ސަރުކާރުގެ 21 ކުންފުންޏަކުން ވިޔަފާރި ކުރާއިރު, 20 ކުންފުންޏަކަށް އެކަށީގެންވާ ފައިދާއެއް ނުލިބޭ: އޭޑީބީ

މިއުސަމް އައްބާސް އޮކްޓޫބަރ 14 2007، 16:14 0 ޚިޔާލު

ސަރުކާރަށް ނިސްބަތްވާ 21 ކުންފުންޏަކުން ވިޔަފާރި ކުރަމުން ގެންދާއިރު, އޭގެތެރެއިން އެކަށީގެންވާ ފައިދާއެއް, 20 ކުންފުންޏަކުން ނުލިބޭ ކަމަށް އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ބުނެފި އެވެ.

ރާއްޖެ އާއި އޭޑީބީއާ ދެމެދު ގާއިމުކުރި ފަސް އަހަރުގެ ކަންޓްރީ ޕާޓްނަޝިޕް ސްޓްރެޓެޖީ (ސީޕީއެސް)ގައި ބުނެފައި ވަނީ ސަރުކާރުން ހިންގާ ވިޔަފާރި ކުންފުނިތަކުން ސަރުކާރަށް އެކަށީގެންވާ ފައިދާއެއް ލިބެމުން ނުދިޔަ ކަމުގައި ވިޔަސް އެތަންތަނުން އިތުރު ފައިދާ ހޯދުމަށާއި އަދި އެތަންތަން އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ސަރުކާރުން ސަމާލުކަމެއް ދީފައިނުވާ ކަމަށެވެ.

” ރާއްޖޭގެ ވިޔަފާރި ކުރުމުގެ ވިއުގަ އެހާ ފުން ކަމަކަށް ނުބެލެވޭ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި ޓެލެކޮމިއުނިކޭޝަން ކުންފުނިން ކުޑަވަރެއްގެ އެހީއެއް އަހަރުގެ ބަޖެޓަށް ވައްދައިދެވެނީ“ އޭޑީބީގެ ސީޕީއެސްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް އާންމުންގެ އަތްމައްޗަށް ދޫކުރުމަށް ބާރު އަޅަމުން އޭޑީބީއިން ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކަށް މާބޮޑު ފައިދާއެއް ނުވާއިރު ބައެއް ކުންފުނިތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ދައުލަތުގެ ބަޖެޓުން އެހީ (ސަބުސިޑީޒް) ދޫކުރެވޭ ކަމަށެވެ. އެގޮތުން ފާހަގަ ކޮށްފައިވާ ދެ ކުންފުންޏަކީ ފެނުގެ ހިދުމަތްދޭ ކުންފުންޏާއި ކަރަންޓްގެ ހިދުމަތްދޭ ކުންފުންޏެވެ.

ރާއްޖޭގެ ދަރަނިތައް ބޮޑުވެ, ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އޮތްކަމަށް ފާހަގަ ކުރަމުން އޭޑީބީން ބުނެފައި ވަނީ ރާއްޖޭއިން ބޭރު ދުނިޔެއަށް ދަރަމުންދާ ދަރަނިތައް އެއްވެސް ހިފެހެއްޓުމެއް ނެތި އިތުރުވަމުން އަންނަ ކަމަށެވެ.

މިއެއްބަސް ވުމުގެ ދަށުން ރާއްޖޭގެ އިގްތިސާދީ ދާއިރާ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އިގްތިސާދީ ދާއިރާގެ ހިންގުން ހަރުދަނާކުރުމުގެ މަޝްރޫއުތަކަށް އޭޑީބީ އިން ރާއްޖެ އަށް 34 މިލިއަން ޑޮލަރު (436.9 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ހިންގާ ޕްރޮގްރާމްތަކަށް ދިނުމަށް ހަމަޖައްސާފައިވަނީ 16 މިލިޔަން ޑޮލަރެވެ. އަދި 2009 ވަނަ އަހަރުން 2011 އަށް ދިނުމަށް ހަމަޖެހިފައިވަނީ 18 މިލިޔަން ޑޮލަރެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 3 މިލިޔަން ޑޮލަރު (38.5 މިލިއަން ރުފިޔާ) ދިނުމަށް އޭޑިބީއިން ވަނީ ނިންމާފަ އެވެ.

އޭޑީބީއިން ރާއްޖެއަށް ލޯނުދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ސުނާމީއާ ގުޅިގެން ރާއްޖެއަށް ލިބިފައިވާ އެހީގެ ފައިސާތައް އެކި ޕްރޮޖެކްޓްތަކަށް ހަރަދުކުރެވިފައިނުވާ ކަމަށް އޭޑީބީއިން ވަނީ ފާހަގަ ކޮށްފަ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv