ޑީ.އާރު.ޕީން ވަކިވި ދެ މަޖިލީހުގެ މެމްބަރުން އެމް.ޑީ.ޕީއާ ގުޅިގެން އިސްލާހީ މަސައްކަތް ކުރުމަށް ނިންމައިފި

މުހައްމަދު ރަފީއު އޭޕްރީލް 25 2007، 17:10 3 ޚިޔާލު

ދާދިފަހުން ދިވެހި ރައްޔިރުންގެ ޕާޓީ)ޑީއާރްޕީ(ން ވަކިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އާ ގުޅިގެން އިސްލާހީ މަސައްކަތް ކުރުމަށް ނިންމައިފި އެވެ.

މިކަން ނިންމާފައި ވަނީ ޑީއާރްޕީން ވަކިވެ ވަޑައިގެންނެވި މެމްބަރުން ނިސްބަތްވާ ޖަމިއްޔާއެއް ކަމަށްވާ ޕީޕަލްސް އެސޯސިއޭޝަންގެ ހެޑް އޮފީހުގައި ރޭ 10 ޖެހިއިރު ބޭއްވި ބައްދަލުވުމުގަ އެވެ.

މިބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ތިން މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ ތެރޭގައި ހިމެނެނީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި މާލޭ މެމްބަރު މުޙައްމަދު ޝިހާބާއި, ނާއިބް ރައީސް އަދި ތ. އަތޮޅު މެމްބަރު ހަސަން އަފީފާއި, ލ. އަތޮޅުމެމްބަރު ރީކޯ މޫސާމަނިކެވެ. ޕީޕަލްސް އެސޯސީއޭޝަންގެ ފަރާތުން ބައިވެރިވަޑައިގަތީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއީމަންޓް އެނޑް ޝޯޝަލް ސެކިއުރިޓީ ކަމުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި އަބްދުﷲ ޔާމީނާއި ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާދެއްވި އަހުމަދު ނާޒިމާއި ގއ. އަތޮޅު މެމްބަރު އަބްދުﷲ ޖާބިރާއި ހއ. އަތޮޅު މެމްބަރު ޖައުފަރު އީސާގެ އިތުރުން ގދ. އަތޮޅު މެމްބަރު ޒާހިރު އާދަމެވެ.

ޕީޕަލްސް އެސޯސީއޭޝަންގެ އެއް މުއައްސިސެއް ކަމުގައިވާ ޖައުފަރު އީސާ މިއަދު ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ވާހަކަތައް ދެކެވުނީ މަޖިލީހުގެ ތެރޭގައި ދެބައިމީހުން ގުޅިގެން ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި މަސައްކަތް ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. މިގޮތުން ރައްޔިތުންނަށް ފައިދާ ހުރި ޑިމޮކްރެޓިކް ވެއްޓެއް ގާއިމް ކުރުމަށާއި, ހުށަހަޅާ ބިލްތަކަށް ވެސް ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކަކީ ކޮބާތޯ ބަލައި އެގޮތަކަށް ދެބައި މީހުން ގުޅިގެން މަސައްކަތް ކުރުމަށް ކަށެވެ.

” ވަކިމީހަކު އަންގާ ގޮތަކަށް ކަންތައް ކުރަން ހަދައިގެން މިހާރުވެސް ޚާއްޞަ މަޖިލިސް އޮތީ ޑެޑްލޮކް ވެފައި“ ޖައުފަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ބައިމީހުންގެ މެދުގައި ދެކެވުނު ވާހަކަ ތަކުގެ ނަތީޖާ މާދަމާވެސް ޚާއްޞަ މަޖިލީހުން ފެންނާނެ ކަމަށެވެ.

” އައްބާސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓްގައި އަޅުގަނޑުމެން ވެސް ބައިވެރިވާނަން. އެކަން ކާމިޔާބު ކުރުމަށް މަސައްކަތް ވެސް ކުރާނަން“ ޖައުފަރު ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވީ އެ އެސޯސީއޭޝަނުގައި މިވަތު ވެސް މަޖިލީހުގެ ދިހަ މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މުޙައްމަދު ޝިހާބުގެ ބަހެއް ނޫސް ޗާޕަށް ދިޔައިރު ވަނީ ލިބޭގޮތް ނުވެފަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރޭ ގެ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި އެ ބައްދަލުވުމަށްފަހު ގައުމު އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ.

” އަޅުގަނޑުމެން މިތިބީ ހެޔޮއެދިގެން މަސައްކަތް ކުރުމަށް ކޮންމެ ބަޔަކު ގޮވާލިޔަސް އެކަމަށް އިޖާބަދީ މަސައްކަތް ކުރުމަށް ތައްޔާރަށް. އެމީހުން ) ޕީޕަލްސް އެސޯސޯއޭޝަން( ވެސް ތިބީ ޑީއާރުޕީން ކަންތައްތައް ކުރިއަށް ގެންދާ ގޮތުން ހިތް ހަމަނުޖެހިފައި. އެމީހުންނާ ގުޅިގެން އެކަށީގެންވާ މުހިއްމު, ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް މަޖިލީހުގެ ތެރޭގައި ކުރެވިދާނެ “ މޫސަ ވިދާޅުވި އެވެ. ރޭ ބޭއްވި ބައްދަލުވުމުގެ އިތުރު ތަފުޞީލެއް މޫސަ ނުދެއްވަ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މިއީ ވަރަށް އުންމީދު އާލާވެގެން ދިޔަކަމެއް. މިފަދަ އިޚްލާސްތެރި ރޫޙެއްގައި މި ދެފަރާތުން މަސައްކަތްކޮށްފިނަމަ އަވަސް މުއްދަތެއްގައި ގާނޫނު އަސާސީ އިޞްލާޙުކުރެވިދާނެ. އެހެން ނަމަވެސް އެއީ ޚިޔާލު ތަފާތުވުންތައް އެއްކައިރި ކުރުމަށްފަހު ހަގީގީ އިސްލާހަށް މަސައްކަތްކޮށްގެން ނޫނީ ހާސިލުނުވާނެ ކަމެއް. މި މުނާސަބަތުގައި އެމްޑީޕީއާއި ޕީޕަލްސް އެސޯސިއޭޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން. އަދި އަޅުގަނޑުމެން ދިވެހިން ތިޔަފަދަ ފަރާތެއްގެ އިންތިޒާރުގައި ތިބިވާހަކަވެސް ދަންނަވަން.

    ބުދަ، އޭޕްރީލް 25 2007، 20:05
  2. މަރުޙަބާ ޔާމީން،ތިނެގީ ވަރައް ރަގަޅު ފިޔަވަޅެއް.އަޅުގަޑްމެން ބޭނުން ވަނީ ވީހާވެސް އަވަހަކަށް ގާނޫން އަސާސީ އިސްލާޙްކޮށް ނިންމަން. = ބްލެކްބޮކްސް=

    ބުދަ، އޭޕްރީލް 25 2007، 20:53
  3. ޑީއާރުޕީގެ ކުރީގެ މެންބަރުން ތަކެއް، އެމްޑީޕީ އާއި ގުޅުމަކީ ވަރަށް ވެސް އުފާވެރި ޚަބަރެއް.. ނަމަވެސް ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި މިކަމަކީ ވަރަށް ބޮޑަށް ވިސްނާ ލަންޖެހޭ ކަމެއް. ޚާއްސަކޮށް ޔާމީން މިކަމުގައި ޝާމިލް ވުމަކީ މިކަމުގެ އޮޅުންބޮޅުން އިތުރުކޮށްދޭ ކަމެއް... ޤަބޫލު ކުރވޭ ގޮތުގައި މިއީ 2008 ވަނައަހަރު ގެ އިންތިހާބަށް ޑިއާރުޕީގެ ޒައީމް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ މުޙިއްމު ބައެއް.. މިއީ މައޫމުން އަބުދުލް ޤައްޔޫމުގެ ސިޔާސީ އުކުޅެއް.. ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ކޮށްޓަވަމުންދާ މަގެއް..

    ހޯމަ، އޭޕްރީލް 30 2007، 00:59
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv