
ދޫމް 2 އިންޓަނޭޝަނަލް ފެސްޓިވަލަކަށް ނޮމިނޭޓްވެއްޖެ
ބޮލީވުޑްގައި ބޮޑު މަގްބޫލުކަމެއް ހޯދި ދޫމް 2 އިންޓަނޭޝަނަލް ފިލްމް ޓައުރަސް ވޯލްޑް ސްޓަންޓް އެވޯޑަށް ނޮމިނޭޓްވެއްޖެ އެވެ.
އައިސްވާރިއާ އާއި އަބީޝެކް ބައްޗަށް އަދި ރިތިކް ރޯޝަން މުހިއްމު ބައިތައް އަދާކޮށްފައިވާ ތަފާތު ސްޓައިލަކަށް ހަދާފައިވާ ފިލުމަކީ މި އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ އިންޑިއާ ފިލުމެވެ. ފިލުމުގެ ޑައިރެކްޓަރަށްވަނީ އެވޯޑް ދިނުމުގެ ޙަފްލާއަށްވެސް ދައުވަތު ދީފައެވެ. އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 20 ގައި ލޮސް އެންޖަލިސްގައެވެ.
ދޫމް 2 އާއި ވާދަކުރާ އެހެން ފިލުމުތަކުގެ ތެރޭގައި އެމް ތާޓީން, ކަސީނޯ ރޯޔަލީ, ޑެޖާވޫ އަދި ފާސްޓް އެންޑް ފިއުރިސް 3 ހިމެނެއެވެ.
ދޫމް 2 އަކީ ހިންދީ ފިލުމުތަކުގައި އާއްމުކޮށް ފެންނަ ކަންތައްތަކާ ތަފާތު އެކްޝަން ތަކެއް ދައްކުވާދީފައިވާ ފިލުމެކެވެ. މި ފިލުމުގައި ފެނިގެން ދަނީ ވަގެއްގެ ބައި އަދާކުރާ ރިތިކް އަތުލުމަށް އަބީޝެކް އާއި އޭނާގެ ބައިވެރިން ކުރަމުންދާ މަސައްކަތެވެ.