ގައުމީޓީމުގެ ކުޅުންތެރިންނަށް ނުދީއޮތް 3 މަހުގެ މުސާރަ ވޯލްޑްކަޕް ކޮލިފައިން ޓީމަށްދެނީ

މުހައްމަދު ޝަނޫން އޮކްޓޫބަރ 18 2007، 16:08 0 ޚިޔާލު

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކޮންމެ މަހަކު ދެމުން އައި މުސާރަ 3 މަސްވަންދެން ނުދީ އޮތުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ޓީމުން ބުނެފި އެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރ ޝާހު އިސްމާއީލް އިއްޔެ އޮތް ޤައުމީ ޓީމުގެ ޕްރެކްޓިހަށްފަހު ކުޅުންތެރިންނާ ބައްދަލުކޮށް ދެތިން ދުވަހުގެ ތެރޭގައި މުސާރަދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޖަޒީރާއަށް މައުލޫމާތު ދެމުން ޝާހު ބުނީ ވޯލްޑްކަޕް ކޮލިފައިންގެ ޓީމުގައި ހިމެނުނު ކުޅުންތެރިންނަށް މުސާރަ ދިނުމުގެ ކަންތައް ކުރިއަށްދާ ކަމަށެވެ.

”ކުރިން ސާފްޗެމްޕިއަންޝިޕަށްފަހު މުސާރަދޭންވެގެން މުސާރަ ނުދީ އޮތީ. ނަމަވެސް ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅޭ މެޗުގެ ކުރިން މުސާރަދޭ ގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެފް އޭ އެމުން އެދުނު ގޮތަށް އެކަންތައް ކުރެވުނު ނަމަ މިއަދުވެސް ކުޅުންތެރިންނަށް މުސާރަ ދެވުނީސް. ނަމަވެސް ކޯޗު ބޭނުންވަނީ ޓީމާއެކު މިހާރު ޕްރެކްޓިސް ކުރަމުންދާ 24 ކުޅުންތެރިންނަށްވެސް މުސާރަދޭން. އެއީ އޭގެ ތެރެއިން އެއްވެސް ކުޅުންތެރިއަކު މިވަގުތު އުނިކޮށްފިއްޔާ ޓީމަށް ނުބައި އަސަރެއް ކޮށްފާނެތީ. އެހެންވެ އެކަންތައް އެފް އޭ އެމަށް ހުށަހަޅައިގެން މިއުޅެނީ. އިބްރާހީމް އިސްމާއީލަށްވެސް އެކަންތައް ހަމަޖެހޭތޯ މެއިލެއް ކޮށްގެން މިއުޅެނީ. އާދިއްތަ ދުވަހު ކުޅުންތެރިންނަށް މުސާރަދެވޭވަރުވާނެ“ ޝާހު ބުންޏެވެ.

ޝާހު ބުނީ ވޯލްޑްކަޕް ކޮލިފައިން ޓީމަށް މުސާރަ ދިން ނަމަވެސް އެ ކުޅުންތެރިންވެސް 3 ކެޓަގަރީއަކަށް ބަހާލާނެ ކަމަށެވެ. ”ކޯޗު 3 ކެޓަގަރީއަކަށް ކުޅުންތެރިން ބަހާލައިގެން މުސާރަދޭނީ. ކުޅުންތެރިން ކެޓަގަރީ ކުރުމުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުންތެރިން ބޭނުން ކުރެވިފައިވާ މިންވަރާއި މިހާރު ކުޅުންތެރިން ތިބި ކޮންޑިޝަންއަށް ވަރަށް ބޮޑަށް ބަލާނެ“ ޝާހު ބުންޏެވެ.

މިއަހަރުގެ ޖުލައިމަހުން ފެށިގެން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދޭން އެގްޒެކްޓިވް ކޮމެޓީން ނިންމީ ޑިސެމްބަރމަހު ސާފްޗެމްޕިއަންޝިޕް އޮތުމުގެ ސަބަބުން 6 މަހުގެ މުސާރަ އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ދިނުމަށެވެ. އޭރުން ޓީމަށް އެރުމަށާއި ޕާފޯމަންސް ރަނގަޅު ކުރުމަށްވެސް ކުޅުންތެރިން އިތުރަށް މަސައްކަތް ކުރާނެ ކަމަށް އެގްޒެކްޓިވް ކޮމެޓީން އޭރު ވަނީ ބުނެފައެވެ. ނަމަވެސް ޑިސެމްބަރގައި ބާއްވަން އޮތް މުބާރާތް މިހާރު ވަނީ އަންނަ އަހަރުގެ ޖޫން މަހަށް ފަސްވެފައެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ ކަންތައް ކުރިއަށްދާ ކަމަށް ޝާހު ބުނި ނަމަވެސް އެފް އޭ އެމުގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ހަމީދު އަބްދުލް ޤަފޫރު(އައްޑޯ) ވިދާޅުވީ އެގޮތަށް އެ ވާހަކަ ދެކެވެމުންދާ ކަމަށާއި ނަމަވެސް މުޅިން ފައިނަލް ނުވާ ކަމަށެވެ. ”ލިޔަންޖެހޭ ފަރާތްތަކަށް ލިޔެގެން މިއުޅެނީ.“ އައްޑޯ ވިދާޅުވިއެވެ.

މުސާރަދޭ ލިސްޓްގައި އޭ ކެޓަގަރީގައި ހިމެނޭ ކުޅުންތެރިންނަށް މަހަކު 4000 ހާސް ރުފިޔާ ލިބެއެވެ. ބީ ކެޓަގަރީގެ ކުޅުންތެރިންނަށް 3500 ރުފިޔާ ލިބޭއިރު ސީ ކެޓަގަރީގެ ކުޅުންތެރިންނަށް 3000 ރުފިޔާ ލިބެއެވެ.

މާލޭގައި މިމަހުގެ 28 ވަނަ ދުވަހު ކުޅޭ މެޗަށް ނަގާފައިވާ ޓީމުގައި ރާއްޖޭގެ 1 ވަނަ ކީޕަރު އިމްރާން މުޙައްމަދު ނުހިމެނޭތީ އޭނާއަށް މުސާރަ ލިބޭ ކުޅުންތެރިންގެ ލިސްޓުން ޖާގަ ނުލިބޭނެކަން ވަނީ ކަށަވަރުވެފައެވެ. މިއީ މުސާރަދޭން ފެށީއްސުރެ އޭ ކެޓަގަރީގައި ހިމެނެމުން އަންނަ ކުޅުންތެރިޔާ ލިސްޓުން ބާކީވި ފުރަތަމަ ފަހަރެވެ. އަނިޔާވި ނަމަވެސް އޭ ކެޓަގަރީގައި ހިމެނޭ ކުޅުންތެރިއަކު މީގެ ކުރިން މުސާރަދޭ ލިސްޓުން އުނިކޮށްފައެއް ނުވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv