އެއަރ މޯލްޑިވްސް މައްސަލާގައި އެއްވެސް ދިވެއްސަކު އިހުމާލުވެފައެއް ނެތް: އާޒިމާ

ޑިސެންބަރު 9 2007، 17:47 0 ޚިޔާލު

އަހުމަދު މުހްސިން އަދި މަސްއޫދު ހިލްމީ

މީގެ އަހަރުތަކެއް ކުރިން ގައުމީ އެއަރ ލައިނެއްގެ ގޮތުގައި އޮތް ”އެއަރމޯލްޑިވްސް“ ބަގުރޫޓުވުމުގެ މައްސަލާގައި އެއްވެސް ދިވެއްސަކު އިހުމާލުވެފައި ނުވާ ކަމަށް ދައުލަތުގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ މިހާރު ސިންގަޕޫރުގައި ހުންނަ ބައިނަލުއަގުވާމީ ކޯޓަށް ހުށަހަޅާފައިވާ މިމައްސަލާގައި އެއްވެސް ދިވެހި ޑިރެކްޓަރަކު އިހުމާލުވެފައިނުވާ ކަމަށެވެ.

” އަޅުގަނޑުމެން އެމައްސަލާގައި އިހުމާލުވެފައިވާކަން ގަބޫލުނުކުރާތީނޫންތޯ އަޅުގަނޑުމެން އެމައްސަލަ ކޯޓަށް ހުށަހަޅާފައި މިވަނީ“ އާޒިމާ ވިދާޅުވި އެވެ.

ދިވެހި އެއްވެސް މީހެއްގެ އިހުމާލު އޭގައި ވެފައި ނުވާކަމަށް އާޒިމާ ވިދާޅުވި ނަމަވެސް އާބިޓްރޭޝަން އުސޫލުން މެލޭޝިޔާ ސަރުކާރާ ދިވެހިސަރުކާރާ ދެމެދު އެކަމާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށް އާޒިމާ އެއްބަސްވެވަޑައިގެންނެވި އެވެ. ” ދެސަރުކާރުގެ ދެމެދުގައި ވާހަކަދެއްކުމަށް މައްސަލަ މިވަނީ ތިން މަސްދުވަހަށް ހުއްޓާލާފައި.“ އާޒިމާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ ދިވެހިސަރުކާރުން މައްސަލަ އަނބުރާ ނުގެންނާނެ ކަމަށާ އެމައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv