ބައިބަލާގެ ރަސްގެފާނު ބަލިކޮށް ބުރު ސްޕޯޓްސް ތަށި ހޯދައިފި
1428 ވަނަ އަހަރުގެ އީދު ކުޅިވަރުގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
މިއަހަރު މުޅިން އަލަށް ބައިވެރިވި ޓީމުން ތަށި ހޯދީ ރޭ ކުޅެވުނު ފޯރިގަދަ ފައިނަލުގައި ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި އަބަދުވެސް ދައުވާ ކުރަމުން އަންނަ ބީޖީ ސްޕޯޓްސް އާއި ވާދަކޮށް ގަދަ ހިފުމަށް ގޮސްގެން މޮޅުވެގެންނެވެ. މެޗުގައި ދެ ޓީމު 1-1ން އެއްވަރުވުމުން ޖެހުނީ ގަދަ ހިފުމަށްދާށެވެ. ބުރަށް ކާމިޔާބު ލިބުނީ ގަދަ ހިފުމުގެވެސް އެންމެ ފަހު ވަގުތު މުޙައްމަދު ޝިނާން(ނާނި) ބީޖީގެ ކުޅުންތެރިޔާގެ ގައިގައި އަތްލާފައި ނުކުތުމުންނެވެ.
ބީޖީ ފައިނަލަށް ދަތުރުކުރީ ރޭ ކުޅެވުނު ސެމީ ފައިނަލު މެޗުގައި ރެޑް ލައިން އަތުން ދެ ގޭމުން މޮޅުވެގެންނެވެ. މިމެޗު ވެގެން ދިޔައީ މައްސަލަ ބޮޑުވި މެޗަކަށެވެ. ބުރު ފައިނަލަށް ހޮވުނީ ޓީސީ އަތުން މާބޮޑު އުނދަގުލެއްނެތި މޮޅުވެގެންނެވެ.
ބީޖީއަކީ ބައިބަލާގެ 15 އަހަރުގެ ހަޔާތުގައި 7 އަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ. ބައިބަލާ މުބާރާތުގެ ފުރަތަމަ 6 އަހަރު ޗެމްޕިއަންކަން ހޯދާފައިވަނީވެސް ބީޖީ އެވެ.
ރޭގެ މެޗަށްފަހު ބައިބަލާގެ އިތުރުން ބަށި މުބާރާތުގެ ވަނަތަކަށްވެސް އިނާމު ދިނުން އޮތެވެ.