

ފަސް ލައްކަ ރުފިޔާގެ މުދަލާއެކު ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ކޯސްޓް ގާޑުން ހުއްޓާލައިފި
ފަސްލައްކަ ރުފިޔާގެ މުދަލާއެކު އިއްޔެ ރޭ ކުރީ ކޮޅު ޅ. މަޑުއްވަރީ ފަރަށް އަރާ ފައިވާ ދޯނިން މުދަލާއި މީހުން ސަލާމަތް ކުރުމަށް ފަހު އެ ދޯނި ފުންކުރުމުގެ މަސައްކަތް ކޯސްޓްގާރޑުން ހުއްޓާލައިފި އެވެ.
ކޯސްޓްގާރޑުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މިހާރު އެ ދޯނީގައި ތިބި މީހުންނާއި މުދާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދަލާއެކު ޕާމްބީޗް ރިސޯޓްގެ ސަޕްލައި ދޯނި ފަރަށް އަރާފައިވަނީ އިއްޔެ ރޭ އިރާކޮޅު އައި ކޮޅިގަނޑެއްގައި ޅ. މަޑުއްވަރީ ނަމަކަށް ކިޔާ ފަރަކަށެވެ.
އިއްޔެ ރޭ ގާތްގަނޑަކަށް 7.30 އެހާކަންހާއިރު ‘’އޯޝަން’’ ނަމަކަށް ކިޔާ މިދޯނި ފަރަށް އެރުމުން ދޯނި ފުންކުރުމަށް ޓަކައި ދޯނީގައި ހުރި ޓިނާއި ގޭހާއި ތަރުކާރީ އާއި ތަށިމުށި ފަދަ ގިނަ އަދަދެއްގެ މުދާ ވަނީ މޫދަށް އުކާލާފައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެ އެވެ.
”ދޯނި ފުންކުރެވޭތޯ ބެލުމަށް ބައެއް ތަކެތި މޫދަށް އުކާ ވެސްލި. ނަމަވެސް އެވަރުން ވެސް ދޯނި ފުންނުވެގެން މިއުޅެނީ ދޯންޏަށް ވަނީ ވަރަށް ބޮޑަށްގެއްލުން ލިބިފައި. “ ފުހުން ވިދާޅުވި އެވެ.
ދޯނީގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކަށާއި ދޯނީގައި ހުރި މަދަލާއި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރި ވި ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިހާދިސާގައި ބަންގްލަދޭޝް މީހާ ދޯނީ ތެރެއަށް ވެއްޓި ކަކޫ ވަރަށްބޮޑަށް ކަފައިގެން ދިއުމާއި ގުޅިގެން އެ އަތޮޅު ކުރެންދޫ ޞިއްޙީ މަރުކަޒަށް ގެންގޮސް ހަލާކުވިތަން ފަހާ ހެދުމަށް ފަހު އިތުރަށް ފަރުވާދިނުމަށްޓަކައި ނައިފަރުގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލަށް އޭނާ ގެން ދެވިފައި ވެއެވެ.
މިހާދިސާގައި ގެއްލުންވި ފުލުހުންގެ މީހާގެ ބުމަމަތިން ދެ އިންޗިއެއްހާތަން ވަނީ ފަޅައިގެން ގޮސްފައި ކަމަށާއި އޭނާއަށް ވެސް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.