
ޝާފިއު ވެލެންސިއާއަށް
މިސީޒަންގައި ވިކްޓަރީއަށް ކުޅުނު އަހްމަދު ޝާފިއު އަންނަ އަހަރު ފެންނާނީ ވެލެންސިއާގެ ޖާޒީގައިކަމުގައި އޭނާ ބުނެފި އެވެ.
ތިން އަހަރު އައި އެފް ސީއަށް ކުޅުމަށްފަހު މިއަހަރު ވިކްޓަރީ އާއި ގުޅުނު ޝާފިއު ބުނީ އޭނާ ވެލެންސިއާއަށް ކުޅެދޭން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އަދި ސޮއިނުކުރާ ކަމަށެވެ. ”މިވަގުތު ރަށުގަ ހުރީމަ ސޮއެ ނުކުރެވިގެން މިއުޅެނީ. މާލޭ ދާނީ އަދި ތަންކޮޅެއް ފަހުން. މާލެ ގޮސްފަ ސޮއިކުރާ ގޮތަށް ހުރިހާ ކަމަކަށް އެއްބަސްވެފައިވަނީ“ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝަމްވީލު ގާސިމް(ބޮންޑާ)ގެ ބޭބެ ޝާފިއު ބުންޏެވެ. ޝާފިއު އައި އެފް ސީއަށް ކުޅެން ފެށީވެސް ބޮންޑާއާއި އެކުގައެވެ.
ޝާފިއު ބުނީ އޭނާގެ އެހީ ހޯދަން އޯލް ޔޫތު ލިންކޭޖުން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި ވެލެންސިއާއަށްވުރެ އައިލްގެ އޮފާރވެސް ރަނގަޅު ކަމަށެވެ. ”އައިލުން ވާހަކަ ދައްކަން ފެށިއިރުވެސް އަހަރެން އޮންނާނީ ވެލެންސިއާއަށް ޔަޤީންކަން ދީފަ. އެމީހުންގެ އޮފާރވެސް ރަނގަޅު. އަދި ދެވަނަ ޑިވިޝަންގެ ޓީމަކަށްވިޔަސް އެޓީމުވެސް ރަނގަޅު. ނަމަވެސް ބުނާބަހުގައި އިތުބާރު ބަހައްޓަން ވެގެން އެހެން ގޮތަކަށް ބަދަލު ނުކުރީ“ ހުނަރުވެރި ކުޅުމެއް ދައްކާފައިވާ ޑިފެންޑަރު ބުންޏެވެ.
މިއަހަރު ވިކްޓަރީގައި ޝާފިއު ހޭދަކޮށްފައިވަނީ މާ އުފާވެރި ދުވަސްތަކެއް ނޫނެވެ. ވަރަށް މަދު މެޗެއްގައި ނޫނީ އޭނާ ކުޅެފައެއް ނުވެއެވެ.