ހެލްތް އިންޝުއަރެންސް ސްކީމްގެ މައްސަލާގައި ބަދަލު ހޯދުމަށް އައި.އެމް.ޖީން ބައިނަލްއަގްވާމީ އާބިޓްރޭޝަނަސް ހުށަހަޅައިފި

މިއުސަމް އައްބާސް އޭޕްރީލް 26 2007، 17:35 0 ޚިޔާލު

ސަރުކާރު މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމް ހިންގާ އެމެރިކާގެ އިންޓަނޭޝަނަލް މެޑިކަލް ގްރޫޕް )އައިއެމްޖީ( އަށް ލައިސެންސް ނުދިނުމުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް ކުންފުންޏަށް ލިބެން ޖެހޭ ބަދަލު ހޯދުމުގެ މައްސަލަ ބައިނަލް އަގުވާމީ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އެފަރާތުން ބުނެފި އެވެ.

އައިއެމްޖީއިން ބުނީ އެމައްސަލަ އިންޓަރނޭޝަނަލް އާބިޓަރޭޝަނަށް ހުށަހެޅީ ލައިސެންސް ނުދިނުމަށް ނިންމައި އެމްއެމްއޭއިން އެންގިއިރު އޭގެ ސަބަބު އަންގާފައިނުވާތީ އެމައްސަލަ ސާފުކޮށްދިނުމަށާއި އަދި މައްސަލަ ހައްލުކޮށް ދިނުމަށް އެދި ރައީސް އޮފީހަށް ހުށަހަޅާފައިވާ ސިޓީއަށް ސުންގަޑި ހަމަވިއިރުވެސް ޖަވާބުދާރީ ވެފައިނުވުމާ ގުޅިގެން ކަމަށެވެ.

” މިމަހުގެ ފަނަރަވަނަ ދުވަހު ރައީސް އޮފީހަށް ހުށަހެޅި ސިޓީއަށް ޖަވާބު ނުދިނުމުން އެކަމާ ބެހޭ ހުރިހާ ޑޮކިއުމަންޓެއް މިހާރުވަނީ ސިންގަޕޫރުގެ އިންޓަރނޭޝަނަލް އާބިޓަރޭޝަނަށް ފޮނުވިފަ“ އައިއެމްޖީގެ މެނޭޖަރ މިސް ޕޯލާ ރޭނާ ވިދާޅުވި އެވެ.

ޕޯލާ ވިދާލުވީ އެހެންނަމަވެސް އެފަރާތުން ވާހަކަދެއްކުމަށް ފަހު ރައީސް އޮފީހަށް ސިޓީއަށް ޖަވާބުދާރީ ވުމަށް ފަހު ފުރުސަތުގެ ގޮތުގައި މިމަހުގެ ނިޔަލަށް ވަނީ ސުންގަޑިއެއް ދެވިފަ އެވެ.

” ފަހުން އަޅުގަނޑުމެން ވާނީ އާބިޓަރޭޝަން ކުންފުނީގައިވެސް އެދިފައި މިމަހުގެ ނިޔަލަށް ރައީސް އޮފީހުން ޖަވާބެއް ދެންދެން މައްސަލަ މެދުކަޑާ ދިނުމަށް. އަދި ރައިސް އޮފީހަށްވެސް ވާނީ އަންގާފައި މިމަހުގެ ނިޔަލަށް ޖަވާބެއް ނުދޭނަމަ މައްސަލައާގެން ކުރިއަށް ދާނެކަމަށް“ މިސް ޕޯލާ ވިދާޅުވި އެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ އެފަރާތަށް ޖަވާބުދިނުމަށް ދީފައިވަނީ ތިން ދުވަސް ކަމަށާއި އެހެން ކަމުން އެ ވަގުތައް ޖަވާބު ނެދެވޭނަކަން އަންގަވާފައިވާނެ ކަމަށްވެސް އެފަރާތުން ބުންޏެވެ.

” ޖަވާބު ދިނުމަށް އަޅުގަނޑުމެންނަށް ދިނީ ތިންދުވަސް, އެހެންވެ އެމުއްދަތުގައި ޖަވާބު ދެވެންނެތްކަމަށް އެފަރާތަށް ވާނީ އަންގާފައި. ތިކަމުގައި އަޅުގަނޑުމެން އެބަ ޖެހޭ ލީގަލް އޮޕީނިއަންއެއް ހޯދުމަށް. އެލީގަލް އޮޕީނިއަން ހޯދުމަށް އެޓަނީ ޖެނެރަލް އޮފީހަށް ވަނީ ހުށަހަޅާފައި. އޮޕީނިއަން ލިބުމާއެކު އެއަށް ޖަވާބުދާރީ ވާނަން“ ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ސިންގަޕޫރުގައި ހުންނަވައިގެން ވިދާޅުވި އެވެ.

އައިއެމްޖީއަށް ހެލްތު އިނސުއަރެންސް ވިޔަފާރި ހިންގުމަށް ނަގަންޖެހޭ ހުއްދަ އަށް އެދި ދެ ފަހަރެއްގެމަތިން ވަނީ މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން ލައިސަންސް ހޯދުމަށް ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެކުންފުންޏަށް ލައިސެންސް ދޫނުކުރާ ގޮތަށް ހަމަޖައްސަވައި އެކަން މޯލްޑިވްސް މަނިޓަރީ އަތޯރިޓީން ހާމަކޮށްފައިވަނީ މިމަހުގެ ކުރީ ކޮޅުގަ އެވެ.

މިކަމާ ގުޅިގެން ސަރުކާރު މުއަްޒަފުންނަށް ދެމުންއައި މެޑިކަލް އެލަވަންސް އަންނަ މަހުން ފެށިގެން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ރައީސް އޮފީހުން ބުނެފައިވަނީ މެޑިކަލް އެލަވަންސް ދޭގޮތަށް ނިންމީ ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ތައާރަފްކުރި ހެލްތު އިންސުއަރެންސް ސުކީމުގެ ހިދުމަތް ދިނުމުގައި ދިމާވި ބައެއް ދަތިތަކާގުޅިގެން އެހިދުމަތް ދޭން ފެށިފައި ނުވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް މެޑިކަލް އެލަވަންސްގެ ގޮތުގައި ނުދެވި ހުރި ބައިތައް މިމަހުގެ މުސާރައާއެކު މުއައްޒަފުންނަށް ހަވާލުކުރާނެކަމަށް ސަރުކާރުން ބުނެއެވެ. ގާތްގަނޑަކަށް 30،000މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ކަންތައް ބަލެހެއްޓުމަށް ސަރުކާރާއި އައިއެމްޖީ އާއެކު ހަދައިފައިވަނީ ތިން އަހަރުގެ އެގްރިމަންޓެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv