
ހުރިހާ މެމްބަރުންވެސް ރައްޔިތުންނަށްޓަކާ ތެދުވަން ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވަރަށް ބާރުގަދަ މަޖިލީހެކެވެ. އެތަނެއްގެ ރައްޔިތުންގެ މުހުތާދުތައް ފުއްދުމުގައި އެންމެމުހިންމު ދައުރެއް އަދާކުރާ ބަޔަކީ ރައްޔިތުންގެ މަޖިލީހެވެ. އެހެންކަމުން މަޖިލީހުގެ ޢަމަލުތަކާއި އުޞޫލުތައް ބައްޓަންވެފައިވާނީ ރައްޔިތުންގެ އާންމު ދިރިއުޅުގެ ޙާލަތު ރަނގަޅުކޮށް އެފަދަ ވެއްޓެއް ގާއިމުކޮށް ދިނުމަށެވެ.
މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީވެސް މިދެންނެވި މަޤުޞަދުތައް ޙާޞިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ މުއައްސަސާއެކެވެ. ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ ބަޔެކެވެ. ނަމަވެސް މިމަޤުޞަދު ރާއްޖޭގައި އެންމެ އެކަށޭނެ ގޮތުގައި ޙާޞިލްވޭބާއެވެ؟ މިއީ ސުވާލުއުފެދޭ ކަމެކެވެ. މަޖިލީހުގެ ދައުރަކަށްފަހު ދައުރެއް ނިމިގެންދާއިރު ރައްޔިތުންގެ މުހުތާދުތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭ ބާއެވެ؟
” މަޖިލީހުން މިހާރު ސަރުކާރު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރޭ. ކުރިއާ އަޅާބަލާއިރު ސަރުކާރަށް ޕްރެޝަރ ކުރުވާ ރައްޔިތުންގެ ކަންތައްތައް ފުއްދަ ދިނުމަށް ބާރުއަޅާ. އެހެންނަމަވެސް އަޅުގަނޑަށް ފާހަގަވަނީ މަޖިލީހުގެ މެމްބަރުންތަކަށް ބަލާއިރު އަމިއްލަ އެދުންތައް ތަންކޮޅެއް އިސްކުރެވޭ މެމްބަރުންތަކެއް ތިބިކަން. އެހެންވީމަ ރައްޔިތުންނާއި ސީދާ ގުޅުންހުރި ގިނަ ކަންތައްތަކަށްވުރެ އެމީހުންގެ އަންބޮނޑި ބޮޑުކުރެވޭނެ ގޮތްތަކަށް މަސައްކަތްކުރާ ތަން ފެންނަނީ.’’ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް ގަވައިދުން ބަލަމުންދާ މޫސާ ފަތުހީ އޭނޭގެ ޚިޔާލު ފާޅުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސްކުރެވެމުންދާ ތަރައްޤީއާއި އާބާދީ އެއްފަސްކުރުމުގެ ބިލަކީ ޙަޤީޤަތުގައިވެސް ރައްޔިތުންގެ އެތައް ބައެއްގެ ޒަރުޫރަތްތަކެއް ޙާޞިލްކޮށްދޭ ބިލެކެވެ. ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްޤުތައް ހެޔޮގޮތުގައި ފޯރުކޮށް ދިނުމަށް އަޅަންޖެހިފައިވާ ފިޔަވަޅެކެވެ.
” މަޖިލީހުގެ ފުލޯރއަށް މިހާތަނަށް ހުށަހެޅިފައިވާ ކަންތަކަށް ބަލާއިރު ބައެއް މެމްބަރުންގެ ބާރުއެޅުމާއި އެމީހުންގެ ނުފޫޒުން އާންމު ރައްޔިތުންނަށް ފައިދާހުރި އެތައް ބިލެއް ބަލައިނުގަތް ދޫކޮށްލައިފި. ހަމައެގޮތަށް ރައްޔިތުންގެ އެންމެބޮޑު އެއް ކޮންސާން ކަމުގައިވާ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ސަރުކާރު މުވައްޒަފުންނަށްދޭ މުސާރައިން ދެކޮޅުނުޖެހުމާއި ގެދޮރުގެ ދަތިކަމުގެ ކަންތައްތަކާއި ގުޅިގެން އަޑުއުފުލާގެ މެމްބަރެއްނެތް. އެހެންނަމަވެސް މެމްބަރުންގެ މުސާރަ އިންތިހާއަށް ބޮޑުކޮށް ކަނޑައެޅުމަށް ހަރުއަޑުން ވާހަކަދެއްކި ބައެއް މުސްތަގިއްލު މުއައްސަސާތަކުގެ މުސާރަތައް އިންތިހާއަށް ބޮޑުކޮށް ކަނޑައެޅި. އެކަމަކު އެތައްހާސް ބަޔަކު ވަޒީފާ އަދާކުރަމުންދާ ސަރުކާރު މުވައްޒަފުންގެ މުސާރައިން ދެކޮޅު ނުޖެހި ގަނަތެޅެމުންދާއިރު އެކަމަށް ކަންބޮޑުވި މެމްބަރެއްނެތް.’’ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލިސް ޤަވައިދުން ބަލަމުންދާ މޫސާ ހަލީމް ކިޔައިދިނެވެ.
މިއީ ކޮންމެސް ވަރެއްގެ ހަޤީޤަތްތަކެއްވެސް އޭގައި އެކުލެވިގެންވާ ކަމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދެމަޖިލީހުގެ މެމްބަރުން އެމީހުންގެ އަމިއްލަ މުސާރަ ބޮޑުކޮށް ކަނޑައަޅާ އެއިން ހިތްހަމަޖެހުން ހޯދަމުންދާއިރު ސަރުކާރުގެ ވަޒީފާތަކުގައި މިއަދު ތިބި ގިނަ މުވައްޒަފުންނަކީ މިހާރު ރާއްޖޭގެ ހާލަތު ހުރިގޮތުން ވަރަށް ހާލުގައި އުޅެމުންދާ ބައެކެވެ. ހަމައެއާއެކު ބާޒާރުގައި މުދަލުގެ އަގަށް އަންނަމުންދާ ބޮޑު ބަދަލުން އިތުރު ނުތަނަވަސްކަމެއް މިވަނީ ވެރިކުރުވާފައެވެ. ނަމަވެސް އެކަން އިޙްސާސްވާ ނުވަތަ ކަންބޮޑުވާ
މެމްބަރަކު އެބަހުރި ބާވައެވެ. ‘’ގަވަރުނަރގެ މުސާރަ ކަނޑައެޅުމުގައި ހުށަހެޅުނު މިންވަރު ކުޑަވެގެން މެމްބަރުން ކަންބޮޑުވުން ފާހަގަކުރި. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުންނަށް މުސާރަ ކަނޑައެޅުމުގައިވެސް މިމަންޒަރުފެނުނު. އެނެއްކޮޅުން މިހާރު އެއުޅެނީ ސިވިލްސާރވިސްއާއި ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ ކަނޑައަޅަން. މިއީ މަޖިލިސް މެމްބަރުން ވަރަށް ކަންބޮޑުވި ކަންތައް. މިއިން ކޮންމެ މީހެއްގެ ބައްތިރީސް ވަޒީފާއިން މުސާރަލިބޭ. މިހުރިހާ ދާއިރާއަކީވެސް މެމްބަރުންނާއި ސީދާ ގުޅުންހުރި ކަންތައް. ހަޤީޤަތަށް ބުނާނަމަ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާ މެމްބަރުން މަދު.’’
މަޖިލީހުގެ ޖަލްސާތައް ގަވައިދުން އަޑުއަހާ ރާއްޖެތެރޭގެ ޒުވާނަކު ކިޔައިދިނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާނުކުރާނަމަ ރާއްޖޭގެ އާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅެއް ނުވާނެއެވެ.
އަމިއްލަ ޖީބު ތަނަވަސްކުރުމުގެ އުއްމީދުގައި ހުރިހާކަމެއް ބައްޓަންވެގެން ޤަޢުމުގެ މުސްތަޤުބަލް އުޖާލާ ކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކާމިޔާބު ވެފައިވާ ތިޔަރީއެއްނޫނެވެ. މިއީ މިއަދު ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރަން މަޖިލީހުގެ ގޮނޑިތައް ހޫނުކުރަމުންދާ ”އިއްޒަތްތެރި“ މެމްބަރުން ޤަބޫލުކުރަންޖެހޭނެ ހަޤީޤަތެކެވެ.