މޯލްޑިވް ގޭހުގެ ބިލްތަކަށް އައިޖީއެމްއެޗުން ފައިސާ ނުދައްކައިގެން މެޑިކަލް އޮކްސިޖަން ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފި

މުހައްމަދު ރަފީއު ޑިސެންބަރު 26 2007، 17:41 4 ޚިޔާލު

މޯލްޑިވް ގޭހުގެ ބިލްތަކަށް އައިޖީއެމްއެޗުން ފައިސާ ނުދައްކައިގެން މެޑިކަލް އޮކްސިޖަން ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް އިތުބާރު ހުރި ގޮތެއްގައި ޖަޒީރާއަށް މައުލޫމާތު ލިބިއްޖެ އެވެ.

މޯލްޑިވް ގޭހުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ދެ މިލިއަން ރުފިޔާއަށް އަރާކަަމަށް ވެ އެވެ. މިއީ މިއަހަރުގެ ތެރޭގައި ފޮނުވާފައިވާ ބިލްތަކަށް ވާ ފައިސާގެ ޖުމްލަ އެވެ.

މޯލްޑިވްސްގެ ގޭހުން ބުނީ އައިޖީއެމްއެޗުން ރިކްއެސްޓްކުރާ ވަރަކަށް މެޑިކަލް އޮކްސިޖަން ދޫކުރަމުން ގެންދާ ކަމަށާއި, ފައިސާގެ މައްސަލައަކާހުރެ އޮކްސިޖަން ދޫކުރާ މިންވަރު މަދުކޮށްފައި ނުވާ ކަމަށެވެ.

” އެއީ ވެސް ސަރުކާރުގެ ތަނެއް. ބިލްތަކަށް ލިބެންޖެހޭ ފައިސާ ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. އެހެން ކަމަށް ވާނަމަ އެކްސިޖަން ދޫނުކޮށް ހިފަހައްޓަންޖެހޭ ސަބަބެއް ނެތް. އެހެން ނޫނަސް އޮކްސިޖަން ދޫނުކޮށް ވެސް ވާކަށް ނޯންނާނެ“ މޯލްޑިވްސް ގޭހުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ އިސްވެރިއެއްގެ ބަހެއް ހޯދުމަށް ނޫސް ޗާޕަށް ދިޔައިރުވެސް ވަނީ ގުޅޭ ގޮތް ނުވެފަ އެވެ.

ބިލްތަކަށް ފައިސާ ނުދެއްކުމާ ގުޅިގެން, ދެ ދުވަހުން އެއްދުވަހު ސަތޭކަ ފުޅި އޮކްސިޖަން އައިޖީއެމްއެޗަށް ދޫކުރާއިރު, ހޯމަ ދުވަހާއި އަންގާރަ ދުވަހު ދޫކޮށްފައި ވަނީ އެންމެ ވިހި ފުޅި އެވެ.

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެޑިކަލް އޮކްސިޖަންގެ ގޮތުގައި 50 ފުޅި އޮކްސިޖަން ދުވާލެއްގެ މައްޗަށް އެ ހޮސްޕިޓަލަށް ބޭނުންވެ އެވެ.

” އިއްޔެއާ އޭގެ ކުރީ ދުވަހު ދޫކުރީ ދުވަލަކަށް އެންމެ ވިހި ފުޅި, އޮކްސިޖަން ހޯދަން މިއަދު މިތަނަށް ގުޅުމުން މޯލްޑިވް ގޭހުން ބުނެފައި ވަނީ ބިލްތަކުގެ ކަންތައް ވަކިގޮތަކަށް ނުނިންމަނީސް ދޫނުކުރަން އަންގާފައިވާ ކަމަށް“ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ބުންޏެވެ.

މޯލްޑިވްސް ގޭހުން ހަ ސައިޒެއްގެ މެޑިކަލް އޮކްސިޖަން ފުޅި ވިއްކަމުން ދެ އެވެ. ތިން ލީޓަރުގެ އެންމެ ކުދި ފުޅި ވިއްކަމުން ދަނީ 150 ރުފިޔާ އަށެވެ. 46.6 ލީޓަރުގެ އެންމެ ބޮޑެތި ފުޅި ވިއްކަނީ 556 ރުފިޔާ އަށެވެ.

އައިޖީއެމްއެޗްގެ އިތުރަށް އެހެން ފަރާތްތަކަށް ވެސް މޯލްޑިވްސް ގޭހުން ދަނީ މެޑިކަލް އޮކްސިޖަން ވިއްކަމުންނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ދެން މިހާރުތިވީ މާރަގަޅު ގޮތެކެވެ. އެސްޓީއޯއިން ގަނެފައި 20% ލާފައި އައި.ޖީ.އެމް.އެޗަށް ވިއްކީމަ ނިމުނީއެވެ.

    ބުދަ، ޑިސެންބަރު 26 2007، 18:39
  2. މިއީ މިޒަމާނުގެ ކުންފުނިތަކުން ކުރާވަރަށްވުރެ އެތިކަލީ ވިޔާނުދާ ކަމެކެވެ.

    ބުދަ، ޑިސެންބަރު 26 2007، 20:02
  3. މޯލްޑިވް ގޭހަކީ ވަކިބަޔަކަށް ފައިދާވާގޮތަށް ހެދިފައިވާ ކުންފުންޏެއްކަމުން، އެކުންފުންޏަށް އެފަރާތްތަކުގެ ބާރު ފޯރުވައިގެން މިކަންތައް ވަނީ މިގޮތަށް ހަމަޖައްސާފައެވެ. ކޮންކަމެއްތޯ، އޮކްސިޖަން ނުލިގެން މަރުވާނީ ދިވެހި ނިކަމެތި ރައްޔިތުން. އެމީހުންގެ މީހުން ބޭނުންކުރަން އޮކްސިޖަން ހިލޭ ވެސް ލިބޭނެ. ކޮންމެ ކަމެއްގައިވެސް ތިމާމެންގެ ބޮކިބޮޑުވޭތޯ މިއުޅެނީ.

    ބުރާސްފަތި، ޑިސެންބަރު 27 2007، 10:32
  4. މޯލްޑިވްގޭހުގެ މިއަމަލުން ދައްކުވައިދެނީ އެކުންފުނި އިޖުތިމާއީ ގޮތުން ޒިންމާދާރު ނުވާކަމެވެ.

    ބުރާސްފަތި، ޑިސެންބަރު 27 2007، 17:22
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv