

އެޓޯލް ޓެލެވިޒަނުން މީޑިއާ އެސޯސިއޭޝަން ގޮވައިގެން ކޯޓަށް
ދިވެހި ނޫސްވެރިންގެ ޖަމްއިއްޔާ ”މީޑިޔާ އެސޯސިއޭޝަން“ އާ ދެކޮޅަށް އެޓޯލްސް އިންވެސްޓްމަންޓް )އެޓޯލްސް ޓެލެވިޒަން( އިން މިއަދު މަދަނީ ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.
އެޓޯލްސް ޓެލެވިޒަންގެ މަސްއޫލު ވެރިޔާ މުހައްމަދު ފަޒީލު ވިދާޅުވީ މީޑިޔާ އެސޯސިއޭޝަން ގޮވައިގެން ކޯޓަށް ދާން ޖެހުނީ މީޑިޔާގެ ނަމުގައި ހިންގާ އެސޯސިއޭޝަނެއްގައި އެބޭފުޅުންނަށް ބައިވެރި ނުވެވޭތީ ކަމަށެވެ.
” އަޅުގަނޑުމެން އޮންނާނީ އެއެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް މެމްބަރަކަށް ވުމަށް އެދި ސިޓީ ހުށައަޅާފައި. މިދިޔަ ހޯމަ ދުވަހު އަޅުގަނޑަށް އެސިޓީގެ ޖަވާބުގައި އައީ އެއެސޯސިއޭޝަންގެ އަސާސީ ގަވައިދުގައި ވާ ގޮތުން މެމްބަރަކަށް ވެވެން ނެތް ކަމަށް.“ ފަޒީލު ވިދާޅުވި އެވެ.
ފަޒީލް ވިދާޅުވި މެމްބަރަކަށް ވެވެން ނެތް ސަބަބެއް ނޭނގޭ ކަމަށާ އެޓޯލްސް ޓެލެވިޒަންގެ ނަމުގައި ޓީ.ވީ ޗެނަލެއް ހިންގުމުގެ ހުއްދަ އިންފޮރމޭޝަން މިނިސްޓްރީން އެކުންފުންޏަށް ދީފައިވާ ކަމަށެވެ.
ފަޒީލު ވިދާޅުވީ މިއަދު މަދަނީ ކޯޓަށް ހުށައެޅުނު މައްސަލާގައި 4 ނުކުތާއެއް ފާހަގަކޮށްފައިވާނޭ ކަމަށާ އޭގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ މީޑިޔާ އެސޯސިއޭޝަންގެ އިންތިހާބު ފަސް ކޮށްދިނުން ކަމަށެވެ.
” އެ އެސޯސިއެޝަންގެ ހިންގާ ކޮމެޓީ އިންތިހާބު ކުރުން ފަސްކޮށްލެވިއްޖެ ނަމަ ވާހަކަ ދައްކައިގެން މައްސަލަ އަށް ހައްލެއް ގެނެވިދާނެ.“ ފަޒީލް ވިދާޅުވި އެވެ.
ފަޒީލް ވިދާޅުވީ އެނާ ގަބޫލު ކުރައްވާ ގޮތުގައި މީޑިޔާ އެސޯސިއޭޝަންގެ ނަމުގައި އެސޯސިއޭޝަނެއް ހަދާފައި އޮތުމުން މީޑިޔާގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް ބައިވެރިވާން ޖެހޭނެ ކަމަށެވެ. ” އެ އެސޯސިއޭޝަނުގައި ބައިވެރިވެވެން ޖެހޭނީ ހަމައެކަނި ޖާނަލިސްޓުން ނަކަށް ނޫން. އެހެން ނޫން ނަމަ އެސޯސިއޭޝަނުނަށް ޖާނަލިސްޓްން އެސޯސިއޭޝަން ކިޔާ.“ ފަޒީލް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން މީޑިޔާ އެސޯސިއޭޝަންގެ ވަގުތީ ހިންގާ ކޮމެޓީން ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.