލު ހިންގާ ކަމަށާއި މިވާހަކަ ނުދެއްކުމަށް އޭނާ ބުނާ ކަމަށެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިބުރާހިމް މުހައްމަދު މިހާރު ވެސް ދިރިއުޅެމުން ދަނީ އައިޝަތު ރަޝީދާ އެއްގެއެއްގައެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުއްޖާގެ މަންމަ ކަންތައްތަކެއް ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv