
ޖަވާބުދާރީވުން ލާޒިމްކުރާ ސަރުކާރެއް ގާއިމްކުރަން މަސައްކަތް ކުރާނަން: ޔާމީން
ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވުން ސަރުކާރަށް ލާޒިމްކުރާނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށް ޕީއޭއިން މަސައްކަތް ކުރާނެ ކަމުގައި ޕީޕަލްސް އެސޯސީއޭޝަން(ޕީއޭ) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ޕީއޭގެ ރައީސަކަށް އޭނާ ހޮވުމާ ގުޅިގެން އެ އެސޯސީއޭޝަންގެ މެމްބަރުންނާ ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ދާދި ފަހުން މިނިސްޓަރ އޮފްހަޔަރ އެޑިއުކޭޝަން އެންޕްލޯއީމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމުން ވަކިވެވަޑައިގެންނެވި އަބްދުﷲ ޔާމީން ވިދާޅުވީ ރައްޔިތުންނަށް ޖަބާދާރީވާނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރެވޭނީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ކަމަށާއި އެ އަމާޒަށް ވާސިލް ވުމަށްޓަކައި ޕިއޭއަށް ނިސްބަތްވާ ދެ މަޖިލީހުގެ މެމްބަރުން ވަރަށް ސާބިތުކަމާއެކު މަޖިލީހުގައި ވަކާލާތު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެސޯސިއޭޝަނުގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކޮންމެ ބަޔަކާވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ޔާމީން ދެއްވި އެވެ.
ޔާމީން ވިދާޅުވީ ޕީޕަލްސް އެސޯސޯއޭޝަން ގަބޫލުކުރާ ގޮތުގައި ދިވެހި ގައުމަށް ދިވެހިރައްޔިތުން އެދޭފަދަ ބަދަލެއް ގެނެވޭނީ ތައުލީމާ ތަރުބިއްޔަތާއި އެކަށީގެންވާ އާމްދަނީއެއް ހޯދައިދެވުމާއެކު, މީހުން ވެސް ބިނާކުރެވިގެން ކަމަށެވެ. މިއީ ސަރުކާރަށް މަޖުބޫރުވެފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
” ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ލިބޭ އެއްޗަކުން ދެކޮޅުޖެއްސައިގެން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ވިސްނުންތެރިކަމާއި ރޭވުންތެރިކަމަކަށް މިއަދު މިވަނީ ބޭނުންވެފައި. މިދުވަސްވަރު ތެލާއި ތަކެތީގެ އަގު މައްޗަށް ދަނީ އެއްވެސް ކޮންޓްރޯލެއް ނެތި. މިކަންތައްތައްތަކަށް ހައްލެއް ހޯދައި ދިނުމަށްޓަކައި, ފުދުންތެރި ދިރިއުޅުމެއް ދިވެހި އާއިލާތަކަށް ހޯދައި ދިނުމަށްޓަކައި ދިވެހި ރައްޔިތުންނަށް މަސައްކަތް ކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް“ މާފަންނު މަދަރުސާގެ ޖަލްސާ ކުރާ މާލަމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިއޮތީ އިސްލާހީ ބަދަލުތަކެއްގެ ކުރިމަތީގައި ކަމަށާއި ސިޔާސީގޮތުންނާއި އިގްތިޞާދީ, އިޖްތިމާއީ އަދި އުމްރާނީ ގޮތުންނާއި ވިސްނުމަށާއި ފިކުރުތަކަށް ވެސް އެ ބަދަލު އަންނަމުންދާ ކަމަށާއި މިއަދު މިއޮތީ އެކަންތައްތަކާ މެދު ގޮތެއް ނިންމުމުގެ މަގުމަތީގައި ކަމަށެވެ.
” އަޅުގަނޑުމެން ދެކޭގޮތުގައި ދިވެހިރާއްޖެ ކުޑަ ގައުމަކަށް މިފަދަ ބަދަލުތަކެއްގެ އޮއިވަރުގެ ތެރޭގައި ރައްޔިތުންގެ ވިންދާއި އިހުސާސްތައް ދެނެގަނެ މަސައްކަތް ކުރާނެ މިފަދަ ޖަމާއަތެއްގެ ބޭނުންތެރިކަން ބޮޑު. ޕީޕަލްސް އެސޯސިއޭޝަން ނަމަކަށް ޚިޔާރު ކުރީވެސް ދިވެހިރައްޔިތުންގެ ހައްގުގައި ދިވެހިރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމުގެ މަގްޞަދުގައި އުފައްދާފައިވާ ޖަމާއަތަކަށް ވާތީ“ ޔާމިން ވިދާޅުވި އެވެ.
މިނިސްޓަރުކަމުން ވަކިވެވަޑައިގަތުމަށްފަހު, ފުރަތަމަ ފަހަރަށް ބަޔަކާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ޔާމީން ވިދާޅުވީ ޕީޕަލްސް އެސޯސީއޭޝަންގެ މުހިއްމު އެއް އަމާޒަކީ ކޮންމެ ރައްޔިތަކަށް ވެސް ދިރިއުޅުމުގެ ފަސޭހަކަމާއި އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ބާރުއެޅުމެވެ. އަދި ރަށްތަކުގެ މެދުގައި ތަރައްގީއަށް އެޅިފައިވާ ހުރަސްތައް ނައްތާލާ އަޅުގަނޑުމެންގެ މެދުގައިވާ ބީރައްޓެހިކަން ނައްތާލުމެވެ. ދިވެހިރައްޔިތުންނަކީ އެކަކު އަނެކަކަށް އިޙްތިރާމް ކުރާ ތަހުޒީބީ ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމެވެ. އިންސާނީހައްގުތަކާއި މަދަނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ގާނުނީ ގޮތުން މީހުން ހޭލުންތެރި ކުރުވައި ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންތައްތައް ކުރުމުގެ ސުލޫކު ދިވެހިންގެ މެދުގައި އަށަގެންނެވުމަށް މަސައްކަތް ލުރުން ކަމަށެވެ. ރައީސް ކަމުގެ މަގާމަށް ހަމައެކެނި ކުރިމަތި ލެއްވި ޔާމީން އެމަގާމަށް ހޮވިވަޑައިގަތީ މާފަންނު މަދަރުސާގައި ބޭއްވި އެ ޖަމްއިއްޔާގެ އިންތިޚާބީ ޖަލްސާއަށް ހާޒިރުވި 195 މެމްބަރުންގެ ތެރެއިން 177 މެމްބަރުން ވޯޓް ދެއްވައިގެންނެވެ. ނާއިބް ރައީސްކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގަތީވެސް އެ ދެމަގާމަށް ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅު މެމްބަރު އަބްދުﷲ ޖާބިރާއި މ. އަތޮޅު މެމްބަރު އަހުމަދު ނާޒިމެވެ. ޖާބިރަށް 173 މެމްބަރުން ވޯޓް ދެއްވި އިރު ނާޒިމަށް ވޯޓް ދެއްވީ 162 މެމްބަރުންނެވެ.
ހިންގާކޮމިޓީއަށް އިތުރު 12 މެމްބަރުން ވެސް އައްޔަން ކުރި އެވެ. 16 މެމްބަރުން ހިންގާކޮމިޓީއަށް ކުރިމަތި ލި ނަމަވެސް އެންމެފަހު ވަގުތުގައި ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންދެވާފައިވެ އެވެ. ހިންގާކޮމިޓީއަށް އިންތިޚާބު ކުރެއްވި 12 ބޭފުޅުންނަކީ މުހައްމަދު ސަލީމް ގ. ރޭނިސް, އަޙްމަދު އަންވަރު މ ބްލޫސްޓޯން, ޙާއްސަ މަޖުލީހުގެ މ. އަތޮޅު މެންބަރު އަޙްމަދު ސުލައިމާން, މަޢުރޫފް އަޙްމަދު ( މާއްޓޭ ) މުޙަންމަދު ނަޢީމް މ. ވެލިދޫގެ, ހިޔަލީ މުޙައްމަދު ރަޝީދު އަރާއިރު, ރައްޔިތުންގެ މަޖުލީހުގެ ހއ އަތޮޅު މެންބަރު ޖަޢުފަރު ޢީސާ އާދަމް, ރައްޔިތުން މަޖުލީހުގެ ޅ. އަތޮޅު މެންބަރު އަހުމަދު މުޙައްމަދު, ހާއްސަ މަޖުލީހުގެ ފ. އަތޮޅު މެންބަރު އިބްރާހީމް އަޙްމަދު, ރައްޔިތުން މަޖުލީހުގެ ގދ. އަތޮޅު މެންބަރު ޒާހިރު އާދަމް, އަޙްމަދު ޒުހޫރު މުޙައްމަދު ޙުސައިން ހ. މާބަނޑޭރިއާގެ, މުހައްމަދު ފަހްމީ ޙަސަން, ގ. ކޮއްކިރި އެވެ.