

ލަންކާގައި ސޮލާހުގެ ހަށިގަނޑު ވަޅުލަން ބޭނުންވާތީ ހަށިގަނޑު ހަވާލުކުރުމަށް އޭނާގެ އާއިލާއިން އެމްބަސީގައި އެދިއްޖެ
އަނިޔާތަކަކާއެކު މަރުވެފައިއޮއްވާ މާލޭގެ ދެކުނު ފަރާތު ފަޅު ތެރެއިން ފެނުނު ސ ހިތަދޫ ނާޒުކީގޭ ހުސައިން ޞަލާހުގެ ލަންކާގައި ވަޅުލަން ބޭނުންވާތީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި އެދިފައިވާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި އަހުމަދު ޒާހިރު ވިދާޅުވީ ލަންކާގައި ހެދި ޕޯސްޓް މޯޓަމުގެ ނަތީޖާއާ މެދު އާއިލާއިން ހިތްހަމަނުޖެހިގެން އިތުރު ޕްރޮފެޝަނަލް އޮޕީނިޔަނެއް ހޯދަން ބޭނުންވާ ކަމަށް ބުނެ, އެކަމުގެ ހުއްދަ ހޯދައިދިނުމަށް ދިވެހި އެމްބަސީން އެދިފައިވަނިކޮށް އެކަން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
” އެކަން ވެސް ސަރުކާރުން ނުކޮށް ދިނުމުން މިހާރު އާއިލާއިން ބޭނުންވަނީ ވީހާ އަވަހަށް ސޮލާހުގެ ޖަނާޒާގެ ކަންތައްތައް ލަންކާގައި ނިންމާލުމަށް. އެހެންވެ މިތިބީ ހަށިގަނޑާ ހަވާލުވުމަށް އެމްބަސީ އަށް އައިސް. މި ތަނުގައި މިތިބީ އަޅުގަނޑުމެން ތިން މީހުން. މި ތަނުން ދާނީ ހަށިގަނޑު ލިބުމުން. އެއީ އަޅުގަނޑުމެންގެ ހައްގެއް.“ ދިވެހި އެމްބަސީ ކައިރީގައި ހުރެ ފޯނުން ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވި އެވެ.
އާއިލާ އިން ކަނޑައެޅި ޑޮކްޓަރަށް އޭނާގެ ހަށިގަނޑު ދެއްކުމަށް ވެސް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ދެކޮ ހަދައި އެކަމުގެ ހުއްދަ ވެސް ނުދީކަމަށް އައިލާ އިން ކުރިން ވަނީ ބުނެފަ އެވެ.
މި ވަގުތު ސިންގަންޕޫރުގައި ހުންނެވި ސަރުކާރުގެ އިސްތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު )މުންދު( ވިދާޅުވީ ދެ ވަނަ އޮޕީނިއަން އަކަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެ އައިލާ އިން ހުށަހަޅާފައިވަނިކޮށް އަދި އެކަމަށް ސަރުކާރުން ވަކިގޮތެއް ނުނިންމަނީސް ރޭގެ ދަންވަރު ވަގުތެއްގައި ހަށިގަނޑު ލަންކާގައި ވަޅުލަން ބޭނުންވާ ކަމަށް ބުނެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދި ފޮނުވި ސިޓީއާ ގުޅިގެން ލަންކާގައި އެކަންތައްތައް އޮންނަ ގޮތް ސާފުކުރުމަށް މިއަދު ހެނދުނު ލަންކާ ސަރުކާރުގައި އެދިފައިވާ ކަމަށެވެ.
”ޕޯސްޓްމޯޓަމް ހަދަން ގެންދިޔަ މީހެއް ވަޅުލެވޭނެތޯ އާއި އެކަންކަން އޮންނަ ގޮތް ސާފުކުރުމަށް ވަނީ އެދިފައި. އެކަންތައްތައް ސާފުވާނެ ވަގުތެއް ނޭނގޭ,“ މޮންދު ވިދާޅުވި އެވެ.
އާއިލާއިން ބުނީ ގިނަ ދުވަސްތަކެއްވެގެން ދިޔަ އިރު ވެސް ސަރުކާރުން ސޮލާހުގެ ހަށިގަނޑު ހިފަހައްޓައިގެން އުޅެނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި އާންމު އުސޫލުން ހަށިގަނޑު އާއިލާއާ ހަވާލުނުކޮށް ވަގުތު ނަގާލަނީ ކޮންމެ ވެސް ނޭދެވޭ ފައިދާތަކެއް ނެގުމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު ޞަލާހު މަރުވެފައި ވަނިކޮށް ފެނުމާ ގުޅިގެން އައިޖީ އެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ޞަލާހު މަރުވެފައިވަނީ އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އަދި ސައިނަސް ކަށިގަނޑަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ޓީވީ މޯލްޑިވްސް އަށް ދިން އިންޓަވއެއްގައި ބުނެފައިވެ އެވެ. އެ މައުލޫމާތު ފުލުހުން ހާމަކޮށްފައިވަނީ އައިޖީއެމްއެޗުން ނެގި އެކްސްރޭ އާއި ސީޓީ ސްކޭނުގެ އަލީގައި ކަމަށް ވެސް ފުލުހުން ވަނީ ޑޮކްޓަރުންނާ ހަވާލާދީ ބުނެފަ އެވެ.
ޞަލާހު މަރުވެފައިވަނީ އޭނާގެބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ހާމަކުރިތާ ހަ ދުވަސް ފަހުން, ލަންކާގައި ހެދި ޕޯސްޓްމޯޓަމުން ވަނީ ޞަލާހު މަރުވެފައިވަނީ ގެނބިގެން ކަމަށް ދައްކާފަ އެވެ. އަދި އެއްވެސް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.