

ހުއްދަ ނެތި ޓެލެވިޝަން މޯލްޑިވްސްގައި ދީނީ މައުޟޫއުތަކަށް ޓެލެވިޒަން މޯލްޑިވްސް މެދުވެރިކޮށް ވާހަކަ ނުދެއްކުމަށް ޑރ. އަފްރާޝީމް އަލީއަށް އަންގަވާފައި ވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލީހުން ބުނެފި އެވެ.
މަތީ މަޖުލީހުގެ ޑިރެކްޓަރ ޑރ.އަބުދުލް މަޖީދު އަބުދުލް ބާރީ ވިދާޅުވީ ޑރ.އަފްރާޝީމަށް އަދި ހުއްދަ ދޫކުރެވިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ބައެއް ފަހަރަށް ޓީވީން ދީނީ މައުޟޫއަށް ވާހަކަދައްކާތީ ގެނެސްގެން އެގޮތަށް ހުއްދަ ނެތި ވާހަކަ ނުދެއްކުމަށް އަންގާފައިވާ ކަމަށެވެ.
” އަޅުގަނޑަށް އެނގިގެން މަޖުލީހުގެ ރައީސް ވަނީ ޑރ.އަފްރާޝީމް ގެންނަވާ އެގޮތަށް ޓީވީން ވާހަކަ ނުދެއްކުމަށް އަންގާފައި. އަޅުގަނޑަށް ހީވަނީ ޓީވީން އޭނާއަށް ސަޕޯޓް ދީގެން ކުރުވާ ކަމެއްހެން ތިއީ“ ޑރ. މަޖީދު ވިދާޅުވި އެވެ.
ޓީވީން ބުނީ ދީނީ ޕްރޮގްރާމެއް ކަމަށްވާ ”ވިސްނާލާއިރު“ ޑރ.އަފްރާޝީމް އަރުވަނީ ދީނީ މައުޟޫއުތަކަށް ޑިސްކަސް ކުރުމަށް ކަމަށެވެ. އަދި ޑރ.އަފްރާޝީމް އަތުގައި ޕީއެޗްޑީއެއް އޮތުމުން އެއީ ވާހަކަދެކެވޭ ފެންވަރުގެ އެއްޗެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
” ޑރ.އަފްރާޝީމް އަރުވަނީ ދީނީ ފަތުވާއެއް ދިނުމަކަށް ނޫން. އަދި ދީނީ ނަސޭހަތެއް ދިނުމަކަށްވެސް ނޫން, އެއީ ޑިސްކަޝަން ސެޝަނެއް. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އޭނާއަށް ވާހަކަދެއްކުމުގެ ހުއްދަ އެބައޮތް“ ޓީވީއެމްގެ ސީއީއޯ އަލީ ޚާލިދު ވިދާޅުވި އެވެ.
ހުއްދަ ނެތި ބައެއް އާންމު ތަންތަނުގައި ދީނީ ނަސޭހަތްދޭ ކަމަށް ބުނެ އިބުރާހިމް ފަރީދު ހައްޔަރު ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ފުލުހުންނަށް އަންގާފައި ވެއެވެ.
ދީނީ ނަސޭހަތް ނުވަތަ ފަތުވާ ދިނުމާއި ދީނީ މައުޟޫއަކަށް ބަހުސް ކުރުމުގައި ހުރީ ކޮންތަފާތެއްހެއްޔެވެ؟ ފިޤްހީ މައްސަލައެއްގެ ފަތުވާ ނެރެ ހުކުމް ތައް ބަޔާންކޮށް ހެދޭނީ ދީނީ ތައުލީމް ރަނގަޅަށް އެނގިގެން ހުރި މީހަކަށެވެ. އެހެންނަމަވެސް ދީނީ މައުޟޫއަކަށް ބަހުސް ކުރުމަށްޓަކައި ކޮންމެހެން ދީނީ ތައުލީމުން މަތީ ފާސްތަކެއް ހޯދާކަށް ނުޖެހެއެވެ. ޖަޒީރާ ނޫހުގެ ގިނަ ހަބަރުތަކުގެ ފަހު ޕެރެގްރާފާއި މެދު ވިސްނާލަންޖެހެއެވެ. މިހަބަރުގައިވެސް ހަބަރު ގެނެސްދީފައިވާ ގޮތް ރަނގަޅެވެ. ޝަރީއަތް ހިނގަމުންދާ މީހެއްގެ ވާހަގަ ހަބަރު ނިމޭ ހިސާބުގައި ގެނެސްދީފައިވަނީ ކޮން މަގްސަދެއްގައިބާވައެވެ. އަފްރާޝީމް ވެސް ހައްޔަރު ކުރަންޖެހޭނެ ކަމަށް ބުނުމުގެ ބަދަލުގައި ލިޔެފައިވާ އެއްޗެއްކަމަށް ދޭހަވެއެވެ. މިއީ ނޫސްވެރިކަމުގައި ގެންގުޅެންވާނެ އުސޫލެއްނޫނެވެ. އެހެނީ ނޫސްވެރިން ހަބަރުތައް ގެނެސްދޭނީ ވަކި ހާއްސަ ކަމަކަށް ޓާގެޓްކޮށް އެކަމެއް ހިނގާދިޔަ ގޮތް ވީހާވެސް ހަމަހަމަ ކޮށް (ދެފަރާތުގެ ވާހަކަވެސް ހޯދައިގެން) ނޫސްވެރިޔާގެ އަމިއްލަ ހިޔާލު ނުގނެސްދީއެވެ. ދެން ކުރިން ހިގާފަ އޮތް ކަމެއް ގެނެސްދޭއިރު މި ހަބަރާއި ގުޅުވައިގެން ގެނެސްދިނުމަކީ މުހިއްމުކަމެކެވެ.
ޑރ. މަޖީދުވެސް ސާބިތު ނުހިފޭ ވާހަކަތައް ދައްކަވަން ފެށީތޯއެވެ؟ "އަޅުގަނޑަށް ހީވަނީ ޓީވީން އޭނާއަށް ސަޕޯޓް ދީގެން ކުރުވާ ކަމެއްހެން ތިއީ" ޑރ މަޖީދު ވިދާޅުވެފައިވެއެވެ. އަޅުގަނޑުވެސް ޑރ މަޖީދަށް ދޭންވެފައިވާ ނަސޭހަތެއް އެބަ އޮތެވެ. އެއީ "ހަމަކަށަވަރުން ތިޔަބައިމީހުން ހީކުރާ ގިނަ ހީތަކަކީ ކުށްހީތަކެކެވެ"