އެކޯޓްރޭޑިން މޯލްޑިވްސްއިން ތިމާވެއްޓާ ރަހުމަތްތެރި ސައިކަލުތަކެއް ރާއްޖެއަށް ތައާރަފްކޮށްފި

މުހައްމަދު އަފްރާޙް އޮކްޓޫބަރ 17 2007، 17:05 0 ޚިޔާލު

އެކޯޓްރޭޑިން މޯލްޑިވްސްއިން ރާއްޖޭގެ ތިމާވެއްޓާ ރަހުމަތްތެރި ސައިކަލުތަކެއް ރާއްޖެއަށް ތައާރަފް ކޮށް ވިއްކަން ފަށައި ފިއެވެ.

އެކޯޓްރޭޑިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ މުހައްމަދު ހަމްދާން ޒަކީ ވިދާޅުވީ ހެންވޭރު ހުޅުގަލީގެ ގްރައުންޑް ފްލޯގައި ހުޅުވާފައިވާ އެކުންފުނީގެ ޝޯރޫމުގައި މިހާރު ވިއްކަމުން ގެންދާ ސައިކަލު ތަކަކީ މިވަގުތަށް ރާއްޖޭގެ މާހައުލަށް އެންމެ ބޭނުން ވެފައިވާ އެއް ބާވަތް ކަމަށެވެ.

” ކޮންމެ މީހަކުވެސް މިކިޔަނީ, ތިމާވެއްޓޭ ކިއޯޓޯ މުއާހަދާއޭ, ގްރީން ހައުސްގޭހޭ, މިލިއަން ގަސް އިންދުމޭ ނަމަވެސް އެއްވެސް ބަޔަކަށް ތިމާވެއްޓަށް ލިބޭގެއްލުން ކުޑަކުރުމަށް ފިޔަވަޅެއް ނޭޅެ. އަދި އަޅުގަނޑު އުންމީދުކުރަނީ ސަރުކާރުންވެސް ތިމާވެއްޓާއި ރަހުމަތްތެރި ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް ހާއްސަކަމެއް ދޭނެކަމަށް“ ހަމްދާން ވިދާޅު ވިއެވެ.

ހަމްދާން ވިދާޅުވީ މިހާރު އެކޯޓްރޭޑިންގެ ޝޯރޫމުގައި ވިއްކަން ބަހައްޓާ ފައިވާ ސައިކަލު ތަކަކީ މިހާރު މާލޭއަށް ދިމާވެފައި ދުއްވާއެއްޗެތީގެ އަޑުގަދަވުމުގެ މައްސަލައަށް އޮތް ހައްލަކަށް ވާނެކަމަށެވެ.

” މިސައިކަލުގެ އަޑު ވަރަށް މަޑުވާނެ. އަދި އަދި މިބާވަތުގެ ސައިކަލުން ދުމެއްވެސް ނާރާނެ. އަދި އަޅުގަނޑުމެން ކުރިއަށް އޮތްތާގައި އިރުގެ ހަކަތަ ބޭނުން ކޮއްގެން ޗާޖު ކުރެވޭނެ ކުދިކުދި ވިންޑް މިލްސާއި ސޯލާޕެނަލް ވެސް ރާއްޖެއަށް ތައާރަފު ކުރާނަން.“ ހަމްދާން ވިދާޅު ވިއެވެ.

ހަމްދާން ވިދާޅުވީ މުސްތަގު ބަލުގައި ޗާޖު ކޮއްގެން ދުއްވާ ކާރުވެސް އެކޯޓްރޭޑިންގެ ފަރާތުން ރާއްޖެއަށް ތައާރަފް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

އެކޯޓްރޭޑިން ގެ ފަރާތުން ރާއްޖެއަށް ތައާރަފް ކުރި ސައިކަލު ތަކަށް އެކުންފުނީގެ ފަރާތުން އެއް އަހަރުގެ ވޮރަންޓީއާއި އާފްޓާރ ސޭލްސަރވިސްގެ ޙިދުމަތް ވެސް ވެސްދެއެވެ. އަދި މިސައިކަލު ތަކަކީ 130 ކިލޯގެ ބަރުދަން އުފުލުމުގެ ޤާބިލްކަން ލިބިފައިވާ އެންމެ މިޒަމާނުގެ ފެޝަންތަކަށް ލޯބިކުރާ މީހުންނަށް ވެސްކަމުދާގޮތަށް ފަރުމާކޮއްފައި ވާ ސައިކަލު ތަކެކެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv