ރައްޔިތުންގެ މަޖިލީހަށް މޮޅީގެ ސާލެއް
ބުނާތީ އަޑު އަހަމެވެ. ޤައުމުތަކުގެ އެންމެ އިސްތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ލިޔެފައި އޮންނާތީ ދެކެމެވެ. ވެރިކަން ހިންގަންވީ ގޮތް ބުނެދޭނީ ޤާނޫން އަސާސީއެވެ. އެއެއްޗެއް ހަދާ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް މިހާރު ކަމުނުގޮސްގެން އުޅޭ ޤާނުން އަސާސީގައިވެސް އޮވެއެވެ.ރާއްޖޭގައިވެސް ކަން ހިނގަން އޮންނަނީ މިހެންނެވެ. އަސާސީގައިވެސް އޮތީ މިހެންނެވެ. އެކަމަކު........... ވަނީކީ މިހެނެއް ނޫނެވެ.
ކަމުނުގޮސްގެން އުޅޭ މަޝްހޫރު 17 އަހަރުދުވަހުގެ ޤާނޫން އަސާސީން އެމަޖިލިސް އެކުލަވާލާފައި އޮތްގޮތުން އެމަޖިލީހެކޭ ރަބަރު ތައްގަނޑެކޭ އެއްހަމަކަމަށް ގިނަބަޔަކު އައީ ސިފަކުރަމުންނެވެ. އެއީ އެއްވެސް ބާރެއް ހުރި ތަނެއް ނޫންކަމަށް އައީ ބުނަމުންނެވެ. އެއީ ތެދެއް ނަމަވެސް އަދި ދޮގަކަށްވިޔަސް އެނގޭ ހަޤީގަތެއް އެބައޮތެވެ. އާއްމުންނަށް ރައްޔިތުންގެ މަޖިލިސް އެނގެން ފެށީ ވަރަށް ފަހުންކަމެވެ. ވަޒީރުންނާ ސުވާލުކުރުމާއި އެކިއެކި ކަންކަމުގައި ސަރުކާރަށް ފާޑު ކިޔައި ގޯސްކޮށް ކޮށްފައި ހުރި ކަންތައްތައް ފަލަކުރަމުން އަންނަން ފެށީ ދާދި އިހަށް ދުވަހުއެވެ.
އެހެންކަމުން 29 އަހަރު ދުވަސްވަންދެން ވެރިކަން ކުރަމުން އައި ސަރުކާރަކަށް މިއީކީ ހަޖަމު ކުރެވެނޭ ކަމަކަށް ނުވިއެވެ. ނަމަވެސް އިތުރުގޮތެއް ހެދޭކަށް ނެތެވެ. މެންބަރުންގެ ބިރު ކެނޑިއްޖެއެވެ. ރައްޔިތުންނަށް ތަންދޮރު އޮޅުން ފިލަން ފަށައިފިއެވެ. ބޭރު ދުނިޔޭގެ ލޯތައް އަމާޒުވެއްޖެ އެވެ.
މިސަބަށްބަށްޓަކައި އާޤާނޫން އަސާސީގެ ދަށުން އެކުލެވޭ ރައްޔިތުންގެ މަޖިލީހަށް ހިންދަމާލެވޭނެގޮތެއް ވިއަ ނުދިނުމަށްޓަކައި ބައެއް މެންބަރުން ކަށިން ހިތްވަރު ނެރެގެން އެތިބީ ފައިވިއްދާފަ އެވެ. މަޖިލީހުގެ ގިނަ މެންބަރުން އެކަމުގެ އިނގިލި ދިއްކުރަނީ ސަރުކާރަށެވެ. ޚާއްޞަ މަޖިލީހަށް އައްޔަން ކޮށްފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުންނާ ދިމާލަށެވެ.
އެމެންބަރުންނާ ދިމާލަށް އިނގިލި ދިއްކުރެވިދާނެ ސަބަބެއް އޮތްކަމަށް ބެލެވެއެވެ. އާޤާނޫން އަސާސީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ބިލުގައިވާ އެންމެ މުހިއްމު މާއްދާތައް ފޭލްކޮށްލުމުގައި އެމެންބަރުންގެ ހިއްސާ ބޮޑުކަމެވެ.
ޤާނޫން އަސާސީގެ މައްދާތައް ޑްރާފްޓްކޮށްގެން ގެންނަނީ ބޭރުގެ ތަޖްރިބާ ކާރެއްގެ ލަފަޔާއި ޤާނޫނީ ވަކީލުންގެ ކޮމެޓީއެއްގެ ލަފަޔާއެކު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ކޮންމެ އަތޮޅަކުން މެންބަރަކާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިއްބަވާ މެންބަރުންގެ ތެރެއިން ހޮވާލެވޭ ބޮޑު ކޮމެޓީއަކުންނެވެ. އެތައް ފަހަރަކު ބަހުސްކޮށް އެކިގޮތްގޮތަށް އަޅާކިޔާ ހެދުމަށް ފަހުގައެވެ.
ޑްރާފްޓަކީ އެންމެ މޮޅު އެއްޗަކަށް ވާކަށް ނުޖެހެއެވެ. އެކަމަށްޓަކައި އެޑްރާފްޓަށް އިސްލާހް ހުށަހެޅުމުގެ ފުރުސަތު ދެއެވެ. އެއިސްލާހްތަކާމެދު ވާހަކަ ދެއްކުމަށް ނުރަސްމީ ބައްދަލުވުންތައް ބާއްވައެވެ. މަޖިލީހުގެ ތަޅަމަށް ގެންނަނީ މިހުރިހާ މަރުހަލާއަށް ފަހުގަ އެވެ.
އެކަމަކު ވާގޮތް އެނގޭހެއްޔެވެ. އެންމެ މުހިއްމު މައްދާތަކަށް ހުށަހެޅޭ އިސްލާހެއް ފާހެއް ނުވެއެވެ. އިސްލާހް ފާސްނުވާތާގައި ޑްރާފްޓްވެސް ފާހެއް ނުވެއެވެ. މީދެން އަޖައިބު ވާވަރުގެ ކަމެއް ނޫން ހެއްޔެވެ؟ އިސްލާހެއް ހުށަހަޅަނާކީ ނޫނެވެ. ހުށަހެޅޭ އިސްލާހަކަށް ތާއީދުކުރަނީކީ ނޫނެވެ. ޑްރާފްޓްގައި އޮތްގޮތަށްވެސް ވޯޓު ދެނީކީ ނޫނެވެ. ޑްރާފްޓްގައި އޮތްގޮތް ކަމުނުދަނީ ކީއްވެކަމެއް ބުނަނީކީއެއް ނޫނެވެ. މިކުޅިގަނޑު އެންމެބޮޑަށް ކުޅެނީ ވަޒީރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާބުގައި ހިމެނޭ 36 މާއްދާގެ ތެރެއިން 15 މާއްދާއެއް ވަނީ އެއްވެސް އިސްލާހެއްވެސް އަދި ޑްރާފްޓްގައި އޮތްގޮތަށްވެސް ފާސްނުވެފައެވެ. މިމާއްދާތައް ފާސްނުވުމުން ބަހުސަށް ހުޅުވާލުމުން ވާހަކަދެއްކެވި ގިނަ މެންބަރުން ވިދާޅުވީ ޑްރާފްޓް ކަމުނުދާނަމަ އިސްލާހް ހުށަނާޅުއްވާ އަދި އިސްލާހަކަށް ތާއީދު ނުކުރައްވާ މާއްދާއާ ބެހޭގޮތުން ވާހަކަވެސް ނުދައްކަވާ މިމާއްދާތައް ސަރުކާރާއި ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ޚާއްޞަކޮށް ވަޒީރުން މިމާއްދާތައް ފޭލްކޮށްލެއްވީ ކަމަށެވެ.
އަދި ދެން ޑްރާފްޓްގައި ލިޔާނެގޮތެއް ނެނގޭ ކަމަށާއި ވޯޓު ދެއްވި މެންބަރުން އޭގައި ލިޔަންވީގޮތް ބުނެދޭން ޖެހޭނެ ކަމުގައި ވާހަކަދެއްކެވި މެންބަރުން ވިދާޅުވިއެވެ. ނަމަވެސް މުހައްމަދު ނަޝީދު ފިޔަވައި ވަޒީރުންގެ މަޖިލީހުން އެއްވެސް މެންބަރަކު ވާހަކައެއް ނުދައްކަވަ އެވެ.
މިބާބުގެ 30 ވަނަ މާއްދާއަކީ ވަޒީރުންނާ ސުވާލު ކުރުމާ ބެހޭ މާއްދާއެވެ. މިމާއްދާގެ ޑްރާފްޓްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއަކަށް ވަޒީރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މީހަކު ޙާޟިރުވުމަށާއި, ހުވާކޮށްގެން ހުރެ, އެމީހަކާ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމަށާއި, ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެމީހަކަށް އެންގިދާނެ ކަމަށެވެ. އަދި އެފަރާތްތަކާ ސުވާލުކުރުމުގެ ޙައްޤު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްމެ ލިބިގެންވާ ކަމަށާއި އެ ސުވާލުތަކާއި އެސުވާލުތަކަށް ދޭ ޖަވާބުތައް ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން ކަންތައްތައް ވެސް ޝާއިޢުކުރާ ފަދައިން ޢާއްމުކޮށް ޝާއިޢުކުރާން ވާނެ ކަމަށެވެ.
މިމާއްދާގެ )ހ( އަށް ރައީސުލް ޖުމްހޫރިއްޔާގެ މެންބަރ އާޒިމަ ޝުކޫރު ހުށަހެޅުއްވި އިސްލާހަށް ވޯޓަކަށް އެއްސެވުމުން ފާސްވެފައެއް ނުވެއެވެ. މިއިސްލާހަކީ އެއާ ދެކޮޅަށް ވަރަށް ގިނަ މެންބަރުން ނުރުހުން ފާޅުކުރެއްވި އިސްލާހެކެވެ. ވަޑައިގެން ތިއްބެވި ހުރިހާ ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުން ތާއީދުކޮށް ވޯޓު ދެއްވި މިއިސްލާހަށް ލިބުނީ 43 ވޯޓެވެ. މިއަކުރުގެ ޑްރާފްޓަށް ވޯޓަށް އެއްސެވުމުން ލިބުނީ 38 ވޯޓެވެ. ވަޑައިގެން ތިއްބެވި އެއްވެސް ވަޒީރަކު އަދި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް މެންބަރަކު ފެނިވަޑައިގަންނަވާކަމަކަށް ވޯޓެއް ނުދެއްވައެވެ. އަދި ބައެއް މެންބަރުން ފެނިވަޑައި ނުގަންނަވާކަމަށްވެސް ވޯޓު ދެއްވިއެވެ.
މިބާބުގެ 31 ވަނަ މާއްދާއަކީ މަޖިލީހަށް މީހުން ހާޒިރު ކުރުމާ ބެހޭ މާއްދާއެވެ. މިމާއްދާގެ ޑްރާފްޓްގައި ވަނީ ކޮންމެ މީހަކަށްމެ, ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ޙާޟިރުވެ, ހުވާކޮށްގެން ހުރެ, ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމާއި, ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ރިޕޯޓްކުރުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމާއި މުއައްސަސާތަކުންނާއި އަމިއްލަ ފަރުދުން ހުށަހަޅާ ޝަކުވާތަކާއި އިލްތިމާސްތަކާއި އެހެނިހެން ހުށަހެޅުންތައް ބަލައިގަތުމެވެ.
މިމާއްދާއަށް އެއްވެސް އިސްލާހެއް ހުށަހަޅުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިމާއްދާގެ ޑްރާފްޓަށް ވޯޓަށް އެއްސެވުމުން ވަޑައިގެން ތިއްބެވި އެއްވެސް ވަޒީރަކު އަދި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސ ްމެންބަރަކު ފެނިވަޑައިގަންނަވާކަމަކަށް ވޯޓެއް ނުދެއްވައެވެ. އެމެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންވެސް ވޯޓު ދެއްވީ ވަކިކޮޅަކަށް ވޯޓު ނުދެއްވާ ވޯޓެއްގެ ގޮތުގައެވެ. މިއީ މުޅިންވެސް ޑީއާރުޕީ މެންބަރުންނެވެ. އަތޮޅުތަކުން ހޮވިފައިވާ ޑީއާރުޕީއަށް ނިސްބަތްވާ 6 މެންބަރަކުވެސް ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
މިބާބުގެ 32 ވަނަ މާއްދާއަކީ ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމާ ބެހޭ މާއްދާއެވެ. މިމައްދާގެ ޑްރާފްޓްގައި ވަނީ ޤާނޫނު އަސާސީ އާއި ނުވަތަ ޤާނޫނަކާއި ކަނޑައެޅިގެން ޚިލާފުވުމާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއްކުރުމާއި ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލުވެއްޖެ ނަމަ މަގާމުން ދުރުކުރެވިދާނެ ކަމަށެވެ.
އެއްވެސް އިސްލާހެއް މިމައްދާއަށް ހުށަހެޅިފައި ނުވައިރުވެސް މިމާއްދާވެސް ފާހެއް ނުވިއެވެ. ފެނިވަޑައިގަންނަވާކަމަށް އެންމެ 42 ވޯޓު ލިބުނުއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ 19 މެންބަރުން ތިއްބެވިއެވެ. ވަޑައިގެން ތިއްބެވި އެއްވެސް ވަޒީރަކު އަދި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް މެންބަރަކު ފެނިވަޑަގަންނަވާކަމަކަށް ވޯޓެއް ނުދެއްވަ އެވެ. އޭގެތެރޭގައި ހިމެނެނީ ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރުންނާއި އެއްވެސް ގޮތަކަށް ވޯޓު ނުދެއްވާ މެންބަރުންނެވެ. މިއީ ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ކަމުގައިވާއިރު އަތޮޅުތަކުން ހޮވިފައިވާ ޑީއާރުޕީގެ ގިނަ މެންބަރުން ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
އަބަދުވެސް މިކިޔަނީ ކޯރަމް ގެއްލިގެން ޖަލްސާ ނުބޭއްވޭ ވާހަކައެވެ. ކޯރަމް ނެތިގެން ކަމެއް ފާސްނުވާ ވާހަކައެވެ. އެކަމަކު ޤާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނިންމޭނީ އެޖަލްސާއަކަށް ޙާޟިރުވި މެންބަރުންގެ ތެރެއިން ވޯޓްދިން މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ފާސްކުރާކަށް ނުފެނުނެވެ. އެހެން ގޮތަކަށް އިސްލާހެއް ހުށައެއް ނާޅައެވެ. މިމައްދާ ފޭލްކޮށްލުމުގައިވެސް ހިއްސާ ބޮޑީ ވަޒީރުންގެ މަޖިލީހުގެއެވެ. ރައްޔިތުންގެ މަޖިލީހާ ބެހޭ ބާބުގެ މުހިއްމު މާއްދާތައް ފޭލްވެގެން ދިއުމުން އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވީ އެމައްދާތައް ވަޒީރުން ގަސްދުގައި ފޭލްކޮށްލެއްވީ ކަމަށާއި އެއީ ސަރުކާރުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ފޯރަފާނެތީ ކުރެއްވި ކަމެއް ކަމަށެވެ. މިހާހިސާބަށް ދިއުމުން ބުނަންޖެހެނީ މަޖިލީހަށް މޮޅީގެ ސާލެއް ލެވިއްޖެ ކަމަށެވެ.