
މިސްޓަރ ބައިބަލާގެ މަގާމު ހޯދުމަށްފަހު ނާނި ބައިބަލާ ކުޅުން ހުއްޓާލައިފި
ފިތުރުއީދުގެ މުނާސަބަތުގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތް ކަމަށްވާ ބައިބަލާ މުބާރާތުގެ މިސްޓަރ ބައިބަލާގެ މަޤާމު ހޯދި މުޙައްމަދު ޝިނާން(ނާނި) ބައިބަލާ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.
ރޭ ނިމުނު މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސްއަށް ހޯދާދީ މިސްޓަރ ބައިބަލާގެ މަޤާމު ހޯދި ނާނި ބުނީ މެދުކެނޑުމެއްނެތި 15 އަހަރު ކުޅުނުއިރު އެއްވެސް އަނިޔާއެއް އޭނާއަށް ލިބިފައިނެތް ކަމަށެވެ. ”އެކަމަށްޓަކާ ﷲގެ ހަޟްރަތަށް ޝުކުރު ކުރަން. އަދި މިކަމުގައި ކުރިއަށް ދިޔުމަށް އެހީތެރިވި ފަރާތްތަކަށާއި ސަޕޯޓްކޮށްދިން ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރަން.“ ނާނި ބުންޏެވެ.
ނާނި ބުނީ ބައިބަލާ މުބާރާތް ބާއްވަން ފެށީއްސުރެ މެދުނުކެނޑި ކުޅެމުން އައިސް ހުއްޓާލަން ނިންމީ ފުޓްބޯޅައަށް ސީރިއަސްވާން ވެގެން ކަމަށެވެ. ”މިއަހަރަކީ ބައިބަލާގެ އެންމެ ފަހު އަހަރު. ދެން ހަމަގައިމުވެސް ކުޅުންތެރިއެއްގެ ގޮތުގައެއް ނުފެންނާނެ. އެހެނެއްނޫން. ކޯޗެއްގެ ގޮތުން ނުވަތަ އޮފިޝަލެއްގެ ގޮތުން ފެނުން އެކަށީގެންވޭ“ މިސްޓަރ ބައިބަލާގެ މަޤާމު 2000 ވަނަ އަހަރުވެސް ހޯދި ނާނި ބުންޏެވެ. މީގެ ކުރިން ނާނި ފިޔަވާ އެހެން ކުޅުންތެރިއަކަށް ދެ އަހަރު އެ މަޤާމު ލިބިފައެއް ނުވެއެވެ. އެފަހަރު ނާނި އެ މަޤާމު ހޯދީ މާޒިއާގައި ހުރެގެންނެވެ.
ނާނި ބުނީ މިފަހަރުގެ މުބާރާތަކީ އެންމެ ރަނގަޅަށް ކުޅެވުނު ފަހަރު ކަމަށާއި މިފަހަރު ތައްޔާރުވުންވެސް ރަނގަޅު ކަމަށެވެ. ”ބުރު ސްޕޯޓްސްއިން ބޮޑު އަގެއްދީފަ އަހަރެން ގެންދިޔައީ. އަނެއްކާ އެމީހުންގެ މެނޭޖްމަންޓުވެސް ވަރަށް ރަނގަޅު. އެހެންވެ ވަރަށް ރަނގަޅަށް ކުޅެވުނު ފަހަރެއް މިއީ“ 40 ހާސް ރުފިޔާއަށް ބުރަށް ދިޔަ ނާނި ބުންޏެވެ.