ބައިބަލާ ކުޅުމުގެ ސަބަބުން 19 އަހަރުންދަށުގެ ޓީމުގެ ދެ ކުޅުންތެރިއަކު ޓީމުން ބާކީކޮށްފި

މުހައްމަދު ޝަނޫން އޮކްޓޫބަރ 20 2007، 16:22 0 ޚިޔާލު

ބައިބަލާ މުބާރާތުގައި ކުޅުމުގެ ސަބަބުން 19 އަހަރުންދަށުގެ ޤައުމީ ޓީމުގެ ދެ ކުޅުންތެރިން ޓީމުން ބާކީކޮށްފައިވާ ކަމަށް ޓީމުން ބުނެފި އެވެ.

ޓީމުގެ މެނޭޖަރ މުޙައްމަދު އިބްރާހީމް(ކައްޕި) ބުނީ އަހްމަދު ސުފިޔާނާއި ޖުމަލް ނިމާލު ޓީމުން ބާކީކުރީ ބައިބަލާ މުބާރާތުގައި ކުޅުމުގެ ސަބަބުންނެވެ. ”އެދެކުޅުންތެރިން ފުރަތަމަ ރޭ ބައިބަލާ ކުޅުނީމަ ޓީމުގެ ކޯޗު އެ ކުޅުންތެރިންނަށް އެންގީ ބައިބަލާއަކީ ވަރަށް އަނިޔާވާ ކުޅިވަރެއް ކަމަށާއި އެހެންކަމުން މުބާރާތް މިހާ ކައިރިވެފައި އޮއްވާ އެގޮތަށް ކަންތައް ނުކުރުމަށް. ނަމަވެސް ޖެހިގެން އައިރޭވެސް އެ ކުޅުންތެރިން ކުޅުނީމަ ޓީމުން ދުރުކުރަން މަޖުބޫރުވީ“ ކައްޕި ބުންޏެވެ. ކައްޕި ބުނީ އެދެކުޅުންތެރިންނަށް ޕްރެކްޓިހަށް ނުނުކުންނަން އަންގާފައިވާ ކަމަށާއި ބޭރަށްދާ ޓީމުގައި އެ ކުޅުންތެރިން ނުހިމެނޭނެ ކަމަށެވެ. ”އޭގެ ތެރެއިން 1 ކުޅުންތެރިއަކު ވަރަށް ބޮޑަށް ޓީމުގައި ހިމަނާ ދިނުމަށް އެދެމުންވެސް އެބަދޭ. ނަމަވެސް އެމީހުންނަށް ފުރުސަތުދޭކަށް އަދި ހަމަޖެހިފައެއް ނެތް“ ކައްޕި ބުންޏެވެ. މިދެކުޅުންތެރިންވެސް ބައިބަލާ ކުޅެފައިވަނީ ބީޖީ ނިއު ޖަނަރޭޝަނަށެވެ.

ޓީމުގެ ކޯޗު މުޙައްމަދު ނިޒާމު ބުނީ އެދެކުޅުންތެރިންނަކީވެސް ފުރަތަމަ 11ށް އަރަން ވާދަކުރާ ކުޅުންތެރިން ކަމަށެވެ. ”ޓީމުގައި މާ ތަފާތު މޮޅު ކުޅުންތެރިންތަކެއް ނެތް. އެ ކުޅުންތެރިންނަކީވެސް ހަމަ އެވްރެޖް ކުޅުންތެރިން. ނަމަވެސް އަޙްލާގީ ގޮތުން ވަކި މިންގަނޑެއްގައި ޓީމު ހިފަހައްޓަންވެސް ޖެހޭ. އެގޮތުން އެދެކުޅުންތެރިން ބާކީކުރީ“ ނިޒާމު ބުންޏެވެ.

ނިޒާމު ބުނީ ޓީމުގައި މިހާރު ތިބޭނީ 28 ކުޅުންތެރިން ކަމަށާއި މާދަމާ އާއި އަނެއް ދުވަހު ޤައުމީ ޓީމާ ދެކޮޅަށް ކުޅޭ ދެމެޗަށްފަހު މުބާރާތަށްދާނެ ޓީމު ނަގާނެ ކަމަށެވެ.

ބައިބަލާ ކުޅުމުގެ ސަބަބުން 19 އަހަރުންދަށުގެ ދެ ކުޅުންތެރިން ބާކީކުރިއިރު ނިއުރޭޑިއަންޓާއި ޤައުމީ ޓީމުގެ ފޯވަޑް ހުސެން ޝިމާޒު(ކޮކީ) ވަނީ މުބާރާތުގައި 50 ހާސް ރުފިޔާއަށް ބީޖީއަށް ކުޅެފައެވެ. އަދި ވީބީގެ ކީޕަރު މުޙައްމަދު ޝިނާން(ނާނި) ބުރު ސްޕޯޓްސްއަށް ކުޅުނީ 40 ޙާހަށެވެ. މީގެ އިތުރުންވެސް ފުރަތަމަ ޑިވިޝަންގެ ބައެއް ކުޅުންތެރިން ބައިބަލާ މުބާރާތުގައި ކުޅެފައިވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv